ބައިސްކޯފުން މި މަހު 25 ގައި ގެނެސްދިނުމަށް ތައްޔާރުވަމުން އަންނަ، އެމީހުންގެ މުޅިން އާ އޮރިޖިނަލް ސީރީޒެއް ކަމަށްވާ "ގަމިނި" ގެ ޓްރެއިލާއާ އެކު ދިވެހި ފިލްމަށް ލޯބިކުރާ މީހުންނާއި ފާޑުކިޔާ މީހުން ވެސް އަންދައި އަޅިއަށް ހަދާލައިފިއެވެ. އެއަށް ފަހު، މި މަހުގެ ފަންސަވީސް ވަނަ ދުވަސް އަންނަން ދެން އެންމެން ވެސް މިހާރު އެ ތިބީ ނޭވާހިފަހައްޓާލައިގެންނެވެ.

ދިވެހި ސިނަމާގައި ބެންޗުމާކުތަކެއް އުފެއްދި "ލޫދިފާ" އާއި "ނިވައިރޯޅި" ގެނެސްދިން މޫމިން ފުއާދުގެ އަމިއްލަ ސްކްރިޕްޓަކަށް އޭނާ ޑައިރެކްޓްކޮށްފައިވާ މި ކްރައިމް ތުރިލާގެ މަސައްކަތް ފެށުނީއްސުރެ، މިއަދާ ހަމައަށް ވެސް ވެފައި އޮތީ އެތައް ބަޔަކު އިންތިޒާރުކުރަމުން އައި ޝައުގުވެރިކުރުވަނިވި މަސައްކަތަކަށެވެ.

އިއްޔެ އާންމުކުރި، ދެ މިނެޓާއި 22 ސިކުންތަށް ދެމިގެންދާ، މި ސީރީޒްގެ އޮފިޝަލް ޓްރެއިލާއާ އެކު، މިއީ ކޮން ކަހަލަ، ކޮން ރަހައެއްގެ ކަންތައްތަކެއް ދައްކާނެ ސީރީޒެއްކަން ވަރަށް ރަނގަޅަށް އެ އޮތީ ދައްކާލައިފައެވެ.

މީގެ ކުރިން "ދޯ" އަށް ދިން އިންޓަވިއުތަކުގައި މޫމިން ބުނެފައި ވަނީ މިއީ "އެހެން ބަޔަކު، އެހެން ތަނެއްގައި، އެހެން ޒަމާނެއްގައި ކުރާ ކަމެއްގެ ސަބަބުން، އޭގެ ނަތީޖާ މިހާ ހިސާބަށް އަންނައިރު، އެ ފޯރާފައި ހުންނަވަރު ދައްކައިދޭނީ،" ސީރީޒެކެވެ. މި ސީރީޒްގައި ތިން ޒަމާނެއް ވެސް ދައްކާނެ އެވެ. އެއީ 80ގެ އަހަރުތަކާއި 2000 ގެ ކުރީކޮޅާއި އަދި މި ޒަމާނެވެ.

މި ޓްރެއިލާ އާންމުކުރި ސޯޝަލް މީޑިއާ ޕޯސްޓުގައި ބައިސްކޯފުން ލިޔެފައި ވަނީ މިއީ ޖީލުތަކަކަށް ބެހިގެން ގޮސް، ގުޅިލާމެހިފައިވާ ސިޔާސީ ނުފޫޒުތަކާއި ބާރުގެ ބޭނުންކޮށް މުޖުތަމައު ފަސާދަކުރާ ފަދަ ވާހަކަތަކެއް ދައްކާނެ ސީރީޒެއް ކަމަށެވެ. އެހެންވެ، ބޮޑަށް ލަފާކުރެވެނީ މިއީ ސިޔާސީ ކޯޅުމާއި އޭގެ ހިތި ދައްކުވައިދޭނެ ސީރީޒެއް ހެންނެވެ.

ޓުވިޓާ އާއި ފޭސްބުކްގައި ވެސް ވަރަށް ގިނަ ބައެއްގެ ސަމާލުކަން މި ޓްރެއިލާ އަށް ވަނީ ހުއްޓިފަ އެވެ.

"ޔަގީނަށް ވެސް އަހަރެންގެ ބަކެޓް ލިސްޓަށް މި [ސީރީޒް] ލާނަން. ހީވަނީ މިއީ ވަރަށް ތަފާތު ސީރީޒަކަށް ވާނެހެން. އަބަދުވެސް ވަރަށް ޝައުގުވެރިވޭ ދިވެހި ފިލްމީ ދާއިރާގެ އާ މަސައްކަތްތައް ބަލަން،" މި ޓްރެއިލާ ރިޓުވީޓް ކުރަމުން މީހަކު ލިޔެފައި އޮތެވެ.

"ގަމިނި" އަކީ ހުނަރުވެރި ބޮޑު ކާސްޓެއް ފެނިގެންދާނެ 13 އެޕިސޯޑްގެ ތްރިލާއެކެވެ. އެޕިސޯޑެއްގެ ދިގު މިނަކީ 20 މިނެޓެވެ. މި ޑްރާމާއިން ފެނިގެންދާނެ މުހިންމު އަދި މަޝްހޫރު މޫނުތަކުގެ ތެރޭގައި ކޮޕީ އިސްމާއިލް ރަޝީދު އާއި ޔޫސުފް ރަފީއު ޔޫސޭ އަދި އަހުމަދު އާސިމް ފާހަގަކޮށްލެވެއެވެ