އޭއެފްސީ ކަޕް ކޮލިފިކޭޝަންގައި ވާދަ ކުރަން މާލެ އައި އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން، ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލުމުން، އެ ޓީމު ފުރަން އަންގައިފި އެވެ.

ހޮޓެލް ޖެންގައި ކޭމްޕް ކޮށްފައިވާ ބެންގަލޫރުގެ ބައެއް ކުޅުންތެރިން މިއަދު ހަވީރު ހޮޓަލުން ބޭރަށް ނުކުތް މައްސަލަ ވަނީ ފެންމަތިވެފަ އެވެ. ކޮވިޑް-19 އާ ގުޅިގެން އޭއެފްސީން އެކުލަވާލާފައިވާ ޕްރޮޓޮކޯލްގެ ދަށުން މެޗަށް ނުވަތަ ޕްރެކްޓިހަށް ދާން ނޫން ގޮތަކަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކަށް ހޮޓަލުން ބޭރަށް ނުނިކުމެވޭނެ އެވެ.

ސްޕޯޓްސް މިނިސްޓަރު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑްގެ އުސޫލުތައް ބެންގަލޫރުގެ ކުޅުންތެރިން މުގުރާލުމުން މެޗު ކުރިއަށް ނުގެންދެވޭނެ ކަމަށް އެފްއޭއެމް އަށް އަންގާފައި ވާނެ ކަމަށެވެ. އަދި ބެންގަލޫރު ފުރުވާލުމުގެ ކަންކަން ހަމަޖެއްސުމަށްވެސް މަހްލޫފް ވަނީ އަންގާފަ އެވެ. މިނިސްޓަރު އިތުރަށް ވިދާޅުވެފައި ވަނީ އޭއެފްސީ ކަޕް ފަސް ކުރުމަށް ވެސް އޭއެފްސީ އާއެކު އެފްއޭއެމް މެދުވެރިކޮށް ވާހަކަ ދައްކާނެ ކަމަށެވެ.

"މި ވަގުތު މި މެޗު (ޕްލޭއޮފް) ނުބޭއްވޭނެ ކަމަށް އެފްއޭއެމް އަށް ވާނީ އަންގައިފަ. އަދި ބެންގަލޫރު ރާއްޖޭން ފުރުމުގެ އިންތިޒާމް ހަމަޖެއްސުމަށް ވާނީ އަންގައިފަ،" މަހްލޫފް ކުރެއްވި ޓުވީޓުގައި ބުނެފައިވެ އެވެ. "އަދި އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖު ފަސްކުރުމަށް އޭއެފްސީއާ މަޝްވަރާ ކުރުމަށް އެފްއޭއެމްގައި ވާނީ އެދިފަ."ހ

ހާއްސަ ހުއްދައެއްގެ ދަށުން ބެންގަލޫރު ރާއްޖެ އައީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގައި މި މަހުގެ 11 ވަނަ ދުވަހު ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅެންޖެހޭ މެޗަށެވެ. އެކަމަކު މިހާރު މި މެޗާއި، މި މަހުގެ 14 އިން 20 އަށް މާލޭގައި ކުޅުމަށް ހަމެޖެހިފައިވާ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގެ މެޗުތައް ބޭއްވޭނެ ކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.

އޭއެފްސީ ކަޕަށް ކްލަބް އީގަލްސް ވެސް ވަނީ ކޭމްޕްކޮށްފަ އެވެ. އަދި ގުރޫޕް ސްޓޭޖުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މާޒިޔާ އިން ވަނީ އިއްޔެ ކޭމްޕަށް ވަދެފަ އެވެ.

ކޮވިޑްގެ ކޭސްތައް މާލޭގައި އިންތިހާ އަށް ގިނަވެފައިވާ ދަނޑިވަޅެއްގައި، އޭއެފްސީ ކަޕް ކުޅުމަށް އެޗްޕީއޭ އިން ދިނީ ހާއްސަ ހުއްދައެކެވެ. އަދި މި މުބާރާތް ކުރިއަށް ގެންދާއިރު، ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުދަނާ ވާނެ ކަމުގެ ޔަގީންކަން އެފްއޭއެމް އާއި ޔޫތު މިނިސްޓްރީން ވަނީ މީގެ ކުރިން ދީފަ އެވެ.

ރާއްޖޭގައި ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި މާލޭގައި މެޗުތައް ކުޅުމަށް ނިންމުމާއެކު، އާންމުންގެ ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ.