އައިޖީއެމްއެޗުގެ ކާޑިއެކް ކެތު ލެބްގެ ހިދުމަތް މި ހަފުތާ ފަހުކޮޅު ނުވަތަ އަންނަ ހަފުތާގެ ކުރީކޮޅު ފަށާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބް ވިދާޅުވީ ކެތު ލެބްގެ ހިދުމަތް ފަށަން މިހާރު ކުރިއަށް ގެންދަނީ އެންމެ ފަހުގެ ތައްޔާރީތައް ކަމަށެވެ.
އޭނާ ވިދާޅުވީ ކެތު ލެބްގެ މަސައްކަތް ފަށާއިރު އެންޖިއޮގްރާމް ފަދަ ހިދުމަތްތައް ވެސް ލިބެން ހުންނާނެ އެވެ.
"ކުރިން ނުހެދޭ ޓެސްޓްތައް ވެސް ކެތު ލެބުގައި ކުރިއަށް ގެންދެވޭނެ،" ޒީނަތު ވިދާޅުވި އެވެ.
ކާޑިއެކް ކެތު ލެބްގައި ފަރުވާދޭނީ ކާޑިއޮލޮޖިސްޓް އެތަނަށް ފޮނުވާ ބަލި މީހުންނަށެވެ.
އައިޖީއެމްއެޗުގައި ހިތުގެ ބަލިތަކަށް މިހާރު ފަރުވާ ދެއްވަނީ ޑރ. އަލީ ޝަފީގު އެކަންޏެވެ. އެކަމަކު ކެތު ލެބުގެ ހިދުމަތާ އެކު ބޭރުގެ ބައެއް ޑޮކްޓަރުން ވެސް އެތަނުގައި ބަލި މީހުންނަށް ފަރުވާދޭނެ އެވެ.
އައިޖީއެމްއެޗުން ކުރިން "މިހާރު" އަށް ހިއްސާކުރި މައުލޫމާތުތަކުގައިވާ ގޮތުން ހިތުގެ އޮޕަރޭޝަން ނުކޮށް ގިނަ ބަލިތަކަށް ކެތު ލެބްގައި ފަރުވާދެވެ އެވެ. އޮޕަރޭޝަންކުރުމުގެ ބަދަލުގައި އެތަނުގައި ބޭނުންކުރާނީ ހަށިގަނޑުގެ ލޭނާރު ތެރެއަށް ލައްވާ ކެތެޓާއެކެވެ.
ކެތު ލެބްގައި ހިތުގެ ބަލިތަކާ ގުޅޭ އެކި ތަހްލީލުތައްކޮށް ބަލިތަކުގެ ފަރުވާ ވެސް ދެނެގަނެވޭނެ އެވެ. އަދި ހިތުގެ ހޮޅިތަކުގެ މަންޒަރު ނަގައި ހޮޅި ބެދިފައިވޭތޯ، ފިތިފައިވޭތޯ ނުވަތަ ހިމަވެފައިވޭތޯ ވެސް ދެނެގަނެވެ އެވެ.
ހޮޅި ލެއްވުން ނުވަތަ އެންޖިއޮގްރަފީ އާއި އެންޖީއޯ ޕްލާސްޓީ ހެދުމަކީ ރާއްޖޭގައި ކުރިން ލިބެން ހުރި ފަރުވާތަކެއް ނޫނެވެ. އެކަމަކު އެކަން ވެސް އައިޖީއެމްއެޗުގައި މިހާރު ވަނީ ތަރައްގީކޮށްފަ އެވެ. ހޮސްޕިޓަލްގެ އޮފިޝަލުން ވިދާޅުވެފައިވާ ގޮތުގައި ހިތުގެ ޕްރެޝަރު ބެލުމާއި ހިތުގެ ކަރަންޓް ހިނގާ ގޮތް ބަލައި މައްސަލައެއް ފެނިއްޖެ ނަމަ އެކަމަށް ކާޑިއެކް ސެންޓަރުން ފަރުވާ ލިބޭނެ އެވެ. ކުޑަކުދިންނަށް ދިމާވާ ހިތުގެ މައްސަލަތަކަށް ވެސް ރާއްޖޭގައި ތިބެގެން ފަރުވާ ހޯދޭނެ އިންތިޒާމް އައިޖިއެމްއެޗުގައި ވަނީ ތަރައްގީކޮށްފަ އެވެ.