އައްޑޫ ސިޓީ ކައުންސިލުން މި އަހަރަށް 136 މިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފި އެވެ.
ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ މި މަހުގެ 7 ގައި ފާސްކުރި ބަޖެޓާ ބެހޭ ތަފުސީލު ލޯކަލް ގަވަރަމަންޓް އޮތޯރިޓީ (އެލްޖީއޭ)އާ ހިއްސާކޮށްފައިވާ ކަމަށެވެ.
ބަޖެޓްގެ ރިކޮމެންޑޭޝަންގެ ގޮތުގައި ކައުންސިލުން އެލްޖީއޭގެ މޮނިޓަރިން ރިޕޯޓްގައި އެދުނީ "ސްޕެޝަލް ޑިއުޓީ އެލަވަންސް"ގެ ބަދަލުގައި އިތުރު ގަޑީގެ ފައިސާ ދެވޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށެވެ. އަދި ދައުލަތުން ދޫކުރާ ގްރާންޓްގެ ގޮތުގައި ކޮންމެ މަހަކު ކައުންސިލަށް ލިބޭ ފަސް ޕަސަންޓް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓްގެ ގޮތުގައި ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ވެސް ހިމަނާފައިވާ ކަމަށް ކައުންސިލުން ބުންޏެވެ.
މި އަހަރުގެ ބަޖެޓް ކަނޑައެޅީ މިދިޔަ އަހަރު ނިމުނު އިރު ބަޖެޓުން ބާކީ ހުރި އަދަދު ވެސް ހިމަނައިގެންނެވެ. އެގޮތުން ޑިސެމްބަރު 31، 2020 އާ ހަމައަށް ހަރަދުނުކުރެވި 11.6 މިލިއަން ރުފިޔާ ހުރި ކަމަށް ކައުންސިލުން ބުންޏެވެ.
މި އަހަރު ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 71 މިލިއަން ރުފިޔާ އެވެ. ސަރުކާރުން ގްރާންޓްގެ ގޮތުގައި 59 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ވެސް، ބަޖެޓްގައި ލަފާކޮށްފައިވެ އެވެ.
ކައުންސިލުން ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިދިއަ އަހަރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވި ކަމަށެވެ.