އޭޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގެ މެޖޯރިޓީ އެއްވެސް ޕާޓީއަކަށް ނުލިބޭނެ ކަމަށާއި ސަރުކާރު ޒިންމާދާރު ކުރެވޭނީ އޭރުން ކަމަށް، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.
ވިލިމާލެ ދާއިރާގެ ގޮނޑިއަށް ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދުގެ ކެމްޕެއިން ފެށުމަށް ބޭއްވި ހަފުލާގައި، މިފަހަކަށް އައިސް އެމްޑީޕީއަށް ބަހުގެ ހަމަލާތައް ދެއްވާ ގާސިމް ވިދާޅުވީ ރާއްޖެއަށް ރަނގަޅު ގޮތަކީ މަޖިލީހުގެ މެޖޯރިޓީ ވަކި ބަޔަކަށް ނުލިބުން ކަމަށެވެ.
"އެހެން އެކަންނުވީމާއޭ ކުރިއެރުން ލިބިގެންދާނީ. އަދި އަދުލު އިންސާފުވެސް. އިސްލާހުކުރަން ޖެހޭ ހުރިހާ ކަމެއްވެސް އިސްލާހު ކުރެވިގެންދާނީ. އެއީ އަޅުގަނޑުމެންނަށް ސަރުކާރު ޒިންމާދާރު ކުރެވޭނެ ގޮތަކީވެސް،"
ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެންދަވަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ ކޮންމެހެން ލިބެން ޖެހޭ ކަމަށް ވިދާޅުވަމުންނެވެ. ނަޝީދުގެ ބައެއް ވާހަކަފުޅުތަކާއި އެމްޑީޕީން މަޖިލިސް އިންތިޚާބުގައި ވަކިން ވާދަކުރުމަށް ނިންމުމުން ކޯލިޝަންގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތައް އުފެދިފަ އެވެ.
މަޖިލީހުގެ އިންތިޚާބަށް ކޯލިޝަނުން ރަނގަޅީ އެކުގައި ވާދަކުރަން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވުމުން ގާސިމް ވަނީ އެކަމަށް "ސާބަސް" ދެއްވައިފަ އެވެ.
"އެގޮތުގައި އެމަނިކުފާން ސާބިތުކަމާއެކު ހުންނަވާނެކަން އަޅުގަނޑަށް ކަށަވަރު. އެހެންކަމަށްވާ ނަމަ އެ މަނިކުފާން މިގައުމަށް ވެފައިވާ ހުރިހާ ވައުދާ އަހުދު ފުއްދުވުމުގައި އަޅުގަނޑުމެން ޖުމްހޫރީ ޕާޓީ މިތިބީ އެމަނިކުފާނާ އެކީގައިކަން ސާބިތުކަމާއެކު ދަންނަވަން،" ގާސިމް މިރޭ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ މަގާމަށް ވަޑައިގެންނެވީ ހުރިހާ ޕާޓީތަކެއްގެ ތާއީދާއެކުގައި ކަމަށްވާއިރު އެމަނިކުފާނަކީ ވަކި ޕާޓީއެއްގެ ބޭފުޅެއް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންކަމުން ރައީސް މަސައްކަތް ކުރައްވަންވާނީ އެންމެނާމެދު ހަމަހަމަ އުސޫލަކުން ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
"ބަޔަކު އޮޅުވާލައިގެން މަސްލަހަތު ނަގާލައި ވެރިކަމާ ތޮޅެން ވިސްނިޔަސް އެކަމެއް ނުވާނެ،" އެމްޑީޕީއަށް އަމާޒު ކުރައްވާ ގާސިމް ވިދާޅުވި އެވެ.
ނަޝީދު މަސައްކަތް ކުރައްވަނީ ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ކަމަށް ތުހުމަތުތައް ކުރާއިރު ގާސިމް މިރޭ ވަނީ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން އުޅުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.
ބަރުލަމާނީ ނިޒާމަކީ މަޖިލީހުގައި ތިބޭ މެމްބަރުންގެ ވޯޓުން ދައުލަތް ހިންގާ ނިޒާމަކަށްވާއިރު އެގޮތަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރަން ދެކުމަކީ ހުވަފެނެއް ކަމަށް ގާސިމް ވިދާޅުވި އެވެ.