ގާނޫނުއަސާސީގައި އޮންނަ ގޮތަށް ރާއްޖޭގައި ނައިބު ރައީސަކަށް މިހާތަނަށް ލިބިވަޑައިގަތް ފުރުސަތެއް ނޫނެވެ; ރާއްޖޭގެ ވެރިކަން, ނައިބު ރައީސް ފައިސަލް ނަސީމް ތިން ގަޑިއިރާ 30 މިނެޓަށް ކުރެއްވި އެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ ޒިންމާތަކާ އެ މަނިކުފާނު ހަވާލުވެވަޑައިގެން ހުންނެވި ކޮންމެ ސިކުންތެއް ގުޅިފައި އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި އިތުބާރާ އެވެ.
ވެރިކަމުގެ ބާރުތައް ނައިބު ރައީސާ ހަވާލު ނުކުރައްވައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދެވެން އޮތެވެ. އެކަމަކު ފުރިހަމަ ބާރާއި އިހްތިޔާރު ނައިބު ރައީސަށް ދޫކޮށްލެވި އެވެ.
އެ މަނިކުފާނަކީ ނައިބު ރައީސެއްގެ ގޮތުގައި ވެރިކަމުގެ ފަސް އަހަރުގެ ދައުރެއް މިހާތަނަށް ނިންމަވާލައްވާ ހަމައެކަނި ބޭފުޅާ އެވެ. ރާއްޖޭގެ ރައީސުންނާ އެކު މިހާތަނަށް އިންތިހާބުވެވަޑައިގަތް ނައިބު ރައީސުންނަށް އެކުގައި ނުތިއްބެވުނެވެ. ސިޔާސީ ބާރުވެރިކަން ހޯދުމާއި ވާދަވެރިކަމުގެ ތެރެއިން ނުކުތް ހިޔާލުތަފާތުވުންތަކާއި ޖެހުނު މައްސަލަތަކާ ހެދި ކޮންމެ ފަހަރަކު ވެސް ކުރައްވަން ޖެހިވަޑައިގަތީ ހިތްދަތި ތަޖުރިބާއެކެވެ.
އެކަމަކު ނައިބު ރައީސެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ފައިސަލް ދައުރު ނިންމާލައްވަނީ ވަރަށް ބޮޑު ހިތްހަމަޖެހުމަކާ އެކުގަ އެވެ.
އެ މަނިކުފާނު ވިދާޅުވާ ގޮތުގައި ދެ މިސްރާބެއް ނެތެވެ. ކުރިއަށް އޮތް ފަސް އަހަރަށް ވެސް އެ މަނިކުފާނުގެ ޗޮއިސްއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަށް އެކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެ ކަމަށް ވަންޏާ ގައުމުގައި ހުރި މަސައްކަތްތަކުގައި ރައީސްއާ އެކު ބައިވެރިވުމުގެ ޝައުގުވެރިކަން އަޅުގަނޑުގެ އަދިވެސް ވަރަށް ބޮޑަށް އެބައޮތް."
މިއީ ނައިބު ރައީސްގެ މަސައްކަތްޕުޅާ ގުޅޭ ގޮތުން "މިހާރު"އަށް ދެއްވި ހާއްސަ އިންޓަވިއުގެ ހުލާސާއެކެވެ.
ރައީސް ވަރަށް އިތުބާރު ކުރައްވާ ނައިބެއްގެ ގޮތުގައި ފެނުނީ. އެއީ ސިޔާސީ ބާރުވެރިކަން ހޯއްދަވަން ނޫޅުއްވައި މަގާމުގެ ދައުރު ނިންމަވާލެއްވުމުގެ ވިސްނުންފުޅުގައި މަޑުން ހުންނެވީމަތޯ؟
ނޫން. އަޅުގަނޑުގެ އެއްވެސް ކަމެއް ފޮރުވިފައެއް ނޯންނާނެ. މި މަގާމާ އެކު އަޅުގަނޑަށް އެއްވެސް ކަމެއް ނޯޅޭ. އަޅުގަނޑު އެއްވެސް ފަހަރަކު ހަނދާނެއް ވެސް ނުނެތޭ ރައްޔިތުން އަޅުގަނޑު ހޮވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބެއްގެ ގޮތުގައި ކަން. ރައީސުލްޖުމްހޫރިއްޔާ އެބަ ހުންނެވި ކަމާއި އަޅުގަނޑު އުޅެން ޖެހޭ ގޮތާއި އަޅުގަނޑު މަސައްކަތް ކުރަން ޖެހޭ ގޮތް މީހަކު ކިޔައިނުދިނަސް އެނގޭ.
ތިރީހަކަށް އަހަރު ވެގެން މިދިޔައީ އެކި މަސައްކަތްތަކުގައި އަޅުގަނޑު އުޅޭތާ. އަޅުގަނޑު އައި މަގު އަބަދުވެސް ހަނދާނުގައި ހުރޭ. އަޅުގަނޑު އަޒުމެއް ކަނޑައެޅިން ކުރި ހުވަޔާ އެއް ގޮތަށް ގައުމާއި ރައްޔިތުންނަށް އެންމެ ރަނގަޅަށް ރައީސުލްޖުމްހޫރިއްޔާ އަށް ވަފާތެރިކޮށް ވީހާ ވެސް ގިނަ މަސައްކަތްތަކެއް ފަސް އަހަރުގެ ތެރޭގައި ކުރަން.
ރައީސް އަޅުގަނޑަށް އިތުބާރު ނުކުރައްވަން އެއްވެސް ކަމެއް އޮޅުވާލާފައި ނޯންނާނެ. އެހެންވީމާ ރައީސް ފުރިހަމަ އިތުބާރު އަޅުގަނޑަށް ކުރައްވާ. ކުރިއަށް މާ ކުރިއަށް, ދެން ހުރި ކަންކަމަށް ވިސްނުން ގެންގުޅެ އެކަންކަން ކުރަން އުޅުމެއް ނޫން އަޅުގަނޑު ހަވާލުވީ މަސްއޫލިއްޔަތަކީ. ހުވާކުރި ދުވަހެކޭ ހަތަރު އަހަރު ފާއިތުވެގެން ދިޔައިރު މިއަދު ވެސް އަޅުގަނޑުގެ ވިސްނުން ހުރި ގޮތަކަށް އެއްވެސް ބަދަލެއް ނާދޭ. ހުވާމަތީގައި ތެދުވެރިކަމާއި އިހްލާސްތެރިކަމާއި އަމާނާތްތެރިކަމާ އެކީގައި އަދާކުރަމުން މި އަންނަނީ ރައްޔިތުން އަޅުގަނޑާ ހަވާލުކުރި ޒިންމާ.
މާޒީއަށް ބަލާއިރު ނައިބު ރައީސުންނަށް ޒިންމާ އަދާކުރެއްވުމުގައި އެހާ ފަސޭހައެއް ނޫން. ހުރަސްތަކަކާ ނަތީޖާ ވެސް ވަރަށް ގޯސްކޮށް ނުކުމެފައި އެބަހުރި. ކޯލިޝަން ދަމަހައްޓަން ޖެހޭ ވެރިކަމެއްގައި ރައީސް ނިސްބަތްވެވަޑައިގަންނަވާ ޕާޓީ ނޫން އެހެން ޕާޓީއަކުން ނައިބު ކަމަށް ވަޑައިގަތުމުން ދިމާވި އުނދަގޫތަކަކީ ކޮބައިތޯ؟
ވަކި ޕާޓީއަކަށް ވުމަކުން އަޅުގަނޑަށް އެއްވެސް ކަހަލަ ދައްޗެއް ކުރިމައްޗެއް ނުވޭ. އެއްވެސް އެ ކަހަލަ ހިތްހަމަނުޖެހޭ ކަމެއް އޮތް ނަމަ އެ ވާހަކަ އަޅުގަނޑު ދަންނަވާނަން. އެފަދަ އެއްވެސް ކަމެއް ހިނގާފައެއް ނެތް.
އަޅުގަނޑު ހޮވުނީ ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެވަޑައިގަންނަވާ ޕާޓީން ނޫން ނަމަވެސް ބެލީ ރައްޔިތުންގެ މަސްލަހަތަށް. އެ އަށް ވުރެ ބޮޑަށް އަޅުގަނޑުގެ އަމިއްލަ ކަމެއް އިސްކުރަން ޖެހޭ ކަމަކަށް ގަބޫލެއް ނުކުރަން. ކެބިނެޓުގައި ތިއްބެވި އެކި ޕާޓީތަކުގެ ވަޒީރުންނާއި ސަރުކާރުގެ އެހެން ބޭފުޅުންގެ ފަރާތުން ވެސް އެއްވެސް ކަހަލަ އުނދަގުލެއް ކުރިމައްޗެއް ނުވޭ.
އަޅުގަނޑު ދެކެނީ ވެސް ޕާޓީއަށް ވުރެ މުހިއްމު ވާނީ ގައުމާއި ރައްޔިތުން ކަމަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަނިކުފާނާ ދެ ބޭފުޅުންގެ ގުޅުން މިހާތަނަށް ފެންނަނީ ބަދަހިކޮށް. ހިޔާލު ތަފާތުވާ އެއްވެސް ކަމެއް ދިމާނުވަނީތޯ؟
ހިޔާލުތަފާތުވާ ކަންކަމުގައި މަޝްވަރާކުރަން އޮންނަނީ. އަޅުގަނޑަށް މިވެނި ކަމެއް ކުރަން ފެންނަ ނަމަ އެކަމެއް ރައީސަށް ދަންނަވާނީ އާއްމު ގޮތެއްގައި. ދެން އަޅުގަނޑު ހޯމްވޯކް ނުހަދައެއް ނުދަން. އަޅުގަނޑު އެއްޗެއް ދަންނަވަންޏާ މަޝްވަރާކުރަން ޖެހޭ އިތުރު ފަރާތެއް ހުރި ނަމަ މަޝްވަރާކޮށްފައި ދަންނަވަނީ. އެއީ ރަނގަޅު ކަމެއް ކަމަށް ވަންޏާ ރައީސް އެކަމެއް ވަގުތުން ކުރިއަށް ގެންދަން ވިދާޅުވާނެ.
