މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ މަގުތަކުގެ ކާމުތައް ސާފުކުރުމުގެ ހާއްސަ މަސައްކަތްތަކެއް މާލެ ސިޓީ ކައުންސިލުން އެމްޑަބްލިއުއެސްސީއާ ގުޅިގެން ފަށައިފި އެވެ.
މޭޔަރު އާދަމް އާޒިމާއި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލްމަތީން މުހައްމަދު އިއްޔެ އާއި މިއަދު ވެސް ވަނީ މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތަކަށް ވަޑައިގެން އެ ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި ކާނުތައް ސާފުކުރުމުގެ ކަންކަން ކުރިއަށް ގެންދާ ގޮތް އެ ދެ ބޭފުޅުން ވެސް ކައިރިން ބައްލަވައި މައުލޫމާތު އޮޅުން ފިލުއްވި އެވެ.
އެ ދެ ބޭފުޅުން ވަނީ ފެންބޮޑުވާ މައްސަލަ ހައްލު ކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެ މަސައްކަތް ކުރިއަށްދާ ގުޅޭގޮތުން އާޒިމް "މިހާރު" އަށް ވިދާޅުވީ ކާނުތައް ސާފުކުރުމުގެ މަސައްކަތް ކުރަނީ މަޖީދީ މަގާއި ވެސްޓް ޕާކް ސަރަހައްދުގެ އިތުރުން އައިޖީއެމްއެޗް ކައިރީ އެންމެ ފެންބޮޑުވާ ސަރަހައްދާއި ކަސްޓަމްސް ކައިރި ކަމަށެވެ.
"އެއީ އަޅުގަނޑުމެންނަށް ފާހަގަވެފައިވާ ގޮތުގައި މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވެ، ފެން ހިނދެން އެތައް ވަގުތެއް ނަގާ ސަރަހައްދުތައް. އެ ސަރަހައްދުތަކަށް ފޯކަސް ކޮށްގެން ކުރިއަށް ގެންދަނީ. އެމްޑަބްލިއުއެސްސީން އަޅުގަނޑުމެންނަށް ކޮށްދޭ ކަމަކީ ކްރޮސް ހޮޅިތައް ސާފުކޮށްދިނުން،" މޭޔަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، އެ ސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ނިންމާލާނެ ކަމަށާއި އޭރުން ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށެވެ.
ސިޓީ ކައުންސިލުން މާލެ މަގުތަކުގެ ކާނުތައް ސާފުކުރާ ނަމަވެސް އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެ އެވެ.
މާލެ އަށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރު މަޖީދީ މަގުގެ ބޮޑު ސަރަހައްދެއްގަ އާއި ކަސްޓަމްސް ސަރަހައްދާއި އައިޖީއެމްއެޗު ކައިރީގައި ފެން ބޮޑުވުން ވަނީ އާންމު ކަމަކަށް ވެފަ އެވެ.