ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައި ވެސް ތަހައްމަލް ކުރުމުގެ ސިފަ ޒުވާނުންގެ ކިބައިގައި ހުންނަން ޖެހޭ ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެ އެވެ.
ކިޔަވާ ކުދިންނާއި ޒުވާނުންނަށް ޔޫތު މިނިސްޓްރީން ބާއްވާ ޔޫތު ލީޑާސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ނައިބު ރައީސް ވިދާޅުވީ ތަހައްމަލް ކުރުމުގެ ސިފަ ނެތް ނަމަ ހޯދަން ބޭނުންވާ ކާމިޔާބީތަކެއް ނުހޯދޭނެ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރަން އެބަޖެހޭ އަޅުގަނޑުމެން ދުނިޔޭގައި އުޅޭއިރު އަޅުގަނޑުމެން އެކި މަސައްކަތްތަކުގައި އުޅޭއިރު އަޅުގަނޑުމެން އާއިލާއާ އެއްކޮށް އުޅޭއިރު އަދި އަޅުގަނޑުމެން ޒުވާނުންނާ އެކު އެކިއެކި ކަންތައްތަކުގައި އުޅޭއިރު އަޅުގަނޑުމެން އެންމެ ހިތްހަމަޖެހޭ ގޮތަކަށް އަބަދުމެ ކަންތައްތަކެއް ހަގީގަތުގައި ނުވާނެ،" ނައިބު ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެފަދަ ކަންކަމަށް ކެތްތެރިވާން ދަސްކުރަން ޖެހޭ ކަމަށާއި އެ ހިތްވަރާއި އެ ފަންވަރު ދިވެހި ޒުވާނުންގެ ކިބައިގައި ހުންނާނެ ކަމަށެވެ.
ޒުވާން އުމުރު ހެޔޮގުތައި ހޭދަކުރަން ވެސް ނައިބު ރައީސް ނަސޭހަތްތެރިވެވަޑައިގަތެވެ.
"އެހެންވީމާ މިއަދު ދިވެހި ޒުވާނުން އެބަޖެހޭ، އިތުރަށް ޒިންމާދާރު ބަޔަކަށް ވާން. ކަންތައްތައް ހުއްޓުވާ ބަޔަކަށް ވާން އެބަޖެހޭ. މުސްތަގުބަލް އުޖާލާ ކުރެވޭނެ ފަދަ ބައެއްގެ ގޮތުގައި ވުމަށްޓަކައި ގިނަ ގުނަ މަސައްކަތްތަކެއް ކުރަން އެބަޖެހޭ،" ނައިބު ރައީސް ވިދާޅުވި އެވެ.
ޒުވާނުންނާ ދޭތެރޭގައި މި ސަރުކާރުގެ ސިޔާސަތުތައް ތަކުރާރު ކުރައްވަމުން ވިދާޅުވީ ވޭތުވެދިޔަ ހަތް މަސް ތެރޭގައި މަތީ ތައުލީމަށް ވެސް ކުރިން ހޭދަނުކުރާހާ ބޮޑު އަދަދެއް މި ސަރުކާރުން ހޭދަކޮށްފައިވާ ކަމަށެވެ.
ގައުމު ބޭނުންވާ ތަރައްގީއާ ހަމައަށް ގެންދިއުމުގެ ފުރުސަތު އޮތީ ޒުވާނުންނަށް ކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ ގައުމުގައި ހުރި ކަންކަން ހައްލުކުރުމާއި ގައުމު ތަރައްގީކުރުމުގައި ޒުވާނުން އެކަތިގަނޑަކަށްވެ އެކުވެރިކަމާ އެކު ކުރިއަށް ދާން ޖެހޭ ކަމަށެވެ.