އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމްއާ މިއަދު ބައްދަލުކުރައްވައިފި އެވެ.
ސިފައިންގެ މައި މަރުކަޒުގައި ބޭއްވެވި އެ ބަައްދަލުވުމުގައި މޭޖަ ޖެނެރަލް ޝިޔާމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް އަހުމަދު ޝާހިދު ވެސް ބައިވެރިވެވަޑައިގަތެވެ.
އިބޫއާ އެކު މި ބައްދަލުވުމުގައި، އެމްއެންޑީއެފްގެ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަދި އެމްޑީޕީގެ ވެރިކަމުގައި މާލޭ އޭރިއާގެ ކޮމާންޑަރު، ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި އެމްޑީޕީ ގައުމީ މަޖިލިސް މެމްބަރު ގާނޫނީ ވަކީލް ހިސާން ހުސައިން ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމާ ގުޅޭ ތަފުސީލެއް ދެ ފަރާތުން ވެސް ހާމައެއް ނުކުރެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު، ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބޫ ގެންދަވަނީ ދައުލަތުގެ ބައެއް އިދާރާތަކަށް ވަޑައިގެން އެ ތަންތަނުގެ އިސްވެރިންނާއި ބައެއް މުވައްޒަފުންނާ ބައްދަލުކުރައްވަމުންނެވެ.
އެގޮތުން، އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް މުހައްމަދު ޖުނައިދާ އިބޫ ވަނީ ބައްދަލު ކުރައްވައިފަ އެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނާ ދެ ފަހަރެއްގެ މަތިން އިބޫ ބައްދަލުކުރެއްވި އެވެ.
އިބޫ ވަނީ ކުރީގެ ބްރިގޭޑިއާ ޖެނެރަލް އަބްދުﷲ ޝަމާލްއާ ވެސް ކުރިން ބައްދަލުކުރައްވައިފަ އެވެ.