ކ. މާފުށީގައި މޫދަށް އެރި އުޅުނު ތުރުކީގެ ފިރިހެނަކު ގެނބިގެން މިއަދު މަރުވެއްޖެ އެވެ.
ފުލުހުން ބުނީ މާފުށީ އިރުމަތީ ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބުނު 40 އަހަރުގެ މީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ނޭވާ ނުލާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އޭނާ އަކީ ކ. އަތޮޅުގައި އިތާފުށި އިންވެސްޓްމެންޓުން ތަރައްގީ ކުރަމުން އަންނަ ރިސޯޓެއްގެ މަސައްކަތަށް މި މަހު ކުރީކޮޅު ރާއްޖެ އައި މީހެއް ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި އޭނާ ގެނބިގެން މަރުވީ، މަސައްކަތް ނިންމައި އެނބުރި ގައުމަށް ދާން ތައްޔާރުވެގެން ހުއްޓަ އެވެ. މާފުށީގެ ގެސްޓު ހައުސްއެއްގައި އޭނާ ހުރީ ފުރުމުގެ ކުރިން ޗުއްޓީއެއް ހޭދަކޮށްލަން ކަމަށް ބެލެވެ އެވެ.
ރާއްޖެ އަންނަ ޓޫރިސްޓުން ގެނބިގެން މަރުވުމުގެ ހާދިސާތައް ގިނަ އެވެ. އެކަން ހައްލުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ.