ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހުޅުމާލެ ދޭއްގައި ރުފިޔާ ނެގޭ ދެ އޭޓީއެމް އަދި ޑޮލަރު ނެގޭ އޭޓީއެމްއެއް މިއަދު ބަހައްޓައި ހިދުމަތް ފަށައިފި އެވެ.
ހިޔާ ޓަވަރުގެ 6 އާ ޖެހިގެން އޮންނަ ބިމުގައި ރުފިޔާ އޭޓީއެމް ސެންޓަރަކާ އެކު، ހިޔާގައި [ސްޓެލްކޯ ފްލެޓްތައް ކުރިމަތީގައި] ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ހަދާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.
އެ ހިދުމަތްތައް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ބީއެމްއެލްގެ ޗެއާޕާސަން އަހުމަދު އަލީ ހަބީބާއި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފާއި އެ ބޭންކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގަތެވެ.
"އަޅުގަނޑުމެން އަބަދުވެސް މި މަސައްކަތް ކުރަނީ ރާއްޖޭގެ ހުރިހާ މުޖުތަމައުތަކަށް ވީހާ ވެސް ފަސޭހައިން މާލީ ހިދުމަތްތަކަށް ވާސިލުވެވޭނެ ގޮތް ހަމަޖެއްސުމަށް. މި އޭޓީއެމް ސެންޓަރުތަކުން ރަމްޒު ކޮށްދެނީ ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތައް ފުރިހަމަ ކޮށްދިނުމަށް ފަސޭހަ އަދި އިތުބާރު ހިފޭ ހިދުމަތެއް ފޯރުކޮށްދިނުމަށް މި ބޭންކުން ދޭ އަހުމިއްޔަތުކަން،" ބީއެމްއެލްގެ އެމްޑީ ޝަރީފު ވިދާޅުވި އެވެ.
ބީއެމްއެލް އިން ބުނީ، ހުޅުމާލެ 1 ގައި ގާއިމުކޮށްފައިވާ އެ ބޭންކުގެ ބްރާންޗާއި ހަތަރު ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރުތަކުންނާއި ހުޅުމާލެ 2 ގެ ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މިހާރު ވެސް ހުޅުމާލޭގައި ފުރިހަމަ ހިދުމަތެއް ފޯރުކޮށްދޭ ކަމަށެވެ. އަދި ބޭންކުން އަންނަނީ ހުޅުމާލެ 1 ގައި ހުންނަ ރެނާޓަސް އިތާ މުއި އިމާރާތުގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމްގެ ހިދުމަތް ދެމުން އަންނަ ކަން ވެސް ބީއެމްއެލް އިން ފާހަގަކުރި އެވެ.
ހުޅުމާލެ 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރެއް ބީއެމްއެލް އިން މިއަދު ހުޅުވިއިރު، އެ ސަރަހައްދުގައި އުޅޭ މީހުންނާ ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ބައްދަލުކުރައްވާނެ އެވެ. އެ ބައްދަލުވުން އޮންނާނީ މިރޭ 8:30 ގައި ހުޅުމާލެ 2 ގެ ސަލާހުއްދީން ސްކޫލްގަ އެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާ އެކު 20 އަތޮޅުގައި 42 ބްރާންޗާއި 267 އޭޓީއެމް ބީއެމްއެެލުން ވަނީ ބަހައްޓައިފަ އެވެ.
އެ ބޭންކުން ބުނީ، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގާއިމުކޮށްފައިވާ ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާ އެކު އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށެވެ.