މާލޭގެ ރަސްފަންނުގައި ހަދާފައި ހުރި ޕެވީލިއަންގައި ހިންގަމުން އައި ރެސްޓޯރެންޓުތައް ހުސްކުރަން ނޯޓިސް ،ދީ އެތަން ބަންދުކޮށްފި އެވެ.
ޕެވީލިއަން ބަލަހައްޓަމުން އަންނަ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް މިއަދު ވިދާޅުވީ، ތަން ހުސްކުރުމުގެ ނޯޓިސް މިދިޔަ މަހުގެ ފަހުކޮޅު ދީފައިވާ ކަމަށެވެ. ނަމަވެސް ހުސްކުރަން ނޯޓިސް ދިނީ ކީއްވެގެން ކަމެއް އަދި އެކަމާ ގުޅޭ އިތުރު އެއްވެސް މައުލޫމާތެއް އޭނާ ނުދެއްވަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ތިން ބުރިއަށް ހެދި ޕެވީލިއަން ހުސްކުރިއިރު، އެތަނުގައި ތިން ރެސްޓޯރެންޓެއް ހިންގި އެވެ. އެއީ ގްލޯރިއާ ޖީންސް އާއި މޯޓީ މަހަލް އަދި ޗިކިން އެވެ. އެ ހުރިހާ ތަނެއް ވެސް މިހާރު ވަނީ ހުސްކޮށް، އެތެރެއަށް ވަނުން މަނާކަން އަންގައިދޭ ޓޭޕް ދަމައިފަ އެވެ.
ރެސްޓޯރަންޓުތައް ބަންދު ކުރުމަށް ފަހު، ޕެވީލިއަން ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އެތަން މިހާރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ. ގްލޯރިއާ ޖީންސް ހިންގަމުން އައި އެންމެ މަތީ ބުރީގެ ފުރާޅުން ބައެއް ވެއްޓިފައިވާއިރު ބައެއް ތަންތަނުގެ ހުރި ދޮރުތައް ވެސް ވަނީ ވެއްޓިފަ އެވެ. މުޅި ތަން އޮތީ ކުނިން ފުރިފަ އެވެ.
އެތަނަށް އަރަން ހަދާފައި ހުރި ކުޑަ ބްރިޖުގެ އެކި ދިމާލުގައި ސިނގިރޭޓް ބަޓާއި އެކި ވައްތަރުގެ ޕްލާސްޓިކް ފުޅިތައް ވެސް ވަނީ އުކާލައިފަ އެވެ.
ޕެވީލިއަން ހަދަން ހަރަދުކުރި ވަރެއް ޔާމީންގެ ސަރުކާރުން ހާމައެއް ނުކުރެ އެވެ. އެމްޑަބްލިއުއެސްސީ އޮޑިޓްކުރުމުގެ މަސައްކަތް ކުރަމުން އަންނާތީ އާޒިމް ވެސް އަދި އެ މައުލޫމާތެއް ހާމައެއް ނުކުރައްވަ އެވެ.