ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ސްރީ ލަންކާ އަށް މިހާރު ކުރައްވަމުން ގެންދަވާ ނުރަސްމީ ދަތުރުފުޅުގައި، އެ ގައުމުގައި ދިރިއުޅޭ ބައެއް ދިވެހިންނާ މިއަދު ބައްދަލު ކުރައްވައިފި އެވެ.
ޕީޕީއެމްގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަދި މައުމޫންގެ އަރިހުގައި ސިޔާސީ މަސައްކަތް ކުރައްވާ އަބްދުލްއަލީމް "މިހާރު" އަށް ވިދާޅުވީ ލަންކާގައި އުޅޭ ދިވެހިންނާ އެކު މައުމޫން ބޭއްވެވި ބައްދަލުވުމަށް 100 އަށް ވުރެ ގިނަ މީހުން ދިޔަ ކަމަށެވެ. އަދި އެ މީހުންގެ ކަންބޮޑުވުންތައް މައުމޫން އެއްސެވި ކަމަށް އަލީމް ވިދާޅުވި އެވެ.
"މި ތަނުގައި ކުރިމަތިވެފައި ހުރި ދަތިތަކުގެ ވާހަކަ އެ ބޭފުޅުން [މައުމޫންއާ] ހިއްސާ ކުރެއްވީ،" މައުމޫނާ އެކު، މި ވަގުތު ލަންކާގައި ހުންނެވި އަލީމް ވިދާޅުވި އެވެ.
އަލީމް ވިދާޅުވި ގޮތުގައި، މައުންޓުލެވީނިއާ ގައި އޮތް ބައްދަލުވުމަށް ދިޔަ ބައެއް މީހުން ވަނީ، "މޯލްޑިވްސް ރިފޯމް މޫވްމަންޓް"ގެ ނަމުގައި މައުމޫން އިސްކޮށް ހުންވައިގެން އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އަށް ސޮއިކޮށް، ފޯމު ވެސް ހުށަހަޅައިފަ އެވެ. އަދި ޕާޓީއާ ގުޅުމުގެ ވިސްނުން ގެންގުޅޭ ބައެއް މީހުންނާ ފޯމުތައް ހަވާލުކުރި އެވެ.
މިހާރު ރާއްޖޭގެ ވެރިކަން ކުރާ ކޯލިޝަންގެ ހަތަރު ލީޑަރުންގެ ތެރޭގައި ހިމެނޭ މައުމޫން ލަންކާ އަށް ވަޑައިގެން މި އުޅުއްވަނީ ބޭސްފަރުވާ އަކަށެވެ. ލަންކާގައި އަމިއްލަ އަށް މަރުވެގެން މިދިޔަ އޭޕްރީލް 21 ގައި އީސްޓާ ބޮމުގެ ހަމަލާ ދިން އިރު ވެސް އެމަނިކުފާނު ހުންނެވީ ބޭސްފަރުވާ އަކަށް އެ ގައުމުގަ އެވެ. އެކަމަކު، އެ ހަމަލާއާ ގުޅިގެން ލަންކާގެ ހާލަތު އިތުރަށް ގޯސްވުމުން މައުމޫން ވަނީ ދަތުރުފުޅު ކުރައްވާފައި ރާއްޖެ ވަޑައިގެންފަ އެވެ. އަދި މިއީ އެ ހަމަލާ އަށް ފަހު މައުމޫން ލަންކާ އަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ.
އީސްޓާ ބޮމުގެ ހަމަލަ އަށް ފަހު، ލަންކާގެ މަސްރަހު ނުތަނަވަސްވުމުން ގިނަ ދިވެހިންތަކެއް ވަނީ އެނބުރި ރާއްޖެ އައިސްފަ އެވެ. އަދި ދިވެހިންގެ މެދުގައި އޮތް ނުތަވަސްކަން ކުޑަކުރުމަށާއި ރާއްޖެ އޮތީ ލަންކާއާ އެކު ކަން ހާމަކުރުމަށް ދިވެހި ދައުލަތުގެ އެކި ފެންވަރުގެ ބޭފުޅުން ތަފާތު ފަހަރު މަތިން އެ ގައުމަށް ވަޑައިގެންފައި ވެ އެވެ. އެކަމަކު، ލަންކާގައި އުޅޭ ދިވެހިންގެ ހާލު އޮޅުން ފިލުވުމަށް ދިވެހިންނަށް ޚާއްސަ ބައްދަލުވުމެއް ބޭއްވި ކަމަށް އެނގިފައެއް ނުވެ އެވެ.