ހިންނަވަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު ޖީހާން މަހްމޫދަށް ލ. ގަމުން ގޯއްޗެއް ލިބިވަޑައިގަތީ އުސޫލުގެ ތެރެއިން ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ރަށުން، 400 ގޯތި ދޫކުރަން ނިންމައި އޭގެ ވަގުތީ ލިސްޓް ހުކުރު ދުވަހު އާންމުކުރި އިރު ޖީހާނަށް 71 ޕޮއިންޓް ލިބިވަޑައިގަތެވެ. އޭގެ ތެރެއިން 10 ޕޮއިންޓަކީ އެރަށުގައި ދިރިއުޅޭ މީހުންނަށް ހާއްސަކުރި ޕޮއިންޓެވެ. ފިރިކަލުންގެ ރަށަކީ ގަން ނަމަވެސް ޖީހާން ދިރިއުޅުއްވަނީ މާލޭގައި ކަމަށް ވެފައި އެބައިން 10 މާސްކްސް ލިބިވަޑައިގަތުމަކީ، މައްސަލަ ނެގި މީހުން ބުނާ ގޮތުގައި، އުސޫލާ ހިލާފަށް ކޮށްފައި އޮތް ކަމެކެވެ. އެ މައްސަލަ ބޮޑުވުމުން ޖީހާން ގޯތި ދޫކޮށްލެއްވީ އެވެ.
އެކަން ހިނގި ގޮތް ސާފުކޮށް ދޭން ގަމު ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ރަށުގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް، ޖީހާނަށް ދިނުމުގައި އަމަލުކޮށްފައި ވާނީ ގޯތި އިވެލުއޭޓްކުރާ ކޮމެޓީއިން ކަނޑައަޅާފައިވާ މިންގަނޑަށް ކަމަށެވެ.
ކޮމެޓީއިން ކަނޑައަޅާފައިވާ މިންގަނޑަކީ ރަށުން ބޭރު މީހެއް ނަމަވެސް އެ މީހާ އެ ރަށުގެ މީހަކާ ކައިވެނި ކޮށްގެން އުޅޭ ނަމަ ނުވަތަ އެ މީހުންގެ ދަރިން އެރަށުގައި ރަޖިސްޓްރީ ކޮށްފައިވާ ނަމަ 10 މާސްކް ދިނުން ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.
"މިފަދަ މީހުން ރަށުން ބޭރުގައި ދިރިއުޅެމުން ދިޔަ ނަމަވެސް ގަމުގައި ދިރިއުޅޭ ނަމަ ދިނުމަށް ކަނޑައެޅިފައިވާ 10 ޕޮއިންޓް އެމީހަކަށް ދިނުމަށް [ކޮމެޓީން ވަނީ ނިންމައިފައި]. މި އުސޫލަށް ފެތޭ ގޮތަށް ހުރި ހުރިހައި ފަރާތްތަކަށް ދޭންޖެހޭ ޕޮއިންޓް ވާނީ ދެވިފައި،" ބަޔާނުގައި ވެ އެވެ.
"މިހާރު"އާ ވާހަކަ ދައްކަވަމުން ހޮނިހިރު ދުވަހު ޖީހާން ވިދާޅުވި ގޮތުގައި އޭނާގެ 13 އަހަރާއި އަށް އަހަރުގެ ދެ ކުދިން ވެސް ރަޖިސްޓްރީ ކޮށްފައި އޮންނަނީ ގަމުގަ އެވެ. އެހެންކަމުން ރަށުން ބޭރުގައި ދިރިއުޅޭ މީހުންގެ ކެޓަގަރީން 2،000 އަކަފޫޓްގެ ގޯއްޗަކަށް ހުށައެޅުއްވި އިރު ޝަރުތު ހަމަވާކަން އެނގިވަޑައިގަންނަވާ ކަމަށް ވެސް ވިދާޅުވި އެވެ.
ޖީހާންއަށް ޕޮއިންޓް ލިބުނު ގޮތް
- ގޯތީގެ ބައިން 25 ޕޮއިންޓް
- ކައިވެނީގެ ބައިން 12 ޕޮއިންޓް
- އުމުރުން 31 އަހަރުން މަތީގެ ބައިން ހަތް ޕޮއިންޓް
- ދަރިންގެ ބައިން 12 ޕޮއިންޓް
- ގަމުގައި ދިރިއުޅޭ ބައިން 10 ޕޮއިންޓް
- މަތީ ތައުލީމްގެ ބައިން ފަސް ޕޮއިންޓް
ޖީހާން ވިދާޅުވީ ގޯތި ދޫކޮށްލައްވަން ނިންމެވީ "ގޯތި ލިބުނު ގޮތާ މެދު ސުވާލު އުފެދުމުން" ކަމަށެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި، ރަށުގައި އުޅޭ މީހުންނަށް ހާއްސަ ޕޮއިންޓް އޭނާއަށް ލިބިވަޑައިގަތް ސަބަބު އެނގިވަޑައެއް ނުގަންނަވަ އެވެ.