ފުލީ ފަންޑެޑް ސްކޮލަޝިޕް ލިބޭ ފުރުސަތާ އެކު، ނޭޝަނަލް ސްކިލްސް އަދި ކެރިއާ އެކްސްޕޯ މާދަމާ ބާއްވަން ނިންމައިފި އެވެ،
ހަޔަ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން "މިހާރު" އަށް މިއަދު ވިދާޅުވީ ޔޫތު މިނިސްޓްރީއާ ގުޅިގެން ބާއްވާ އެކްސްޕޯގައި މަސައްކަތުގެ ތައުލީމާއި މަސައްކަތުގެ ހުނަރަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށެވެ.
އޭގެ ތެރޭގައި ހުނަރު ދައްކާލުމާއި މަސައްކަތުގެ ހުނަރާއި ތަމްރީނުގެ ތެރެއިން މައުލޫމާތު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާ އެކްސްޕޯގައި ކޮލެޖުތަކާއި ސަރުކާރުގެ ކުންފުނިތަކުން ވެސް ބައިވެރިވާނެ އެވެ. އެ ތަނުން، ވަޒީފާތަކަށް ވޯކިން އިންޓަވިއު ހަދައި ވަޒީފާ ލިބުމުގެ ފުރުސަތު އޮންނާނެކަން މިނިސްޓަރު ވިދާޅުވި އެވެ.
އެކްސްޕޯއަށް ޒިޔާރަތްކުރާ މީހުންގެ މެދުގައި ގުރުއަތު ނަގައި، ރާއްޖެއިން ބޭރުގައި ތައުލީމް ހާސިލްކުރުމަށް ފުލީ ފަންޑެޑް ހަތަރު ފުރުސަތެއް ލިބޭނެ އެވެ.
އެ ދާއިރާތަކަކީ؛
- ސްޕެއިންގެ ބާސެލޯނާގައި ޕައިލެޓް ޓްރެއިނިން ހެދުމަށް
- މެލޭޝިޔާގައި ކަލިނަރީ އާޓްސްގެ ޑިޕްލޮމާ ހެދުމަށް
- މެލޭޝިޔާގައި އިންޓީރިއާ ޑިޒައިންގެ ޑިޕްލޮމާ ހެދުމަށް
- ޖޯޑަންގައި އެއާކްރާފްޓް މެއިންޓަނަންސްގެ ދާއިރާއިން ޑިޕްލޮމާ ހެދުމަށް
"މި އެކްސްޕޯގައި މަސައްކަތުގެ ހުނަރާއި ތަމްރީނުގެ މައުލޫމާތު ހޯދައި އެކަމަށް ޝައުގުވެރިކަން އުފެދި، ވަޒީފާ ލިބުމުގެ އިތުރުން އެ ދާއިރާތަކުން މަތީ ތައުލީމަށް ސަރުކާރުން ހުރިހާ ހަރަދެއް ދޭގޮތަށް ކިޔަވަން ފުރުސަތު ލިބޭ،" މިނިސްޓަރު ވިދާޅުވި އެވެ.
"މިއީ، ޒުވާނުންނަށް ހަފްތާ ބަންދުގައި ލިބޭނެ އެންމެ ރަނގަޅު ފުރުސަތު. ދިރިއުޅުން ބައްޓަންކުރަން ލިބޭނެ އެންމެ މުހިއްމު އެއް ފުރުސަތު މި ލިބެނީ މި ހަފުތާގައި،"
އެކްސްޕޯ އޮންނާނީ މާދަމާ އަދި އަންނަ ހޮނިހިރު ދުވަހުގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00 އިން ރޭގަނޑު 12:00 އަށެވެ.