އަޅުގަނޑަށް ފެންނަ އެއްޗެއް ރައީސް އަރިހުގައި އަޅުގަނޑަށް ދެންނެވޭ. ކޮންމެ ކަމެއް ރަނގަޅަށް ކުރަން ރައީސް އިރުޝާދު ދެއްވާ. ހިޔާލުތަފާތުވާ ކަންކަމުގައި ވެސް މަޝްވަރާކޮށް ނިމުން އޮންނާނީ އެއްގޮތް ވެފައި.
އަޅުގަނޑު ކޮންމެ ކަމެއް ކުރަން ހަވާލުވިޔަސް ވަރަށް ބޮޑަށް ވިސްނަން އަޅުގަނޑު އެކަންތައްތައް ކުރަން ޖެހޭނެ ގޮތްތަކަކީ ކޮބައިތޯ. ހާއްސަކޮށް މި ކަހަލަ މަގާމެއްގައި އަޅުގަނޑު ރައްޔިތުންނަށް ޒިންމާދާރުވާން ޖެހޭ. ކުރާ ކޮންމެ ކަމެއްގައި ވެސް ރައްޔިތުން އެއްފަރާތުގައި މި ތިބެނީ, ގާނޫނުތަކާއި ގާނޫނުއަސާސީ އެބައޮވޭ.
ސިޔާސީ ގޮތުން ކުރިއަރައިގެން ދިއުމަށްޓަކައި ނުވަތަ މަޝްހޫރުކަން ހޯދުމަށްޓަކައި ވަކި ކަންތައްތަކެއް ޕާޓީގެ ތެރެއިން ކުރުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އަޅުގަނޑަކަށް ނުފެނުނު. އަޅުގަނޑަށް ފެނުނީ ރައީސްގެ އަރިހުގައި ހުރެގެން ކަންތައްތަކެއް ކުރެވޭތޯ ބެލުން. ކޮންމެ ދުވަހަކު ވެސް ދިގު މުއްދަތެއްގައި ރައްޔިތުންނަށް ފަސޭހަވާނެ، ފައިދާވާނެ ކަންކަން ކުރުން.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ނައިބަކަށް ވަޑައިގަތީ ސިޔާސީ ގޮތުން ދެ ފިކުރެއްގައި ތިއްބެވުމަށް ފަހު. އެކަމަކު ފަސް އަހަރުގެ ދައުރު އެކުގައި ފުރިހަމަކުރައްވާ އިރު ރައީސް ސިފަކުރައްވާނީ ކޮން ގޮތަކަށްތޯ؟
ރައީސްއާ އަޅުގަނޑު އެންމެ ފުރަތަމަ ބައްދަލުވީ ހާއްސަ މަޖިލީހުން. އެ އަށް ފަހު 18 ވަނަ މަޖިލީހުން. އަބަދުވެސް ވަރަށް ބޮޑަށް ފާހަގަކުރެވުނު ކަންތައްތަކާ ވަރަށް ވިސްނަވައި ނިންމެވުންތައް ނިންމަވާކަން. އޭރު ވެސް ހިޔާލު އަދި ފިކުރު ވެސް ހަގީގަތުގައި ތަފާތެއް ނޫން. އިސްލާހަށް މަސައްކަތް ކުރެވުނީ އެއް ވިސްނުމެއްގައި.
އަޅުގަނޑަށް އަބަދުވެސް ރައީސް ފާހަގަކުރެވުނީ ވަރަށް ފުންކޮށް ވިސްނަވާފައި އެއްޗެއް ވިދާޅުވާ ބޭފުޅެއްގެ ގޮތުގައި. އަޅުގަނޑާއި ރައީސަކީ ދެ ޕާޓީއެއް ނަމަވެސް 18 ވަނަ މަޖިލީހުގައި ވެސް ދެ މިސްރާބަކަށް ވާހަކައެއް ނުދެކެވޭ. ގައުމަށް ހަމަޖެހުން ގެނެވޭނެ ގޮތަކާއި އިންސާފުގެ މައްޗަށް އަބަދުވެސް ވާހަކަ ދެކެވުނީ.
