ދ. އަތޮޅުގައި އޮންނަ ވޮންމުލި ރިސޯޓުން ސްނޯކްލިން އަށް ގޮސްއުޅެނިކޮށް ޓޫރިސްޓަކު މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ ވޮންމުލި ރިސޯޓުން ސްނޯކްލިން އަށް ގޮސް އުޅުނު ޓޫރިސްޓަކު މަރުވެފައިވާ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ހެނދުނު 11:50 ހާއިރު ކަމަށެވެ.
އެ ހާދިސާގައި މަރުވެފައި ވަނީ 43 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސްނޯކްލިން އަށް ދިޔަ ޓޫރިސްޓަކު މަރުވި އިރު، މިދިޔަ މަހުގެ ފަހުކޮޅު، ކ. ކަނޑޫމާ ތިލައަށް ޑައިވިނަށް ފޭބި ފަހުން ގެއްލުނު ޓޫރިސްޓް މީހާ އަދިވެސް ނުފެނެ އެވެ. "އޮކާ އެމް7 އެސް" ސަފާރީން ޑައިވިނަށް ފައިބައިގެން އުޅެނިކޮށް ގެއްލުނީ ޗައިނާގެ 41 އަހަރުގެ އަންހެނެކެވެ.
ސްނޯކްލިން އާއި ޑައިވިނަށް ގޮސް އުޅޭ ޓޫރިސްޓުން ގެއްލި ހިތާމަވެރި ހާދިސާތައް ހިނގުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.