އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިދިކޮޅު ޕީޕީއެމް އަނެއްކާވެސް 75،000ރ. އިން ޖޫރިމަނާކޮށްފި އެވެ.
ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރި ކުރުމުގެ ފިޔަވަޅުތަކާ ޚިލާފުވި ކަމަށް ބުނެ އިލެކްޝަންސް ކޮމިޝަނުން ކުރިން ވެސް ވަނީ ޕީޕީއެމާއި އެ ކޯލިޝަންގައި ހިމެނޭ ޕީއެންސީ ޖޫރިމަނާކޮށްފަ އެވެ. އެ ފަހަރު ކޮންމެ ޕާޓީއެއް ޖޫރިމަނާކުރީ 25،000ރ. އިންނެވެ. އޭގެ ކުރިން މިދިޔަ އަހަރު މާލޭގައި ބޭއްވި ވެހިކަލް ބުރަކާ ގުޅިގެން ވެސް އެ ޕާޓީ 75،000ރ. އިން ޖޫރިމަނާކުރި އެވެ.
މި ފަހަރު ޕީޕީއެމް ޖޫރިމަނާކުރީ މިދިޔަ މަހުގެ 12 ވަނަ ދުވަހު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މާލޭގައި ބޭއްވި މުޒާހަރާއާ ގުޅިގެންނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ޖަވާބުދާރީވުމުގެ ގޮތުން ޕީޕީއެމްގެ ފަރާތުން ހުށަހެޅި ހުށަހެޅުންތައް އެ ކޮމިޝަނުން ބަލައިނުގަތުމަށް ނިންމައި، ސިޔާސީ ޕާޓީތަކުގެ ގާނޫނާ ޚިލާފުވުމުން އެ ޕާޓީ 75،000ރ. އިން ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.
ނަމަވެސް ޕީޕީއެމްގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ތޮލާލު މިރޭ ވިދާޅުވީ، އެ ޕާޓީ މި ފަހަރު ޖޫރިމަނާކުރިކަން އީސީން ރަސްމީކޮށް ނާންގާ ކަމަށެވެ.
"ޖޫރިމަނާކުރިކަން އެނގިގެން މިދިޔައީ އީސީގެ ރައީސްގެ ޓުވީޓަކުން،" ތޮލާލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސިޔާސީ ހަރަކާތްތައް ހިންގުމުގެ ބާރު ގާނޫނުއަސާސީ އާއި ގާނޫނުން ލިބިދޭއިރު، އިދިކޮޅުން އެ ހަރަކާތްތަކުގައި ބައިވެރިވާ މީހުން ކޮންމެ ދުވަހަކު ޖޫރިމަނާކުރާ ކަމަށެވެ. އަދި ޕީޕީއެމް ވެސް ކޮންމެ ހަފުތާއަކު ޖޫރިމަނާކުރާ ކަމަށް ތޮލާލް ވިދާޅުވި އެވެ.
"ދައުލަތުގެ ހުރިހާ މުއައްސަސާއެއް ނުކުމެ މިތިބީ ވާދަވެރި ސިޔާސީ ފަރާތްތަކާއި ވާދަވެރި ސިޔާސީ ޕާޓީތައް ޖޫރިމަނާ ކޮށްގެން އަޑު ކަނޑުވާލުމަށް ފޫގަޅައިގެންތޯ،" ތޮލާލް ކަންބޮޑުވުމާ އެކު ސުވާލު ކުރެއްވި އެވެ.
އިދިކޮޅު ކޯލިޝަނުން މިހާރު މާލޭގައި ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފް އެއްވުންތަކެއް ކަމަށް ބުނެ އެ އެއްވުންތައް ހުއްޓުވައި، ފުލުހުން ގެންދަނީ ވަކިވަކި މީހުން ވެސް ޖޫރިމަނާ ކުރަމުންނެވެ. އަދި އެ ކޯލިޝަންގެ ބައެއް ބޭފުޅުން ހައްޔަރު ވެސް ކުރި އެވެ.