އިންސްޓަގްރާމުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެޕެއް ލޯންޗްކުރަން ނިންމާފައިވާކަން އިއުލާންކޮށްފައި ވާތީ އެކަން ހުއްޓާލަން ގޮވާލައި ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގަށް ސިޓީއެއް ފޮނުވައިފި އެވެ.
ފޭސްބުކްގެ ދަށުން ހިންގާ އިންސްޓަގްރާމުން 13 އަހަރުން ދަށުގެ ކުދިންނަށް ހާއްސަ އެޕެއް ލޯންޗްކުރަން ނިންމާފައިވާކަން ހާމަކޮށްފައި ވަނީ މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. އޭރު އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ ވިދާޅުވީ ތޭރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ވާޝަނެއް ގެނެސްދިނުމުގެ މަސައްކަތް ފަށާފައި ވަނީ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ވެސް އެކަމަށް އެދެމުންދާތީ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ އެޕަކީ ބެލެނިވެރިންނަށް ކޮންޓްރޯލް އޮންނަ ގޮތަށް ހަދާ އެއްޗެކެވެ.
ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގެ ތެރެއިން އެންމެ މަގުބޫލު ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ އިންސްޓްރާމަކީ 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެޕެކެވެ. އެކަމަކު އުމުރު އޮޅުވާލައިގެން ކުޑަކުދިން އެ އެޕް ބޭނުންކުރާ މައްސަލަ ބޮޑެވެ.
އެކަން އެހެން އޮއްވައި ކުޑަކުދިންނަށް ހާއްސަ އެޕެއް ލޯންޗްކުރަން ނިންމާފައިވާތީ، ކަންބޮޑުވުން ފާޅުކޮށް ކުޑަކުދިންގެ ހައްގުތަކަށް ވަކާލާތުކުރާ ކެމްޕޭން ފޯ އަ ކޮމާޝަލް-ފްރީ ޗައިލްޑް (ސީސީއެފްސީ) އިން ޒަކަބާގަށް ބުރާސްފަތި ދުވަހު ފޮނުވި 10 ސޮފުހާގެ ސިޓީއެއްގައި ބުނީ 13 އަހަރުން ދަށަށް ކުޑަކުދިންނަށް ހާއްސަކޮށްގެން އިންސްޓަގްރާމް އާ ވާޝަނެއް ލޯންޗްކުރުމަކީ ބުއްދިވެރި ކަމެއް ނޫން ކަމަށާއިގެ އޭގެ ސަބަބުން ކުދިން ވެއްޓޭނީ އިތުރު ނުރައްކަލެއްގެ ތެރެއަށް ކަމަށެވެ.
"އަހަރެމެން ގަބޫލުކުރަން މިހާރު މި ގެންގުޅޭ އިންސްޓަގްރާމަކީ ވެސް ކުޑަކުދިންނަށް ރައްކާތެރި އެއްޗެއް ނޫންކަން. އެހެންވީމަ ތޭރަ އަހަރުން ދަށުގެ ކުދިންނަށް އިންސްޓަގްރާމްގެ އާ ވާޝަނެއް ގެނެސްދިނުމަކީ ވެސް އެންމެ ރަނގަޅު ކަމެއްގެ ގޮތުގައެއް ނުފެނޭ،" ސިޓީގައި ބުންޏެވެ. "މިހާރު ވެސް ދޮގު މައުލޫމާތު ދީގެން ޕްލެޓްފޯމްކުރާ ބޭނުންކުރާ މައްސަލަ ބޮޑު. އެތަކަލެއް މިލިއަން ކުދިންނަށް ހިމާޔަތާއި ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކުރެވޭ ނަމަ ތޭރަ އަހަރުން ދަށަށް އެޕެއް ލޯންޗްކުރުމަކީ އެއްގޮތަކަށް ވެސް ރައްކާތެރި ކަމެއް ނޫން."
ސީސީއެފުން ބުނި ގޮތުގައި މީގެ ސަބަބުން އަނެއްކާ ވެސް ޗިލްޑްރެން ޕްރައިވެސީ ޕްރޮޓެކްޝަން އެކްޓް (ސީއޯޕީޕީއޭ) އާ ހިލާފަށް އެތައް ކަމެއް ހިނގާނެ ކަމަށެވެ. އަދި މިހާރު ވެސް ސޯޝަލް މީޑިއާގެ ސަބަބުން ކުޑަކުދިންނަށް އެތައް ގޮތަކުން ނޭދެވޭ އަސަރުކުރަމުންދާ ކަމަށް ބުންޏެވެެ.
"އެހެންވީމަ އަހަރެމެން ކަންބޮޑުވޭ މިކަމާ ދޭތެރޭ." ސީސީއެފުން ބުންޏެވެ.
މިކަމާ ބެހޭ ގޮތުން އިންސްޓަގްރާމުންނާއި ސީދާ ފޭސްބުކުން ވެސް އަދި ވަކި އެއްޗެއް ނުބުނެ އެވެ.