ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށްޓަކައި އިންސާފު ގާއިމުވާ ތަން ރައްޔިތުންނަށް ފެންނާނެ ގޮތަަކަށް މަަސައްކަތް ކުރަންޖެހޭ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ ވަކީލުންނާއި އަދުލު އިންސާފު ގާއިމްްކުރުމުގެ ދާއިރާގެ އެހެން މުއައްސާތަކުގެ މީހުންނަށް މިއަދު ފެށި ސެމިނާ ހުޅުވުމުގެ ރަސްމިއްޔާތުގައި ބިޝާމް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެ ނިޒާމަށް ރައްޔިތުންގެ އިތުބާރު ނެތުން ކަމަށެވެ. ޖިނާއީ އަދުލުގެ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމަށްޓަކައި މުހިންމު ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި އެއީ ދެމެހެއްޓެނިވި ބަދަލުތަކަކަށް ވާންޖެހޭ ކަަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުން ބަލައިގަންނަ ފަދަ އުސޫލުތަކަށް އަމަލު ކުރުމަށް މުއައްސަސާތަކުން ކުރާ މަސައްކަތްތައް ހަމަހަމަ ދެފުށް ފެންނަ އުސޫލަކުން ކުރުމަކީ ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކުރެވޭނެ އެންމެ މުހިއްމު މަސައްކަތް. އެހެން ކަމުން އިންސާފު ގާއިމްވެގެންދާ ތަން ރައްޔިތުންނަށް ފެންނަން އެބަޖެހޭ،" ބިޝާމް ވިދާޅުވި އެވެ.
ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކާ ބެހޭ ގޮތުން ތަފުސީލުކޮށް ވާހަކަ ދައްކަވަމުން ބިޝާމް ވިދާޅުވީ، އެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައި ޖިނާއީ އިޖުރާއަތުގެ ގާނޫނާއި ގާނޫނުލްއުގޫބާތަށް މުއައްސާތައް އަދިވެސް އަހުލުވެރި ނުވުމަކީ އެފަދަ އެއް މައްސަލަ ކަމަށެވެ. އެ ދެ ގާނޫނަށް ދައުލަތުގެ މުއައްސަސާތައް ބީރަށްޓެހިި ވުމުގެ މިސާލެއްގެ ގޮތުގައި އޭނާ ނެންގެވީ ކުދި ކުށްތައް ކުރާ މީހުންނަށް ލިބިދެވެން ހުރި ލުއިތަކަށް އަހުލުވެރި ނުވުމެވެ.
"ނަމަވެސް މި ނިޒާމު ފައްކާ ކުރުމަށް ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ގުޅިގެން މި ކުރާ މަސަައްކަތްތަކުން މި ކަން ވެސް އަޅުގަނޑުމެންނަށް ހާސިލުވާނެ ކަމާ މެދަކު އަޅުގަނޑު ޝައްކެއް ނުކުރަން،" އޭނާ ވިދާޅުވި އެވެ.
ގާނޫނީ ގޮތުން ރާއްޖެއަށް އައި ޒަމާނީ ބަދަލުތައް ތަންފީޒުު ކުރުމަށް ކުރަންޖެހޭ މަަސައްކަތްތަތާ ބެހޭ ގޮތުން ވެސް ބިޝާމް ވާހަކަ ދެއްކެވި އެވެ. އޭނާ ވިދާޅުވީ، ޖިިނާއީ އިޖުރާއަތުގެ ގާނޫނު ތަންފީޒު ކުުރުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން ގަވައިދުތައް ހަދަން ޖެހޭ ކަމަށެވެ. ނަމަވެސް އެ ގަވައިދުތައް އެކުލަވާލާފައި ނުވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
ޕީޖީ ވިދާޅުވި ގޮތުގައި، ގަވައިދުތައް ނުހެދި ލަސްވުމުގެ ނަތީޖާ އަކީ، މުޅި ޖިނާއީ އަދުލުގެ ނިޒާމަށް އޭގެ ނޭދެވޭ އަސަރު ކުރުމެވެ. އެހެންވެ، ގަވައިދު އެކުލަވައިލުމާއި ގާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ފަދަ މަސަައްކަތްތައްް އަވަސް ކުރަން ޖެހޭ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.
އިސްލާމީ މަރުކަޒުގެ ހޯލުގައި ތިން ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މަހާސިންތާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ޔުނިޓްތަކާއި ޖިނާއީ އަދުލުގެ ނިޒާމުގައި މަސައްކަތްކުރާ ގިނަ މުއައްސަސާތަކާއި ކޯޓުތަކާއި އެހެން ބައެއް އިދާރާތަކުގެ މަންދޫބުން ބައިވެރިވެ އެވެ.
ޕީޖީ އޮފީހުން ބުނީ މަހާސިންތާގައި ބައިވެރިވާ ހުރިހާ މުއައްސަސާތަކުން މަޝްވަރާ ކުރާނީ ގޮންޖެހުންތައް ހައްލުކުރުމާ ބެހޭ ގޮތުން ކަމަށެވެ.