ރޭ އިރާކޮޅު ލޯންޗަކާއި ޑިންގީއެއް ޖެހިގެން ގެއްލުނު މީހާ އާއި ޑިންގީ ވެސް އަދި ނުފެންނަ ކަމަށް، އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ބ. ދަރަވަންދޫން ތިން މީހުންނާ އެކު މަސްވެރިކަމަށް ނުކުމެ އުޅެނު ޑިންގީ އާއި އޭދަފުށިން ދަރަވަންދުއަށް ދަތުރުކުރި ލޯންޗު ދޮންފަނު ކައިރިން ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ގެއްލިގެން އުޅެނީ އޭދަފުށީ، މުސްތަރީގޭ ނަސްރުﷲ އަބްދުﷲ 41، އެވެ.
އޭދަފުއްޓަށް އުފަން އެކަމަކު ދަރަވަންދޫ މީހަކާ އިނދެގެން އެ ރަށުގައި އުޅެމުން އަންނަ ނަސްރުﷲ މަހަށް ނުކުތީ އަންހެނުންގެ ދެ ބޭބެއަކާ އެކު އެވެ. އުމުރުން 42 އަހަރާއި 38 އަހަރުގެ ދެ މީހުން ސަލާމަތްކޮށް، ދަރަވަންދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އެވެ. އޭގެ ތެރެއިން އެކެއްގެ ބޯ ފެޅި، އަތާއި ފަޔަށް ވެސް އަނިޔާވެފައިވާ ކަމަށްވެ އެވެ.
އެކަމަކު ފުރާނައަށް ނުރައްކާވާ ފަދަ އަނިޔާއެއް ލިބުނު ކަމަކަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެފައެއް ނުވެ އެވެ.
އެމްއެންޑީއެފުން މިއަދު ބުނީ ނަސްރުﷲ ހޯދަން، އެމްއެންޑީއެފުން ހާއްސަ އޮޕަރޭޝަނެއް ހިންގަމުން އަންނަ ކަމަށެވެ. އެކްސިޑެންޓްގެ ހަބަރު ރޭ 7:00 ހާ އިރު ލިބުމާ އެކު ހުއްޓުމެއް ނެތި އެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
"އަދި މިހާތަނަށް ކުރި މަސައްކަތުން، ގެއްލުނު މީހާ ނުފެނޭ،" އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޮޕަރޭޝަންގައި ކޯސްޓް ގާޑުގެ ލޯންޗާއި ޑައިވަރުން ވެސް ބައިވެރިވެ އެވެ.
"އަޑިއަށް ދިޔަ ޑިންގީ ވެސް އަދި ނުފެނޭ،" އޮފިޝަލް ވިދާޅުވި އެވެ.
ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި، އެ ސަރަހައްދާ ކައިރީގައި އޮންނަ ޑުސިޓް ތާނީ ރިސޯޓުގެ ޑައިވިން ޓީމަކާއި ދަރަވަންދޫގެ ޑައިވިން ޓީމަކުން ވެސް ބައިވެރިވެ އެވެ.
ނަސްރުﷲ އަކީ މާލޭގައި، ބްރައިޓް ބްރަދާސްގައި މަސައްކަތް ކުރަމުން އަންނަ މީހެކެވެ. އޭނާ ދަރަވަންދުއަށް ގޮސް އުޅުނީ ބޮޑު ޗުއްޓީގަ އެވެ.