ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލޭގައި އިތުރު ތިން އޭޓީއެމް ބަހައްޓައި މިއަދު ހިދުމަތް ދޭން ފަށައިފި އެވެ.
ބީއެމްއެލުން ބުނީ މިއީ ހުޅުމާލޭގައި ބޮޑުވަމުން އަންނަ އާބާދީއަށް ފަސޭހައިން ހިދުމަތް ދޭން ހެދި ސެންޓަރެއް ކަމަށެވެ.
ތިން އޭޓީއެމްއާ އެކު ބީއެމްއެލްގެ އާ ސެލްފް ސާވިސް ސެންޓަރު ހުޅުވީ ހުޅުމާލޭ ފެރީ ޓާމިނަލް ކައިރީގައި ހުންނަ ރިނާޓަސް އިތާ މުއިތް އެޕާޓްމެންޓްގެ ތިރީގަ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި ޗެކް ބޭނުންކޮށްގެން ފައިސާ ޖަމާކުރުމުގެ ހިދުމަތް ވެސް އެ އޭޓީއެމްތަކުން ލިބޭނެ އެވެ.
ހުޅުމާލޭގައި ހުންނަ ބީއެމްއެލް ގޮފީގައި ވެސް ތިން އޭޓީއެމް ހުރެ އެވެ. އޭގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލްގައި ވެސް ބީއެމްއެލްގެ އޭޓީއެމް ހުރެ އެވެ. އެހެންކަމުން މިހާރު ހުޅުމާލޭގައި ބީއެމްއެލުން ޖުމްލަ ހަތް އޭޓީއެމްގެ ހިދުމަތް ފޯރުކޮށްދެ އެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ އެ ބޭންކުން އަންނަނީ ޑިމާންޑާ އެއްވަރަށް ހިދުމަތްތައް ފުޅާކުރަން މަސައްކަތްކުރަމުން ކަމަށެވެ.
"އަޅުގަނޑުމެން [ބީއެމްއެލް] އިން އަބަދުވެސް މި މަސައްކަތްކުރަނީ ކަސްޓަމަރުންނަށް ފަސޭހަވާނެ ގޮތަށް ކަންތައް ކުރަން. ޑިމާންޑް އޮތް ވަރަށް ހިދުމަތް ފުޅާކުރަން މި މަސައްކަތްކުރަނީ،" ސައީދު ވިދާޅުވި އެވެ.
ހުޅުމާލޭގައި މިހާރު ވެސް 50،000 އަށް ވުރެ ގިނަ މީހުން އުޅޭ އިރު އަލަށް ހަދަމުން އަންނަ އެޕާޓްމެންޓްތަކާ އެކު އެތަނުގެ އާބާދީ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.