އައްޑޫގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން މުހައްމަދު ޔަސްރިފް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
އެމްޑީޕީ މެމްބަރެއްގެ ގޮތުގައި ހިތަދޫ ދެކުނު ދާއިރާ ތަމްސީލުކުރައްވާ ޔަސްރިފް ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވެވަޑައިގަތީ އަމިއްލަ ސަބަބުތަކާ ހެދި އެވެ.
ކައުންސިލުން މިއަދު ވަނީ ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނަވައިގެން ޔަސްރިފް ކުރެއްވި މަސައްކަތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.
އޭނާ ޑެޕިއުޓީ މޭޔަރުގެ މަގާމުން ވަކިވަޑައިގަތް ނަމަވެސް ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި ކައުންސިލްގައި މަސައްކަތްކުރައްވާނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ ދަށުން އިދާރާ ދާއިރާތައް ހިންގަން ފެށި ފަހުން ފާއިތުވި ތިން ދައުރުގައި އައްޑޫގެ މޭޔަރުގެ މަގާމު އަދާކުރައްވަމުން ގެންދަވަނީ ހިތަދޫ އުތުރު ދާއިރާގެ ކައުންސިލަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ.
އައްޑޫ ކައުންސިލްގައި ތިއްބަވަނީ ހަތް މެމްބަރުންނެވެ. އެއީ ހިތަދޫ އުތުރު، މެދު، ދެކުނު، ފޭދޫ، މަރަދޫ، ހުޅުދޫ އަދި މީދޫ ދާއިރާ ހިމެނޭ ގޮތަށެވެ. ކައުންސިލްގައި މުޅިން ވެސް ތިއްބަވަނީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންނެވެ.
ކައުންސިލްތަކުގެ ދައުރު މިދިޔަ އަހަރު ހަމަވެފައިވީ ނަމަވެސް ކޮވިޑް-19 އާ ހެދި އިންތިހާބު ވަނީ ވަރަށް ބޮޑަށް ފަސްވެގެން ގޮސްފަ އެވެ. މިހާރު އޮތް ގޮތުން ނަމަ ލޯކަލް ކައުންސަލް އިންތިހާބު އޮންނާނީ އަންނަ އެޕްރީލް މަހުގެ ތެރޭގަ އެވެ.