ހިތުގެ ބަލީގެ ހާއްސަ ޑޮކްޓަރު އަދި ރާއްޖޭގެ ނެޝަނަލް ކާޑިއެކް ސެންޓަރުގެ ޑިރެކްޓަރު ޑރ. އަލީ ޝަފީގު އެއް އަހަރުގެ ފެލޯޝިޕަކަށް އިންޑިއާ އަށް ވަޑައިގެންފި އެވެ.
އައިޖީއެމްއެޗުން ބުނީ އޭނާ ވަޑައިގަތީ ކާޑިއަކް އިލެކްޓިރިކަލްފިޒިއޮލޮޖީއާ ގުޅޭ ފެލޯޝިޕެއް ފުރިހަމަކުރައްވން ކަމަށެވެ. އެއީ ހިތުގެ ވިންދުގައި މައްސަލައެއް ހުރިތޯ ބަލަން ހަދާ ހާއްސަ ޓެސްޓެކެވެ. އޭނާ ވަޑައިގަތީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ސްރީ ޗިތުރާ ޓިިރުނަލް އިންސްޓިޓިއުޓް ފޮ މެޑިކަލް ސައެންސް އެންޑް ޓެކްނޮލޮޖީއަށެވެ.
އައިޖީއެމްއެޗުން ވަނީ އޭނާ އަށް ބާއްޖަވެރި ދަތުރަކަށް އެދިފަ އެވެ.
ޑރ. އަލީ ޝަފީގަކީ ހިތުގެ ބައްޔަށް ރާއްޖެއިން ޚާއްސަ ފުރަތަމަ ދިވެހި ޑޮކްޓަރެވެ. މީގެ 10 ވަރަކަށް އަހަރު ކުރިން އޭނާ ރާއްޖޭގައި މަސައްކަތްކުރައްވަން ފެއްޓެވި އިރު، ހިތުގެ ބަލީގެ މީހުންނަށް ފަރުވާދޭނެ ހާއްސަ ސެންޓަރެއް ވެސް އަދި އެކަށީގެންވާ ވަސީލަތްތައް ނެތުމުން އެކަން ކުރަން އުނދަގޫވި ކަމަށް މީގެ ކުރިން ދީފައިވާ އިންޓަވިއުތަކުގައި އޭނާ ވިދާޅުވެފައި ވެ އެވެ. މީގެ ފަސް އަހަރު ކުރިން އައިޖީއެމްއެޗްގައި ހުޅުވި ހިތުގެ ބަލީގެ ހާއްސަ ސެންޓަރުގައި އޭރުން ފެށިގެން އޭނާ އަންނަނީ މަސައްކަތްކުރައްވަމުންނެވެ.