ޖުމްހޫރީ ޕާޓީން ޕްރައިމަރީ ކާމިޔާބު ކުރައްވައި ނައިބަކަށް ވަޑައިގަތަސް ޕާޓީގެ އެއްވެސް ހަރަކާތަކުން ނުފެނޭ. އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ކުރިން އޮތް ގުޅުން ވެސް މި ފަހުން ފެނުނީ ގޯސްވެފައި އޮތް މަންޒަރު. އެއްވެސް ބައްދަލުވުމަކުން ދެ ބޭފުޅުން އެކުގައި ނުފެންނަ ސަބަބަކީ ކޮބައިތޯ؟
ނޫން އަޅުގަނޑާ ޖުމްހޫރީ ޕާޓީގެ ލީޑަރާ ހަމަ އެއްވެސް މައްސަލައެއް ނެތް. ފެށުނީއްސުރެ މިއަދާ ހަމައަށް ވެސް ގުޅުން ވަރަށް ރަނގަޅު. އެނގިވަޑައިގަންނަވާނެ އުމުރުގެ ބޮޑު ބައި އަޅުގަނޑު ހޭދަކުރީ ލީޑަރު ގާސިމް އިބްރާހިމް އަރިހުގައި. ވަރަށް ގިނަ ތަޖުރިބާތަކެއް ކުރެއްވުނީ އެކިއެކި ސްޓޭޖްތަކުގައި. ދުވަހަކު ވެސް ގުޅުން ގޯހެއް ވެސް ނުވާނެ. އެއީ ގޯސްނުވާހާ ގާތުން އެއްކޮށް އުޅެވިފައި ހުރީ.
އަޅުގަނޑު ޖުމްހޫރީ ޕާޓީން ވަތްކެއް ނުވަން. މަޖިލިސް 2019 ގައި ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ ކެމްޕޭންގައި ވެސް އަޅުގަނޑު ވަރަށް ބޮޑަށް އުޅުނިން. އަދި އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕޭންގައި ވެސް އުޅުނިން.
އަޅުގަނޑު ބެލީ ސަރުކާރުގައި ރައީސުލްޖުމްހޫރިއްޔާގެ ވައުދުތައް ފުއްދުމަށާއި ސަރުކާރުން ގެންދާ މަޝްރޫއުތައް ކާމިޔާބުކަމާ އެކު ގެންދެވޭނެ ގޮތަކަށް މަސައްކަތް ކުރަން. ރައީސަށް ކަންކަން މަގުފަހިކޮށްދިނުމަށްޓަކައި ފަސޭހަކޮށްދިނުމަށްޓަކައި ކުރަން ޖެހޭ ހުރިހާ މަސައްކަތްތަކެއް އަޅުގަނޑު ކުރަން ޖެހޭނެ.
ޖޭޕީ ވަކިން ވާދަކުރެއްވި އިރު އަދި ކައުންސިލް މެމްބަރެއްގެ ގޮތުގައި އަސާސްތައް ނަގަހައްޓައި ދަމަހައްޓަން ޖެހޭއިރު އެމްޑީޕީ ކެންޑިޑޭޓުންގެ ކެމްޕޭންގައި އުޅުއްވީ ކީއްވެތޯ؟
އަޅުގަނޑު ގަބޫލުކުރަނީ ސަރުކާރުގެ ވައުދުތައް ފުއްދަން ޖެހޭތީ އެ މަގަށް ރައީސުލްޖުމްހޫރިއްޔާގެ މަސައްކަތްތައް ގެންދެވޭނެ ގޮތަށް ހުރިހާ ކަމެއް ފަހިކޮށްދޭން ޖެހެއޭ. އެކަމަށް މަގު ފަހިކުރަން އަޅުގަނޑު ކުރަން ޖެހޭ އެއްވެސް ކަމަކީ ވަކި ގަވާއިދަކާ, އަދި އުސޫލަކާ ހިލާފުވުމެއް ނޫން.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ އަޅުގަނޑާ ދިމާނުވާނެ އެއްވެސް މައްސަލައެއް. އިހަށް ދުވަހަކު ނޫން އޮނަރަބްލް ގާސިމް އަޅުގަނޑާ އެއްކޮށް މަސައްކަތްކުރަން ފެށީ.
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރަނިން މޭޓު ކަމަށް އަނެއްކާވެސް ވަޑައިގެންފާނަންތޯ ފުރުސަތު ލިބިއްޖިއްޔާ؟
އަޅުގަނޑުގެ ޝައުގުވެރިކަން އެބައޮތް ކުރިއަށް އޮތް ތަނުގައި ވެސް މި މަސައްކަތުގައި ބައިވެރިވެ ގައުމަށް ހިދުމަތްކޮށްދޭން. ރައްޔިތުން އުފާވާ ހިތްހަމަޖެހޭ ކަންތައްތަކެއް ކޮށްފައި, ގައުމަށް ހެޔޮއެދޭ ރައްޔިތުން ބަލައިގަންނަ ބައެއްގެ ގޮތުގައި މަޑުކޮށްލަން ކާފަ ދަރިން ލިބޭ ހިސާބުން.
