ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނަށް މިއަދު އަމަލުކުރަން ފެށުމާ އެކު ކުޑަކުދިންނާ މެދު އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ކަމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އާ ގާނޫނަށް މިއަދު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.

އެކަމާ ގުޅިގެން ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު ކުރެއްވި ޓްވީޓެއްގައި ވަނީ މިއަދު ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ދިނުމަކީ މާދަމާ ގައުމު ހިމާޔަތް ކުރުން ކަމަށާއި މިއަދު އަމަލުކުރަން ފެށި އާ ގާނޫނާ އެކު، ނިޒާމީ ގޮތެއްގައި ކުޑަކުދިންނަށް ލިބޭ އަނިޔާތައް ހުއްޓުވުމުގެ އިތުރަށް އިހުމާލުވާ ފަރާތްތައް ޖަވާބުދާރީ ކުރުވޭނެ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.

އާ ގާނޫނުގައި ކުޑަކުދިންނަށް އަނިޔާ ކުރުމާއި އިހުމާލުވާ ފަރާތްތަކާއި އަދި މައިންބަފައިންގެ މައްޗަށް އޮންނަ ޒިންމާތަކާ ޚިލާފަށް އަމަލުކޮށްފި ނަމަ، އެއީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވެ އެވެ.

ކުޑަކުދިންގެ ހައްގުުތައް ރައްކާތެރި ކުރުމުގެ އާ ގާނޫނެއް ވުޖޫދަށް އައީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި އެ ކުދިންނާ މެދު މައިންބަފައިން އިހުމާލުވުމުގެ ގިނަ މައްސަލަތަކެއް ދާދިފަހުން ފެންމަތިވެފައި ވަނިކޮށެވެ.