ޏ. ފުވައްމުލަކުގައި މަރުވި މީހަކު، ކޮވިޑް-19 ޖެހިގެން ނުވަތަ އެ ބައްޔަށް ޝައްކުކުރެވޭ މީހަކު މަރުވެއްޖެ ނަމަ އެ މީހުންގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދާނެ ގޮތުގެ ސްޓޭންޑަޑް އޮޕަރޭޓިން ޕްރޮސީޖާ (އެސްއޯޕީ)އާ އެއްގޮތަށް، މިއަދު ވަޅުލައިފި އެވެ.
ފުވައްމުލަކު ސިޓީ ކައުންސިލުން ބުނިގޮތުގައި ބަންގްލަދޭޝްގެ އެ މީހާ މަރުވެފައި ވަނީ ކުއްލި ގޮތަކަށެވެ. އެސްއޯޕީގައިވާ ގޮތުން، ބަލި ފެތުރެމުންދާ ރަށެއްގައި ވަކި ސަބަބެއް ނޭނގި މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ކުރަން ޖެހޭނީ، ހާއްސަ އުސޫލުގެ ދަށުންނެވެ. އެކަމަކު، ފުވައްމުލަކުގައި އެ ބަލި އުޅޭ ކަމެއް މިހާތަނަށް ރިޕޯޓުކޮށްފައެއް ނުވެ އެވެ.
ފުވައްމުލަކު ކައުންސިލުން ބުނިގޮތުގައި މަރުވި މީހާގެ ސާމްޕަލް ނަގާފައިވާއިރު، ސީދާ އޭނާއާ ކޮންޓެކްޓްވި މީހުންގެ ސާމްޕަލް ވެސް މިހާރު ވަނީ ނަގައިފަ އެވެ.
ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގެ ފަންނީ ނިންމުމާއި އިސްލާމިކް މިނިސްޓްރީގެ ސާކިއުލާއަކަށް ރިއާޔަތްކޮށް އެކުލަވާލާފައިވާ އެސްއޯޕީގެ ދަށުން، ގޮތް ނޭނގޭ މަރެއް ނަމަ ނުވަތަ ކޮވިޑް-19 އަށް ޝައްކުކުރެވޭ މީހަކު ނަމަ އެ ބައްޔަށް ޓެސްޓުކުރަން ޖެހޭނެ އެވެ. އަދި ނަތީޖާ އަށް މަޑުނުކޮށް މައްޔިތާގެ ކަށުކަމާކެމީގެ ކަންތައްތައް ކުރިއަށްގެންދަން ޖެހޭނެ ކަމަށް ވެސް އޭގައި ބުނެފައިވެ އެވެ.
ފުވައްމުލަކުން މަރުވި މީހާ ވަޅުލާފައި ވަނީ އެ ރަށުގެ ކައުންސިލްގެ މުވައްޒަފުންނެވެ. އެ އެންމެން ވެސް ތިބީ ރައްކާތެރިކަމުގެ ހެދުން ނުވަތަ ޕީޕީއީ އަޅައިގެންނެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގައި ހަތަރު މީހަކު މަރުވެފައިވެ އެވެ. އެންމެ ފުރަތަމަ އެ ބަލީގައި މީހަކު މަރުވެފައިވަނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު 83 އަހަރުގެ އަންހެނެކެވެ. އަދި އޭގެ ފަހުން ބަންގްލަދޭޝްގެ ދެ މީހަކާއި މަޝްހޫރު ވިޔަފާރިވެރިޔާ ހުސެން އަބްދުﷲ ވެސް ވަނީ އަވަހާރަވެފަ އެވެ.
އެ މީހުންގެ ކަށުކަމާކެމީގެ ކަންތައް ވެސް ކުރީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ސިފައިންނެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް ހަލުއި ކަމާއެކު މިހާރު ފެތުރެމުންދާއިރު، ބަލި ޖެހުނު މީހުންގެ އަދަދު ހާހަކަށް ވުރެ މައްޗަށް ވަނީ އަރައިފަ އެވެ.