އިފުރު އައިލެންޑް ރިސޯޓުގައި ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ކުރިން ބުނެފައިވަނީ މިދިޔަ ހޯމަ ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ގެއްލުނީ އެ ރިސޯޓްގައި މަސައްކަތްކުރާ އިންޑިއާ މީހެއް ކަމަށްވާ އަފްތާބް ޚާން ކަމަށެވެ.
ފުލުހުންނާއި އެމްއެންޑީއެފް ގެންދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން ދާއިރު، އޭނާ އަދިވެސް ނުފެންނަ ކަމަށް ފުލުހުން މިއަދު ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މިކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށެވެ.
ސްނޯކްލިންއަށް ގޮސް އުޅެނިކޮށް ޓޫރިސްޓުން ގެއްލުމުގެ ހާދިސާތަކާއި ގެނބިގެން މަރުވުމުގެ ހާދިސާތައް ފަހަކަށް އައިސް އާންމުކޮށް ދަނީ ހިނގަމުންނެވެ.