އުމުރުން ތޭރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަކޮށްގެން އިންސްޓަގްރާމްގެ އިތުރު ވާޝަނެއް ނެރެން މަސައްކަތް ފަށައިފި އެވެ
ފޭސްބުކްގެ ދަށުން ހިންގާ އެ ޕްލެޓްފޯމަކީ މިހާރު 13 އަހަރުން މަތީގެ މީހުންނަށް ހާއްސަ އެއްޗެކެވެ. ނަމަވެސް އުމުރު އޮޅުވާލައިގެން އިންސްޓަގްރާމް ބޭނުންކުރާ ކުދިން ގިނަކަމުން ކުދިންގެ ރައްކާތެރިކަމަށް ވަރަށް ގިނަ ފިޔަވަޅުތައް މިހާތަނަށް އަޅާފައިވެ އެވެ.
އެގޮތުން، އެންމެ ފަހުން ތައާރަފުކުރަން އިއުލާންކުރި އެއް ފީޗާ އަކީ އިންސްޓަގްރާމް ބޭނުންކުރާ ފުރާވަރުގެ ކުދިންގެ ރައްކާތެރިކަން އިތުރަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން އެ އުމުރުފުރާގެ ކުދިން ފޮލޯނުކުރާ ބޮޑެތި މީހުންގެ ފަރާތުން ޑައިރެކްޓް މެސެޖް ނުފޮނުވޭ ގޮތަށް ހެދުމެވެ.
ތޭރަ އަހަރުން ދަށުގެ ކުދިންނަށް ހާއްސަ ވާޝަނެއް ގެނެސްދިނުމުގެ މަސައްކަތް ފަށާފައި ވަނީ ވަރަށް ގިނަ ބެލެނިވެރިންގެ ފަރާތުން ވެސް އެކަމަށް އެދެމުންދާތީ ކަމަށް އިންސްޓަގްރާމްގެ ހެޑް އެޑަމް މޮޒެރީ ވިދާޅުވި އެވެ.
"މެސެންޖާ ކިޑްސް ގޮތަށް ބެލެނިވެރިންނަށް ކޮންޓްރޯލް އޮންނަ ގޮތަށް އިންސްޓަގްރާމްގެ ވާޝަނެއް ތޭރަ އަހަރުން ދަށަށް ގެނެސްދޭނަން،" އޭނާ ވިދާޅުވި އެވެ.
އެޑަމް ވިދާޅުވީ އެކަމާ ބެހޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި އާންމުކުރާނެ ކަމަށެވެ.