ހެޔޮ ނިޔަތުގައި އިހްލާސްތެރިކަމާ އެކު ހެޔޮ ބަދަލަށް މަސައްކަތް ކުރަންވީ. އަޅުގަނޑަށް އެ ފުރުސަތު އޮތް ކަމަށް ވަންޏާ މާ ރަނގަޅަށް ވެސް މަސައްކަތުގައި ބައިވެރިވެ ރައްޔިތުންނަށް ކަމެއް ކޮށްދިނުން. އެހެންވީމާ އަޅުގަނޑު ވަރަށް ޝައުގުވެރިވޭ މި މަސައްކަތުގައި އުޅެން.
އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ގައުމުގެ އެންމެ ރަނގަޅު ޗޮއިސްއެއްގެ ގޮތުގައި އަދިވެސް އޮތީ ދެވަނަ ދައުރަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް.
މި އަހަރުގެ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމަވައިފި ނަމަ ތާއީދު ކުރައްވާނީ ގާސިމަށްތޯ؟ ނުވަތަ ރައީސްއާ އެކު ދެމިހުންނަވާނީތޯ؟
ޖުމްހޫރީ ޕާޓީން ވަކި ކެންޑިޑޭޓަކު ނުކުންނާނެ ކަން އަދި އިއުލާންކޮށްފައެއް ނެތް. އެކަމަކު ރައީސް އެބަ ވާދަކުރައްވާ. އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ފަށައި ކުރިއަށް ގެންދާ ކަންކަން އިތުރަށް ރަނގަޅުކޮށް އެކަން ދަމަހައްޓަން އިތުރަށް ފުރުސަތު އޮންނަން ޖެހޭ.
އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން ވިސްނަން ޖެހޭނެހެން ގައުމުގެ ހަމަޖެހުމަށް. އަޅުގަނޑު މީގެ ކުރިން ވެސް ތަކުރާރުކޮށް އެތައް ފަހަރެއްގައި ދެންނެވިފައި އޮންނާނީ ރައީސުލްޖުމްހޫރިއްޔާ މި ގައުމު ވޭތުވެދިޔަ ހަތަރު އަހަރު ހިންގެވި ގޮތް ހާއްސަކޮށް ކޮވިޑުގެ ދަތި އުނދަގުލުގެ ތެރެއިންނާއި ކޯލިޝަނެއްގެ ތެރެއިން ލީޑަރުންނާއި ޕާޓީތައް ހިމެނޭ ގޮތުން އޮތް ކެބިނެޓަކާ އެކު ވެރިކަން ކުރެއްވުން އެއީ އާދައިގެ ކަމެއްގެ ގޮތުގައި އަޅުގަނޑުމެން ވިސްނައިގެން ނުވާނޭ.
ސާފުކޮށް ތި ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދެ ވަނަ ދައުރެއް ކާމިޔާބުކޮށްދެއްވަން މަސައްކަތް ކުރައްވާނެ ވާހަކަތޯ؟
އާދެ! ގައުމާއި ރައްޔިތުންނަށް ފައިދާ ހުރި އެތައް މަސައްކަތެއް އެބަކުރޭ. ސަރުކާރުން މި ކުރާ މަސައްކަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް އޮތުމަކީ އަޅުގަނޑު އެދޭ ކަމެއް.
ވަރަށް އިތުބާރުކުރަން ރައީސަށް. ރައީސުލްޖުމްހޫރިއްޔާ އެންމެ އިސްކުރައްވާނީ ގައުމުކަމާއި ރައްޔިތުން ބޭނުންވާ ކަންތައްތައް ކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަން.
ފަސް އަހަރަކަށް ނޫން, މި ކޯލިޝަން އެކުގައި މަސައްކަތްކޮށް އެބަޖެހޭ ގައުމު ކުރިއަށް ގެންދަން. ހަމަޖެހުން ގާއިމްކޮށްފައި ބާއްވަން, ރައްޔިތުންނަށް ކުރިއެރުމާއި ތަރައްގީ ހޯދައިދޭން. ދެ ވަނަ ދައުރެއްގައި އަދި މާ ގިނަ ކަންކަން ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް.
ވަރަށް ވިސްނުން ތެރިކަމާއި ހިކުމަތްތެރިކަމާ އެކު ކުރެވުނު މަސައްކަތެއް އެއީ. ރައީސުލްޖުމްހޫރިއްޔާ އެގޮތަށް އެކަން ނުކުރެއްވި ނަމަ އަޅުގަނޑަކަށް ހަމަ ހިއެއް ނުވޭ މިގޮތަށް މިކަންތައްތައް ސްމޫތުކޮށް ގެންދެވޭނެއޭ.
މި ވޭތުވެދިޔަ ތަނުގައި ހިނގި ކަންތައްތަކާ އެކު ރައީސުލްޖުމްހޫރިއްޔާ އަށް އިތުރަށް މި ގައުމުގައި ހަމަޖެހުން ގާއިމްކޮށް ރައްޔިތުންނަށް އިތުރަށް ފަސޭހަކަމާއި އުފާވެރިކަމާ އެކު ދިރިއުޅެވޭނެ ވަސީލްތަތައް ގާއިމްކޮށްދޭން އިތުރު ދައުރެއް ލިބުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތް.
ގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި އެ ވަގުތު އެބަ ދޭން ޖެހޭ. އަދި މި ވަގުތަކަށް ނެތޭ މި އަށް ވުރެ ރަނގަޅު ޗޮއިސްއެއް. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރު ދައުރެއް އޮތުމަކީ އަޅުގަނޑުމެންކުރަން ޖެހޭނެ ކަމެކޭ.
ދެން ކޯލިޝަން ޕާޓީތަކުން ވެސް އަޅުގަނޑަށް މި ފެންނަނީ ގައުމުގެ ހަމަޖެހުމަށާއި އިންސާފަށް ވިސްނަވާތަން ޕާޓީ ލީޑަރުން ވެސް. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެ ބޭފުޅެއްގެ ކޮންމެ ނިންމުމެއް ވެސް ވާނީ ގައުމަށްޓަކައި ކުރާ ކަމެއްގެ ގޮތުގައޭ. އެއީ ވަކި މީހަކަށް ކޮށްދެވޭ ކަމަކަށް ނޫން.
މިވެރިކަމުގައި ނައިބު ރައީސްކަމާ އެކު މަނިކުފާނާ ހަވާލުކުރެއްވީ ސޯޝަލް ސެކްޓާ. ވަރަށް ގިނަ މީޓިންތައް މަނިކުފާނު ޗެއާކުރައްވާ. ފޮޓޯ، ވީޑިއޯތަކުން އަޅުގަނޑުމެންނަށް ފެނޭ. މަނިކުފާނުގެ އެ ބައްދަލުވުންތަކާ އެއްވަރަށް ނަތީޖާ ނުނެރޭވެ ކަމަށް ބައެއް ބޭފުޅުން ވިދާޅުވޭ.
މިސާލެއްގެ ގޮތުން ދައްކަވަނީ މަސްތުވާތަކެތީގެ މައްސަލަ. އަދި ކިރިޔާ އަލުން މަސައްކަތްތައް ފަށައިގަނެވުނުތަން މި ފެނުނީ. މި ކަހަލަ ބޮޑެތި މައްސަލަތަކުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވެނީ ކީއްވެތޯ؟
ރާއްޖޭގައި ހުރި އިޖުތިމާއީ މައްސަލަތަކަކީ އެންމެ އަހަރަކުން ދެ އަހަރަކުން ހައްލު ކުރެވޭނެ ކަންކަމެއް ނޫން. އެތައް އަހަރުތަކެއް, 30-40 އަހަރުގެ މައްސަލަ. ރަނގަޅު ވާހަކަފުޅެއް, ބައްދަލުވުން ބޭއްވޭ. މިކަމުގެ ނަތީޖާ އެބަ ފެނޭ. ބަދަލުތައް އެބަ އާދޭ.
ރައީސުލްޖުމްހޫރިއްޔާ 2018ގައި ވެރިކަމާ ހަވާލުވެވަޑައިގަތް އިރު ރަނގަޅުކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ހުރި. ރައްޔިތުންގެ އުއްމީދުތަކެއް ހުރި. އަޅުގަނޑަށް ވޭތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި މި ތަޖުރިބާކުރެވުނީ ރައީސުލްޖުމްހޫރިއްޔާ އެންމެ ބޮޑު އިސްކަމެއް މި ދެއްވަނީ ގައުމުގެ ހަމަޖެހުމަށް. ހަމަޖެހުމެއް ނެތް ތަނެއްގައި ތަރައްގީއެއް ކުރިއެރުމެއް ނޯންނާނެ. ގައުމު އެކުވެރިކުރުވުމުން އެންމެންނަށް އެއް ހަމައަކުން އެއް އުސޫލަކުން ކަންކަން ކުރުން. މިއީ ރައީސްގެ ކިބައިން އަޅުގަނޑަށް ފެނުނު އެންމެ ހިތްހަމަޖެހޭ ކަންކަން.
ވަކި ރަށަކަށް ވަކި އަތޮޅަކަށް ވެގެން ހިދުމަތް ފޯރުކޮށްނުދެވޭ ކަމުގެ ޝަކުވާ ނިމުމަކަށް އަތުވެއްޖެ. ހަމަހަމަކަމާ އެކު ރައްޔިތުންނަށް ހިދުމަތް ދެވިއްޖެ.
ހަތަރު އަހަރުގެ ތެރޭގައި އެކަށީގެންވާ މިނެއްގައި ކަންކަން ފޯރުކޮށްދެވިއްޖެ. ކޮވިޑުގެ ދެ އަހަރުގެ ވާހަކަ އަޅުގަނޑުމެން މިހާރު ދައްކާކަށް ބޭނުމެއް ނުވޭ. އެކަމަކު ރައްޔިތުންނަށް ލިބުނު ގެއްލުމާ އެކު ފެންނަން މިއޮތީ ރާއްޖެއަށް އަރައިގަނެވުނުކަން. ނަރުދަމަ އާއި ލަފާފުރުމާއި ދަތުރުފަތުރުގެ ކަންކަން ކުރިއަށް ދިޔަ ކަން ފެންނަން އެބައޮތް.
