ބޮލީވުޑްގެ ބަލަތާ ޝްރަދާ ކަޕޫރް ދިވެހިރާއްޖޭގެ ތިން ވަނަ ދަތުރަށް ފަހު ހޮނިހިރު ދުވަހުގެ ރޭ އެނބުރި އިންޑިއާ އަށް ދިޔައިރު އަވީގެ ސަބަބުން ހަމުގެ ކުލަ ބަދަލުވެފައި ވާތީ މީޑިއާތަކުން އޭނާ "ބްރޯންޒްޑް ބީޗީ ވައިބް" ގެނެސްދިން ތަރިއެއްގެ ގޮތުގައި ސިފަކޮށްފި އެވެ.
އެއާޕޯޓުން ނުކުތްތަނާ ނެގި ފޮޓޯތަކުން ފެންނަނީ އަވިން "އަނދާފައި" ހުރި ޝްރަދާއެކެވެ. ބަރޮސް މޯލްޑިވްސްގައި ލޯބިވެރިޔާ، ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އެކު ހޭދަކޮށްފައި ދިޔަ ޗުއްޓީ އަށް ފަހު ޝްރަދާ ހުރީ ރާއްޖޭގެ ހޫނު ޗުއްޓީން ސިފަ ބަދަލުވެފަ އެވެ.
ޝްރަދާ ލައިގެން ހުރި ޓީޝާޓު ވެސް ފޮޓޯގްރާފަރުންގެ ލޮލުގައި ވަރަށް ބޮޑަށް އަޅައިގަތް އެއްޗަކަށްވި އެވެ. އޭގައި އިނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރެކެވެ.
ތިން ވަނަ ފަހަރަށް ޝްރަދާ ރާއްޖެ އައީ މި މަހުގެ ކުރީކޮޅު އެވެ. އެއީ މާޗް މަހުގެ ތެރޭގައި ދެ ފަހަރަށް ޒިޔާރަތްކުރުމަށް ފަހު އެވެ. މާޗް މަހުގެ ކުރީކޮޅު ރާއްޖެ އައީ ދެބެއިންގެ ދެދަރި ކޮއްކޮ އެކްޓަރު ޕްރިޔާންކް ޝަރުމާގެ ކައިވެނީގެ ޕާޓީ ބޭއްވުމަށް އާއިލާގެ ގިނަ ބަޔަކާ އެކީގަ އެވެ. އެ ހަފުލާ އޮތީ އޯޒެން ލައިފްގަ އެވެ.
އެ ދަތުރުގެ ދެ ހަފުތާ ފަހުން ޗުއްޓީ އަށް ޝްރަދާ އައިސް ހުރީ ވޮއްމުލި ރިސޯޓްގަ އެވެ. އެ ދަތުރުގައި ބައްޕަ ޝަކްތީ ކަޕޫރާއި މަންމަ ޝިވާންގީ ކަޕޫރް ވެސް ބައިވެރިވި އެވެ.
ކައިރިކައިރީގައި ރާއްޖެ އަށް ތިން ދަތުރުކުރި ޝްރަދާ އަށް އިންސްޓަގްރާމްގައި 60 މިލިއަން ފޮލޯވަރުން ހަމަވެ، އެކަން ވެސް ފާހަގަކުރީ ރާއްޖޭގަ އެވެ. އެއީ ބަރޮސްގައި ނަގާފައިވާ ފޮޓޯއަކާ އެކީގަ ކެވެ. ހަމަމިއާ އެކު 34 ވަނަ އުފަން ދުވަސް މާޗް 3 ގައި ފާހަގަކުރީ ވެސް ރާއްޖޭގަ އެވެ. އެއީ އޯޒެން ލައިފްގަ އެވެ.
ޗުއްޓީ ނިންމާލައި އެނބުރި މުމްބާއީ އަށް ދިއުމަށް ފަހު، ޝްރަދާ ޝޫޓިން ފަށާފައި އޮތް، ރަންބީރް ކަޕޫރާ އެކު ކުޅޭ، ޑައިރެކްޓަރު ލަވް ރަންޖަންގެ ފިލްމުގެ މަސައްކަތް ކުރަންޖެހޭނެ އެވެ.
ޝޫޓިން ފަށަން ތައްޔާރުވާ ފިލްމުތަކުގެ ތެރޭގައި "ނާގިން" ޓްރިލޮޖީ އާއި "ޗަލްބާޒް އިން ލަންޑަން" ހިމެނެ އެވެ.
މިދިޔަ އަހަރު ޝްރަދާގެ ދެ ފިލްމެއް ރިލީޒްވި އެވެ. އެއީ "ސްޓްރީޓް ޑާންސާ" އާއި "ބާގީ 3" އެވެ.