ވެބް ސީރީޒް "ގަމިނި" ގެ ފެށުމަށް ކުރި އިންތިޒާރު ރޭ ނިމުމަކަށް އައީ އެވެ. އެއަށް ކުރި އުންމީދާ އެއްވަރުގެ އެއްޗަކަށް ވިތޯ ބަހުސްކުރަން އަދި މާ އަވަށެވެ.
މިއީ ރޭގެ އިވެންޓްގެ ކުރު ހުލާސާއެކެވެ؛ މޫމިން ފުއާދު ލިޔެ، ޑައިރެކްޓުކުރި ބައިސްކޯފުގެ މި އޮރިޖިނިލް، ކްރައިމް ތުރިލާ ވެބް ސީރީޒް ޕްރިމިއާ ކޮށްފި އެވެ. ބައިސްކޯފުގައި ބޭއްވި މި ޕްރިމިއާ އިވެންޓްގައި، މި ސީރީޒްގެ ކާސްޓާއި ކްރޫ ބައިވެރިވެ، އެމީހުންގެ ޝުއޫރުތަކާއި މަސައްކަތުގެ ބައެއް ދުވަސްތަކުގެ ހަނދާންތައް އާކުރި އެވެ.
ޕްރިމިއާ އިވެންޓުގައި ވަނީ މި ސީރީޒްގެ ފުރަތަމަ ހަ އެޕިސޯޑު ދައްކާފަ އެވެ. އެކަމަކު އަދި ސްޓްރީމިން އަށް ދޫކޮށްލާފައި ވަނީ އެންމެ ދެ އެޕިސޯޑެވެ. ކުރިއަށް އޮތް ތަނުގައި ކޮންމެ ހުކުރު ދުވަހަކު، އެޕިސޯޑެއް ސްޓްރީމް ކުރާނެ އެވެ. މި ވެބް ސީރީޒްގައި 20 މިނެޓުގެ، 13 އެޕިސޯޑެއް ދައްކާނެ އެވެ.
"ފުރަތަމަ ފަހަރަށް އެހެން ޑައިރެކްޓަރެއްގެ ދަށުން މަސައްކަތް ކުރަން ލިބުނު ފުރުސަތުގައި، އެ ފުރުސަތު ދެވުނު މީހަކަށް މޫމިން ވީތީ މިއަދު ވަރަށް އުފާކުރަން،" މި ސީރީޒްގެ މުހިންމު ރޯލަކުން ފެންނަ ޔޫސުފް ރަފީއު (ޔޫސޭ) ޕްރިމިއާ އިވެންޓުގައި ވާހަކަ ދައްކަމުން ބުންޏެވެ.
ޔޫސޭގެ އިތުރުން މި ސީރީޒްގެ މުހިންމު ރޯލުތަކުން އަހްމަދު އާސިމް، އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)، މަރިޔަމް ޝަކީލާ އަދި އަލަށް ތައާރަފުވާ ސޫޒަން އިބްރާހިމްފުޅާއި އައިމިނަތު ނިޝާ ފެނެ އެވެ. މީގެ އިތުރުން، އަހްމަދު ސައީދު، އަލީ ފިޒާމް، އައިޝަތު ނަތާޝާ ޖަލީލް، މަރިޔަމް ޝިފާ، މުހައްމަދު އިމްރާން، އަމީން ޝަފީއު، އިސްމާއިލް ޒާހިރު، އަޖްނާޒް އަލީ، އިސްމާއިލް ވަހީދު އަދި ޖައުޒާ ޖައުފަރު ވެސް މުހިންމު ރޯލުތަކުން ފެންނާނެ އެވެ.
"ކޮންމެ މަސައްކަތެއްގެ ކޮށްފައި ވެސް، އެ މަސައްކަތަކުން ދާއިމީ ހިތްހަމަޖެހުމެއް ލިބުން އެއީ އެންމެ ބޭނުންވާ ކަންތައް. 'ގަމިނި' އަކީ އެ ކަހަލަ މަސައްކަތެއް،" ކުރެވުނު މަސައްކަތާއި ގުޅޭ ގޮތުގައި އަދި މި ވެސް ސީރީޒްގައި އަތޮޅުވެރިއެއްގެ އަދި ދާއިރާގެ މެމްބަރެއްގެ ރޯލު ކުޅޭ އިއްސެ ބުންޏެވެ.
"ގަމިނިގެ މާނަ އަކީ އަނދަމުންދާ އެނދުން. އެ ކަހަލަ ކަމެއް މި ސީރީޒްގައި އެ ފެންނަނީ. ކުރި އާއި މިހާރު ވެސް، އަބަދު ވެސް އަނދަމުންދާ އެނދުމެއް، ހުއްޓުމެއް ނެތި. ޒަމާނާ ގޮތް ބަދަލުވެފައި، އެކަމަކު ހިނގަނީ، ކުރަނީ އެއް ކަމެއް،" މި ޕްރިމިއާ އިވެންޓަށް ފަހު ދެކެވުނު ވާހަކަތަކުގެ ތެރެއިން "ލޫދިފާ" އަދި "ނިވައިރޯޅި" ފަދަ ކާމިޔާބު ފިލްމުތައް ޑައިރެކްޓުކުރި މޫމިން ބުންޏެވެ.