މުޖުތަމައުގައި ހުރި ބޮޑެތި މައްސަލަތަކުގެ ތެރެއިން އަވަސް ހައްލެއް ހޯދަން ޖެހޭ ކަމަށް މަނިކުފާނު ގަބޫލުކުރައްވާ, އެކަމަކު މިހާތަނަށް ވެސް ނުކުރެއްވި ލަސްވެފައި އޮތް ކަމަކީ ކޮބައިތޯ؟
ވަކި ކަންތައްތަކެއް އަޅުގަނޑުމެން ގަބޫލުކުރަނީކީއެއް ނޫން, ރައްޔިތުން އެންމެ ކަންބޮޑުވާ ކަންކަމުގެ ތެރޭގައި ހުރި ކަންތައް ހައްލުކުރަން މަސައްކަތް ކުރަމުން މި އަންނަނީ. މަސްތުވާތަކެތީގެ މައްސަލައަކީ އެންމެ ބޮޑު ހައްލެއް ބޭނުންވާ ކަން. ޒަމާންވީ އެ މައްސަލައިގެ ސަޕްލައި ރިޑަކްޝަން އާއި ފަރުވާ ފޯރުކޮށްދިނުމާއި ހޭލުންތެރިކަން ކުރުވަން ޖެހޭ.
މިއަދާ ހަމައަށް އައިއިރު ރަނގަޅު ހައްލެއް ހޯދިފައި އޮންނަން ޖެހޭ. އެކަމަކު ޒަމާންތަކަކަށް ދެމިގެންގޮސްފައިވާ މި މައްސަލައިގައި އެކަށީގެންވާ ފިޔަވަޅު އެޅިފައި ނެތް. މިއީ ގައުމީ މައްސަލައެއް. މިކަމުގައި ހައްލު ހޯދޭނީ ހުރިހާ އެންމެން ޒިންމާ އަދާކޮށްގެން. ކިތަންމެ ގިނަ ނިޒާމެއް, ސެންޓަރެއް ގާއިމްކުރިއަސް އެއް އަހަރު ދެ އަހަރު ތިން އަހަރަކުން ނޫން ވަރަށް ބޮޑު މަސައްކަތްތަކަކުން ހައްލު ހޯދޭނީ.
އަޅުގަނޑު ގަބޫލުކުރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ވެސް ކޮންމެ އާއިލާއަކުން ވެސް އެންމެ އަވަސް ހައްލެއް ބޭނުން ވަނީ މަސްތުވާތަކެތީގެ މައްސަލަ. އަޅުގަނޑު ޕާސަނަލީ ވިސްނާއިރު ވެސް އެ މައްސަލައަށް އަވަސް ހައްލެއް ލިބެން ޖެހޭ.
ވައުދުތައް ފުއްދުނު މިންވަރަށް މަނިކުފާނު ދެއްވާނީ ކިތައް ޕަސެންޓްތޯ؟
ވައުދުވީ ކުޑަ ރަށެއް ބޮޑު ރަށެއް ނެތި އެ ބަޔަކަށް ބޭނުންވާ ކަންކަން ކޮށްދެއްވާނެ ކަމަށް. ސިއްހީ ދާއިރާ ހާއްސަކޮށް އަތޮޅު ތެރެއިން ފެންވަރު ރަނގަޅު ހިދުމަތް ހޯއްދަވައި ދެއްވާނެ ކަމަށް. މިއަދު އެބަފެނޭ އުތުރުން ފެށިގެން ދެކުނަށް ބަލާއިރު ވެސް ދުވަހަކު ވެސް ނުދެވޭ ހިދުމަތްތައް ކުރިއަރައިގެންދާތަން. މިކަން އިހްސާސްކުރެވޭނެ އެ ރައްޔިތުންނަށް. މިއިން އެއްވެސް ކަމަކީ ނިމުމެއް އަންނާނެ ކަމެއް ނޫން.
ރަށްރަށުގެ ފެނާއި ނަރުދަމާ އާއި ބަނދަރާއި ލަފާ ފުރުމާއި މަގު ހެދުމާއި އިންޖީނުގެތަކާއި ތައުލީމާއި ސިއްހީ ހިދުމަތާއި ކޮވިޑް މެނޭޖްކޮށް އިގްތިސާދީ ދުވެލި ހަލުވިކުރި ގޮތަށް ބަލާއިރު ވެސް މިއޮތީ ފެންނަން ސަރުކާރުން ނަތީޖާ ނެރެދިން މިންވަރު.
