ރާއްޖޭގައި ފުރަތަމަ ފަހަރަށް "ވޯލްޑް ސްކިލްސް ޑޭ" ފާހަގަކުރަން މިއަދު ނިންމައިފި އެވެ.
ހަޔަ އެޑިއުކޭޝަންގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ހާޝިމް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގައި އަލަށް ސްކިލްސް ނުވަތަ ހުނަރުގެ ދުވަސް ފާހަގަކުރަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އެކަމަށް ހަޔަ އެޑިއުކޭޝަންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީން އެއްބަސްވެފައިވާ ކަމަށް ވިދާޅުވި އެވެ.
ދުނިޔޭގެ އެހެން ގައުމުތަކުގައި 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ސްކިލްސް ޑޭ ފާހަގަކުރަމުންނެވެ.
ހާޝިމް ވިދާޅުވީ ލޯކަލް ކައުންސިލްތަކާ ގުޅިގެން ރަށްރަށުގައި ވެސް ހަރަކާތްތައް ހިންގާނެ ކަމަށެވެ. އެގޮތުން ވަކި މަސައްކަތަކުން ކުރިއަރާފައިވާ މީހެއްގެ ވާހަކަތައް ދަރިވަރުންނަށާއި ޒުވާނުންނަށް ހިއްސާކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
"އެ މީހެއްގެ އެ ދަތުރު ހިއްސާކުރެވޭނެ ދަރިވަރުންނަށާއި ޒުވާނުންނަށް. އެ މަސައްކަތެއް ކުރާގޮތް ދަސްކޮށްދީ ކިޔައިދީ އެކަމަށް ޝައުގުވެރިކަން ވެސް އުފައްދައިދެވޭނެ،" ހާޝިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްވާނީ ޒުވާނުންނަށް މަސައްކަތްތެރިކަން ދަސްކޮށްދީގެން ކަމަށެވެ. އެހެންވެ ހުނަރުތައް ދަސްކޮށްދިނުމަށް ހާއްސަ މަސައްކަތެއް ކުރާނެ ކަމަށް ވިދާޅުވި އެވެ.