ލޯންޗަކާއި ޑިންގީއެއް ޖެހި، ރޭ އިރާކޮޅު ގެއްލުނު މީހާ ހޯދުމަށް ހެލިކޮޕްޓަރާއި ރޮބަޓް ބޭނުން ކޮށްގެން ކަނޑު ސަރަހައްދު ބަލަން ފަށާފައިވާ ކަމަށް އެމްއެންޑީއެފް ކޯސްޓް ގާޑުން މިއަދު ބުނެފި އެވެ.
ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުތް ޑިންގީ އަކާއި ބ. އޭދަފުށިން ދަރަވަންދު އަށް ދަތުރު ކުރަމުންދިޔަ ލޯންޗް ބ. ދޮންފަނު ކައިރިން ޖެހި ހިނގި އެކްސިޑެންޓުގައި ގެއްލުނީ ޑިންގީން ދަތުރުކުރި އޭދަފުށީ މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ 41، އެވެ.
އެ ޑިންގީގައި ދެން ތިބީ ނަސްރުﷲ ގެ އަންހެނުންގެ ދެ ބޭބެ އެކެވެ. އެ ދެ މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިގެން ދަނީ ފަރުވާ ދެމުންނެވެ.
ދަރަވަންދޫ މީހަކާ އިނދެގެން އުޅޭ ނަސްރުﷲ ރަށަށް ގޮސް އުޅުނީ މި ބޮޑު ޗުއްޓީ އަށެވެ. އޭނާ ވަޒީފާ އަދާކުރަނީ މާލޭގައި ބްރައިޓް ބްރަދާސްގަ އެވެ.
ކޯސްޓް ގާޑުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރިންސިޕަލް ޑައިރެކްޓާ ލެފްޓިނެންޓް ކާނަލް އަހުމަދު މުޖުތަބާ ވިދާޅުވީ ނަސްރުﷲ ހޯދުމަށްޓަކަައި ކޯސްޓްގާޑުގެ އުޅަނދުތައް ރެ އިން ފެށިގެން އެ ސަރަހައްދު ބަލަމުންދާ ކަމަށާއި އެކަމަކު ނަސްރުﷲ ގެ އެއްވެސް ނިޝާނެއް އަދި ޑިންގީ ވެސް ނުފެންނަ ކަމަށެވެ. އަދި އެ ހާދިސާ ހިނގީ ދޮންފަނު ކައިރީގައި އޮންނަ އަނގަފަރު ކިޔާ ފަރެއްގެ ކައިރިން ކަމަށް މައުލޫމާތު ލިބުނަސް، ނަސްރުﷲ ވެއްޓުނު ސީދާ ސަރަހައްދެއް މިހާތަނަށް ނޭނގުމަކީ ދައްޗެއް ކަމަށް މުޖުތަބާ ވިދާޅުވި އެވެ.
"ސީދާ ޕިން ޕޮއިންޓްކޮށް އެ ލޮކޭޝަން އަޅުގަނޑުމެންނަށް ނޭނގޭތީ ހަގީގަތުގައި އަޅުގަނޑުުމެންނަށް ކޮމްޕްލިކޭޓް ވެގެން މި އުޅެނީ އޮޕަރޭޝަން. އެހެން ނަމަވެސް އަޅުގަނޑުމެންގެ އަތުގައި މިހާރު މި ހުރި ރިސޯސް ބޭނުން ކުރަމުން ދަނީ،" ސިފައިންގެ މައި މަރުކަޒުގައި އޮތް ނިއުސް ބްރީފިންގައި އޭނާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި، ނަސްރުﷲ ހޯދުމަށްޓަކައި ކޯސްޓް ގާޑްގެ ކަނޑު އުޅަނދުތަކުގެ އިތުރުން ކަނޑު އަޑި ބެލުމަށް ބޭނުންކުރާ ރޮބަޓާއި ހެލިކޮޕްޓަރުގެ ބޭނުން ވެސް މިހާރު ވަނީ ކުރަން ފަށައިފަ އެވެ. މިހާތަނަށް ފެނިފައިވަނީ ޑިންގީން ކަނޑަށް ވެއްޓުނު ބައެއް ތަކެތި އެކަނި ކަމަށާއި ޑިންގީ ވެސް އަޑިއަށް ދިޔަ ގޮތަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހެލިކޮޕްޓަރު ބޭނުން ކޮށްގެން ބ. އަތޮޅުގެ ތިން ބައި ކުޅަ ދެ ބައި ސަރަހައްދެއް ބަލާނެ ކަމަށް ވެސް މުޖުތަބާ ވިދާޅުވި އެވެ.
"ވައިގެ ސަރަހައްދުން ބޮޑަށް މި ބަލަނީ މީހާ ސާފޭސްގައި ފްލޯޓްވާ ކަމަށް ވެއްޖިއްޔާ ފެންނާނެ. ނޫނީ ވިލެއް ކަހަލަ ތަނެއްގައި އަޑީގައި އޮވެއްޖިއްޔާ ވައިގެ މަގުން ބަލައިގެން އަޅުގަނޑުމެންނަށް ފަސޭހަ އިން ފެންނާނެ. ގާތްގަނޑަށް ވައިގެ މަގުން 120 ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާ ގޮތަށް ހަމަޖެހިފައި އޮތީ،" އޭނާ ވިދާޅުވި އެވެ.
މުޖުތަބާ ވިދާޅުވި ގޮތުގައި ކޯސްޓް ގާޑްގެ އިތުރުން ފުލުހުންނާއި ބ. އަތޮޅުގެ ރިސޯޓްތަކުގެ އުޅަނދުތައް ވެސް ދަނީ ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. އެކަމަކު އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އެނގޭނީ ފުލުހުންގެ ތަހުގީގަކަށް ފަހު ކަމަށާއި ކޯސްޓް ގާޑުން މަސައްކަތް ކުރަމުން ދަނީ ގެއްލުނު މީހާ ހޯދުމަށް ކަމަށް އޭނާ ވިދޅުވި އެވެ.
މިފަދަ ހާދިސާތައް މަދު ކުރުމަށްޓަކައި ލައިފް ޖެކެޓް އެޅުމާއި ރޭގަނޑު ދަތުރު ކުރާއިރު ބޭނުން ކުރަންޖެހޭ ފަދަ ލައިޓްތައް އުޅަނދުތަކުގައި ހަމަކޮށްގެން ދަތުރު ކުރަން ކޯސްޓް ގާޑުން އިލްތިމާސް ކުރެ އެވެ.