ބޮލީވުޑްގެ ބަތަލާ ޝްރަދާ ކަޕޫރްގެ ހިތް ހަމަ ރަނގަޅަށް ވެސް ދިވެހި ރާއްޖެ އަށް ދެވިފައިވާ ކަމަށް މިހާރު ބުނެވިދާނެ އެވެ. ޒުވާން ބަތަލާ މިހާރު ހުރީ އަނެއްކާ ވެސް ރާއްޖޭގަ އެވެ. މިއީ ދެ މަހުގެ ތެރޭގައި އޭނާ ރާއްޖެ އަށް އައި ތިން ފަހަރެވެ.
މި ފަހަރު ޝްރަދާ ޗުއްޓީ ހޭދަކުރަނީ ބަރޮސް މޯލްޑިވްސްގަ އެވެ. އެތަނުގައި ނަގާފައިވާ ފޮޓޯއެއް ހިއްސާކޮށް ބުނެފައި ވަނީ "އެނބުރި އަލުން ވެއްޓަށް އައީ" ކަމަށެވެ. ބަރޮސްގައި މީގެ ހަފުތާއެއްހާ ދުވަސްކުރިން ޑައިރެކްޓަރު/ކޮރިއޮގްރާފަރު ފަރާ ޚާން ވެސް ޗުއްޓީ ހޭދަކުރި އެވެ.
ބޮލީވުޑްގައި މިހާު ތިބި ޒުވާން ބަތަލާއިންގެ ތެރެއިން އެންމެ ހުނަރުވެރި އަދި އެންމެ ކާމިޔާބު ބަތަލާއިންގެ ތެރޭގައި ގުނައިލެވޭ ޝްރަދާ އެންމެ ފުރަތަމަ ރާއްޖެ އައީ މިދިޔަ މަހުގެ ކުރީކޮޅު އެވެ. އެއީ އޭނާގެ ދެބޭންގެ ދެދަރި ކޮއްކޮ އެކްޓަރު ޕްރިޔާންކް ޝަރުމާގެ ކައިވެނީ ޕާޓީއަށެވެ. ޕްރިޔާންކް އަކީ ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ދަރިފުޅެވެ. ޕަދުމިނީ އަކީ ޝްރަދާގެ މަންމަ ޝިވާންގީ ކަޕޫރްގެ ކޮއްކޮ އެވެ.
ގިނަ އަދަދެއްގެ ބަޔަކު އައިސް ބޭއްވި ޕްރިޔާންކްގެ ކައިވެނީގެ ޕާޓީ ބޭއްވީ އޯޒެން ލައިފްގަ އެވެ. ޕްރިޔާންކް އަކީ މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ސަބް ކުޝަލް މަންގަލް" އިން އެކްޓިން އަށް ނުކުންނަ ފަންނާނެވެ.
އާއިލާގެ މެމްބަރެއްގެ ކައިވެނީގެ ޕާޓީ ބޭއްވުމަށް އެނބުރި ދިއުމަށް ފަހު ޝްރަދާ އަލުން އަނެއްކާ ރާއްޖެ އައީ މިދިޔަ މަހުގެ މެދުތެރޭގަ އެވެ. އެ ފަހަރު ހަމަ ޗުއްޓީ އަށް އައީ ބައްޕަ ޝަކްތީ ކަޕޫރާއި މަންމައާ ވެސް އެކީގަ އެވެ. އެ ދަތުރު ހޭދަކުރީ ވޮއްމުލި ރިސޯޓްގަ އެވެ.
ޝްރަދާ މިހާރު ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ އިރު މި ހަފުތާގައި އޭނާ އާ ފިލްމަކަށް ސޮއި ވެސް ކޮށްފައިވެ އެވެެ. އެއީ ޑަބަލް ރޯލެއް ކުޅޭނެ "ޗަލްބާޒް އިން ލަންޑަން" އެވެ. ޝްރަދާ މި ވަގުތު މަސައްކަތް ފަށާފައި އޮތް ފިލްމަކީ ޑައިރެކްޓަރު ލަވް ރަންޖަންގެ ނަން އިއުލާންނުކުރާ ރޮމޭންޓިކް ކޮމެޑީއެއްގަ އެވެ. ރަންބީރް ކަޕޫރް ބަތަލުގެ ރޯލު ކުޅޭ ފިލްމުގެ ޝޫޓިން މިހާރު އޮތީ ގާތްގަނޑަކަށް ނިމިފަ އެވެ.
"އާޝިގީ 2" އާއި "އޭކް ވިލަން" އާއި "ބާގީ" ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވާ ޝްރަދާ ސޮއިކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ނާގިން" ޓްރިލޮޖީ ހިމެނެ އެވެ. މިދިޔަ އަހަރު އޭނާގެ ދެ ފިލްމެއް ކުރީކޮޅު ރިލީޒްވި އެވެ. އެއީ "ސްޓްރީޓް ޑާންސާ" އާއި "ބާގީ 3" އެވެ.