މުޅި ދުނިޔެ ކޮވިޑާ އެކު އޮތް ގޮތާއި ދިމާވަމުން އައި ކަންކަމާ މެދު ވިސްނާލަން ޖެހޭނެ. އެއީ އެއްވެސް ބަޔަކު ޕްލޭންކޮށްފައި އޮތް ކަމެއް ނޫން ކުރިމަތިވާނެ ކަމަކަށް. ކޮވިޑާ އެކު އުނދަގޫވި ކަންކަން އިހްސާސްކުރަން މިއަދު އުނދަގޫވެދާނެ. އެކަމަކު އެކަމުން ސަލާމަތްވާން ކުރަން ޖެހުނު ކޮންމެ ކަމަކީ އޭރު އެންމެ އިސްކަމެއް ދިން ކަންކަން, އެއާއެކު އިންސާފާއި ހަމަޖެހުމާ އެކު ރައްޔިތުންނަށް ހެޔޮ ގޮތްތައް ހޯދައި ދެވިއްޖެ.
ވައުދުވެފައި ވާހަކަ ދެއްކުމެއް ނޫން މިއޮތީ. އެއާ އެއްގޮތަށް ދަތި އުނދަގުލުގެ ތެރެއިން ވެސް ކަންކަން ކޮށްދޭކަން ދައްކުވައި އެބަދޭ ސަރުކާރަށް.
އަޅުގަނޑަކަށް ހަމަ ގައިމު ވެސް ނުފެނޭ އެއްބާރުން އަނެއް ބާރުގެ މައްޗަށް ނުފޫޒު ފޯރުވާ ތަނެއް. އަޅުގަނޑަކަށް ހަމަ ނުފެނޭ. ހަމަ މީހުން ޖަލަށް ލައި ބަންދުކުރާ ތަނެއް ނުފެނޭ. 2018 ގެ ކުރީގެ ވާހަކަ, އަޅުގަނޑަށް ދިމާވި ކަންކަމުގެ ވާހަކަ ދައްކާކަށް އަޅުގަނޑު ނެތިން. ސަރުކާރުން އެއްވެސް ނުފޫޒެއް ވަކި ގޮތަކަށް ވަކި ކަމެއް ކުރާކަށް ނުފޯރުވާ.
އެއް ދިމާލަކަށް ކަންކަން ކުރީމަތޯ ކަމެއް ކުރި ކަމަށް ވަނީ. މިއީ ދެން އަޅުގަނޑަށް އުފެދޭ ސުވާލެއް.
މާލެ ސަރަހައްދަށް ބަލާލައިފިއްޔާ ވަރަށް ގިނަ މެގަ ޕްރޮޖެކްޓްސް އެބަ ހިނގާ. ކަންކަން ކުރަން ޖެހޭ ވަކި އުސޫލްތަކެއް އެބައޮވޭ. އަބަދުވެސް ތިލަވާ ޝަކުވާއަކީ ކަމެއް ކުރަން އޮންނަ ގޮތަށް ނޫން ގޮތަށް ކުރާ ވާހަކަ. އެހެންވީމަ ކަމެއް ކުރާއިރު އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ބްރިޖެއް އެޅި ކަމުގައި ވިޔަސް އަދި ހައުސިން ވިޔަސް އުސް އިމާރާތެއް އެޅިޔަސް ކަންކަމާ ގުޅޭ ކަންކަން އެ ވަގުތެއްގައި ދުނިޔޭގެ މަސްރަހުގައި ހަރަދުތައް ހުރި ގޮތަކަށް ކަންކަން ކުރާނީ. އެތައް ހާސް ހައުސިން އެބަދޭ.
އަޅުގަނޑަކަށް ނޭނގެ ދެން ކޮން ވައުދެއް ކަމެއް ނުފުއްދިގެން މިއުޅެނީ.
އަންނަ ރިޔާސީ އިންތިހާބުގައި ރަނިން މޭޓަކަށް ވެވަޑައިގަތުމުގެ ފުރުސަތު ފަހިނުވެއްޖެ ނަމަ ދެން ކޮން ދާއިރާއަކުންތޯ މަނިކުފާނު ފެނިވަޑައިގަންނަވާނީ؟
ކުރާ ކަމެއް އެންމެ ރަނގަޅަށް އަބަދުވެސް ކުރާނީ. ކޮންމެވެސް ކަމެއް އޮންނާނެ. ރަނގަޅު ކަމެއް އޮންނާނެ. މަޖިލިސް މެމްބަރުކަން ކޮށްފައި މި މަގާމަށް މި އައީ. ދެން އަންނަ ދައުރެއްގައި ނައިބު ރައީސެއްގެ ގޮތުގައި ނުފެނިއްޖިއްޔާ އެހެން ރޮނގަކުން ފެންނާނެ. އެހާ އުމުރުން ދުވަހެއް ނުވޭ. އާމްދަނީ ހޯދަން މަސައްކަތްކުރަން ޖެހިލުމެއް ލަދުގަންނާނެ މީހެއް ނޫން. މީހުންނަށް އުނދަގޫ ކުރާ މީހެއްގެ ގޮތުގައި އަޅުގަނޑެއް ދުވަހަކު ވެސް ނުފެންނާނެ.