އިންޑިއާގެ މަނިޕާލް ހޮސްޕިޓަލުން ސިއްހީ ފަރުވާދޭ އަގުތައް ބޮޑުކަމުން، އެ ހޮސްޕިޓަލަށް އާސަންދަ ދިނުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
އާސަންދައިގެ ޕޮލިސީތައް ހަދާ، އެންސްޕާގެ ސީއީއޯ ހީނާ ވަލީދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހުން ފެށިގެން އިންޑީއާގެ މަނިޕާލަށް އާސަންދައިގެ ހިދުމަތް ދިނުން މެދުކަނޑާލީ އެ ހޮސްޕިޓަލްގެ އަގުތައް ބޮޑުކަމުން، އަގު ހެޔޮކުރުމުގެ މަޝްވަރާކުރަމުން އަންނާތީ ކަމަށެވެ.
އެ މަޝްވަރާތަކަށް ފަހު އާސަންދަ އަލުން ދޭނެ ކަމެއް ނުވަތަ ނޫން ކަމެއް އަދި ނޭނގެ އެވެ.
ހީނާ ވިދާޅުވީ މަނިޕާލް ހޮސްޕިޓަލަށް އާސަންދައިން ކަނޑައަޅާފައިވާ ރޭޓްގެ އިތުރަށް ބަލި މީހުންގެ އަތުން އެތައް ގުނައަކުން ފައިސާ ނަގާ ކަމުގެ ޝަކުވާތައް ވަރަށް ގިނައިން ލިބޭ ކަމަށެވެ.
އެހެންވެ، ވަކި ގޮތެއް ނިންމަންދެން، މިހާރު ވެސް އެ ހޮސްޕިޓަލުން ހިދުމަތް ހޯދާ މީހުންނަށް ފަރުވާ ކުރިއަށް ގެންދެވޭނެ ކަމަށާއި، އާސަންދަ ނުލިބޭނީ އަލަށް ފަރުވާ ބޭނުންވާ މީހުންނަށް ކަމަށް ހީނާ ވިދާޅުވި އެވެ.
"މަނިޕާލަށް ފޮލޯއަޕް ކޭސްތަކަށް ދާ މީހުންނަށް މިހާރު ވެސް އާސަންދަ ލިބޭނެ. އާ ކޭހަކަށް ނުފޮނުވާނެ." އޭނާ ވިދާޅުވި އެވެ.
އާސަންދައިގައި ބޭރުގެ 57 ހޮސްޕިޓަލެއް ވަނީ އެމްޕެނަލް ވެފަ އެވެ. އޭގެ ތެރެއިން، ސްރީލަންކާގެ އަށް ހޮސްޕިޓަލެއް ފިޔަވާ، ބާކީ 49 ހޮސްޕިޓަލަކީ އިންޑިއާގެ ތަންތަނެވެ. އެ ހުރިހާ ތަނެއްގެ ތެރެއިން ވެސް އެންމެ އަގުބޮޑު ތަނަކީ މަނިޕާލެވެ.