ލ. ގަމުން، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދަށް ގޯއްޗެއް ދިނީ އެ ރަށު ކައުންސިލުން ހާމަކުރި އުސޫލާ ހިލާފަށް ޕޮއިންޓް ދީގެން ކަމަށް ބުނާތީ އެކަން ދިފާއުކޮށް ކައުންސިލުން ނެރުނު ބަޔާނުން އިތުރު ސުވާލުތައް އުފެދިއްޖެ އެވެ.
ގަމުން، 400 ގޯތި ދޫކުރަން ނިންމައި އޭގެ ވަގުތީ ލިސްޓް ހުކުރު ދުވަހު އާންމުކުރި އިރު ޖީހާނަށް 71 ޕޮއިންޓް ލިބިވަޑައިގަތެވެ. އޭގެ ތެރެއިން 10 ޕޮއިންޓަކީ އެރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކުރި ޕޮއިންޓެވެ. ޖީހާންގެ ފިރިކަލުންގެ ރަށަކީ ގަން ނަމަވެސް ޖީހާން ދިރިއުޅުއްވަނީ މާލޭގައި ކަމަށް ވެފައި އެބައިން 10 ޕޮއިންޓް ލިބިގެން ނުވާނެ ކަމަށް، ޝަކުވާކުރި މީހުން ބުނެފައިވެ އެވެ. ޖީހާން ވެސް ވަނީ އެއީ ކިހިނެއް ލިބިވަޑައިގެންނެވި 10 ޕަޮއިންޓެއްކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، އެކަމުގައި ޝައްކު އުފެދޭތީ ގޯތި ދޫކޮށްލައްވައިފަ އެވެ.
ގަމު ކައުންސިލުން ދިފާއުގައި ނެރުނު ބަޔާނުގައި ބުނީ އެ ރަށުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް، ޖީހާނަށް ދިނުމުގައި އަމަލުކޮށްފައި ވާނީ ގޯތި އިވެލުއޭޓްކުރާ ކޮމެޓީން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ. ހާމަކޮށްފައިވާ އުސޫލުގައި އޮންނަނީ ރަށުގައި އުޅޭ މީހެއް ކަމަށް ބަލާނީ ގަމުގައި ވަޒީފައެއްގައި އުޅޭތާ އެއް އަހަރުވެފައިވާ ނަމަ އެވެ. ނުވަތަ އެ މީހެއްގެ ދަރިން ގަމުގެ ސްކޫލެއްގައި ކިޔަވައިދިނުމަށް ގަމުގައި ދިރިއުޅޭތާ އެއް އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ މީހުންނާއި ގަމު މީހަކާ ކައިވެނިކޮށްގެން ގަމުގައި ދިރިއުޅޭ މީހުންނެވެ.
ނަމަވެސް ބަޔާނުގައި ބުނީ ކޮމިޓީން ކަނޑައަޅާފައިވާ މިންގަނޑަކީ ރަށުން ބޭރު މީހެއް ނަމަވެސް އެ މީހަކު އެ ރަށުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ ނަމަ ނުވަތަ އެ މީހުންގެ ދަރިން އެ ރަށުގައި ރަޖިސްޓްރީކޮށްފައިވާ ނަމަ 10 މާސްކް ދިނުން ކަމަށެވެ.
މިއީ ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް ކަނޑައަޅައި މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ފަސް ވަނަ ދުވަހު އެ ކައުންސިލުން އިއުލާން ކޮށްފައިވާ އުސޫލުގައި، ރަށުގައި އުޅޭ މީހުންނަކީ ކޮބައިކަން ބަޔާންކޮށްދީފައި އޮތް ގޮތާ ތަފާތު ގޮތެކެވެ.
