ކުޑަކުދިންނަކީ ގައުމުގެ މުސްތަގުބަލުކަމަށާއި އެކުދިން ބޮޑުވަނީ ކަރާމާތާއި ރައްކާތެރިކަން ލިބިފައިވާ އަދި ކަންކަމުގައި އެކުދިން ދެކޭ ގޮތް ބަލައިގަންނަ މާހައުލެއްގައިކަން ކަށަވަރުކުރުމަށް ރާއްޖެއިން އިސްކަންދޭނެ ކަމަށް އެޓާނީ ޖަނަރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ. 

ކުޑަކުދިންގެ ހައްގުތަކާ ގުޅޭ ބައިނަލްއަގުވާމީ މުއާހަދާގެ ދަށުން 2021 ގައި ރާއްޖެއިން ހުށަހަޅާފައިވާ 6-7 ވަނަ ޕީރިއޮޑިކް ރިޕޯޓު، އ.ދ. ގެ ކޮމިޓީ އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް (ކޮމިޓީ) އިން ރިވިއުކުރުމަށް ބޭއްވި ސެޝަންގައި އުޝާމް ވިދާޅުވީ ކުދިންގެ ހައްގުތަކާ ބެހޭ މުއާހަދާއަކީ ރާއްޖޭގެ ގާނޫނުތަކާއި ސިޔާސަތުތަކާއި ތަރައްގީގެ މަސައްކަތްތަކަށް މަގުދައްކައިދޭ މުއާހަދާއެެއް ކަމަށެވެ. 

އުޝާމް ވިދާޅުވީ ކަމާބެހޭ ނިޒާމުތައް ހަރުދަނާކޮށް، ކުޑަކުދިންނަށް ރައްކާތެރި އަދި އެ ކުދިންނަށް އިހުތިރާމުކުރުމާއި އެ ކުދިންގެ ކުރިއެރުމަށް ބާރުވެރި މާހައުލެއް ހޯދައިދިނުމަށް މިސަރުކާރުން މަސައްކަތްކުރާނެ ކަމަށެވެ. 

އެ ސެޝަންގައި ރިވިއުކުރުމަށް ހުށަހެޅި ޕީރިއޮޑިކް ރިޕޯޓަކީ މުއާހަދާގައި ބަޔާންކޮށްފައިވާ ހައްގުތައް ލިބިދިނުމާ ގުޅޭގޮތުން ކޮމިޓީން ރާއްޖެއަށް ހުށަހަޅުއްވާފައިވާ ހުށަހެޅުންތަކާއި 2016 އިން 2021 ގެ ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖެއިން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމާ ގުޅޭގޮތުން ކޮށްފައިވާ މަސައްކަތްތަކާގުޅޭ ރިޕޯޓެކެވެ. 


އެ ސެޝަނުގައި އުޝާމްގެ އިތުރުން ހޯމް މިނިސްޓަރު އަލީ އިހުސާނާއި އެޓާނީ ޖެނަރަލްގެ އޮފީހާއި ފޮރިން މިނިސްޓްރީ އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޮޕްމަންޓް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްްޓްރީ އަދި ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަ ދާއިމީ މިޝަންގެ އޮފިޝަލުން ވެސް ބައިވެރިވެވަޑައިގަތެވެ.