ޕޮއިންޓް ދިނުމަށް އިއުލާން ކުރި ގޮތް
* ރަށުގެ ރަށްވެހިން
- ގަމުގެ ރައްވެއްސެއް ނަމަ 20 ޕޮއިންޓް * އަތޮޅުގެ ރަށްވެހިން
- ލ. އަތޮޅުގެ ރައްވެއްސެއް ނަމަ ފަސް ޕޮއިންޓް - ގަމުގައި ދިރިއުޅޭނަމަ 10 ޕޮއިންޓް * އަތޮޅުން ބޭރު މީހުން
- ގަމުގައި ދިރިއުޅޭ ނަމަ 10 ޕޮއިންޓް
- ފުރަމަތަ ޑިގްރީން ފެށިގެން މަތީ ފާހެއް އޮތް ނަމަ 5 ޕޮއިންޓް
ޖީހާނަށް ގޯތި ލިބިވަޑައިގަތީ މި އުސޫލުން ކަމަށް ބުނެ އެކަން ކައުންސިލުން ދިފާއުކުރާއިރު ޖީނާގެ ފިރިކަލުންގެ ރަށަކީ ގަން ނަމަވެސް ކުރިންސުރެ ޖީހާން ދިރިއުޅުއްވަނީ މާލޭގަ އެވެ. އެހެންވެ ގަމުގައި ދިރިއުޅޭ މީހަކަށް ވާތީ ދީފައިވާ 10 ޕޮއިންޓް އުނިކޮށްފި ނަމަ ޖީހާން އަށް ލިބިވަޑައިގަންނަވާނީ 61 ޕޮއިންޓެވެ. އެ މިންވަރުން ގޯތި ލިބިވަޑައެއް ނުގަންނަވަ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ހޮނިހިރު ދުވަހު ޖީހާން ވިދާޅުވި ގޮތުގައި އޭނާގެ 13 އަހަރާއި އަށް އަހަރުގެ ދެ ކުދިން ވެސް ރަޖިސްޓްރީކޮށްފައި އޮންނަނީ ގަމުގަ އެވެ. އެހެންކަމުން ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ކެޓަގަރީން 2،000 އަކަފޫޓްގެ ގޯއްޗަކަށް ހުށައެޅުއްވި އިރު ޝަރުތު ހަމަވާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ. ޝަރުތުތަކަށް ބައްލަވައި އަމިއްލައަށް ހިސާބު ހެެއްދެވިއިރު 78 ޕޮއިންޓާއި 80 ޕޮއިންޓާ ދެމެދުން ލިބިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ ކޮމެޓީން މާނަ ކުރި ގޮތް: ކައުންސިލް
އެމްޑީޕީގެ މެޖޯރިޓީ އޮންނަ ކައުންސިލްގެ ނައިބު ރައީސް، އަހުމަދު ޝާހީން، "މިހާރު" އަށް ވިދާޅުވި ގޮތުގައި ގޯތި ދިނުމަށް އިވެލުއޭޓްކުރާ ކޮމެޓީ އަށް އިތުރު ބާރުތަކެއް އޮންނާނެ އެވެ. އެ 10 މާކްސް ދޭން ނިންމީ އެ ކޮމެޓީން އެ މާއްދާ މާނަކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ބޭފުޅުން މާނަކުރުމުގައި މި ބަލަނީ ރިސޯޓްގައި އުޅުމަކީ ނުވަތަ ޒަރޫރީ ބޭނުމަކަށް ރަށުން ބޭރުގައި އުޅުމަކީ އެއީ އެ މީހާ ރަށުގައި ނޫޅުން ނޫން ކަމަށް. އެގޮތަށް މާކްސް ދީފައި އެވަނީ ކޮމެޓީން، ރަށުގައި ދިރިއުޅޭނެ ގޮތް މާނަ ކޮށްފައިވާ ގޮތަށް،" ޝާހީން ވިދާޅުވި އެވެ.
ނަމަވެސް މިއީ ހާމަކޮށްފައިވާ އުސޫލުގައި ނެތް ވާހަކައެކެވެ.
ރަށުގައި އުޅޭތާ އެއް އަހަރު ވާންޖެހޭނެ ކަމަށް އުސޫލުގައި ބުނެފައިވާއިރު އެގޮތަށް ޕޮއިންޓް ދިނީ ކީއްވެގެންތޯ ތަކުރާރުކޮށް ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެގޮތަށް 10 ޕޮއިންޓް ދިނީ ހަމައެކަނި ޖީހާނަށް ނޫން ކަމަށާއި ގައމު މީހުންނާ ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން ޒަރޫރީ ބޭނުމެއްގައި ރަށުން ބޭރުގައި އުޅޭ އެހެން މީހުންނަށް ވެސް އެގޮތަށް ޕޮއިންޓް ދީފައިވާ ކަމަށެވެ.
ގެޒެޓް ކުރި އުސޫލު ބުނާ ގޮތުން އެ 10 ޕޮއިންޓް ލިބޭނީ އެ ރަށުގައި ދިރިއުޅޭތާ އެއް އަހަރު ވުމުންނެވެ. ޝާހީން ވިދާޅުވި ގޮތުގައި އެ މާއްދާ ހިމަނާފައި ވަނީ ވަޒީފާގެ ޓާމަށް އެ ރަށުގައި ދިރިއުޅޭ މީހުންނަކީ އެރަށުގެ ރަށްވެހިން ކަމަށް ނުބަލަން ވެގެން ކަމަށެވެ.
އިވެލުއޭޓްކުރާ ކޮމެޓީގައި ތިބެނީ އެ ރަށުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ ތެރެއިން މީހަކާއި ކައުންސިލްގެ ބޭފުޅުންނެވެ.
ޖީހާނަށް ޕޮއިންޓް ދީފައިވާ ގޮތް
- ގޯތީގެ ބައިން 25 ޕޮއިންޓް
- ކައިވެނީގެ ބައިން 12 ޕޮއިންޓް
- އުމުރުން 31 އަހަރުން މަތީގެ ބައިން ހަތް ޕޮއިންޓް
- ދަރިންގެ ބައިން 12 ޕޮއިންޓް
- ގަމުގައި ދިރިއުޅޭ ބައިން 10 ޕޮއިންޓް
- މަތީ ތައުލީމްގެ ބައިން ފަސް ޕޮއިންޓް
ގަމުން ދޫކުރާ 2،000 އަކަފޫޓުގެ 400 ގޯއްޗަށް ކުރިމަތިލާން ހުޅުވާލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގަ އެވެ. އެ ރަށުން މިފަހަރު ގޯތި ދޫކުރީ 12 އަހަރުގެ މެދުކެނޑުމަކަށް ފަހުގަ އެވެ.