ކުރިއަށް އޮތް ފަސް އަހަރުގެ ރައީސަކީ އިދިކޮޅު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކަމަށް ރިޔާސީ އިންތިޚާބުގައި ރައްޔިތުން ލީ ވޯޓުން ނިންމާފައިވާތީ، އެ ނިންމުން އެގޮތުގައި ދަމަހައްޓާނެ ކަމަށް ސަލާމަތީ ބާރުތަކުގެ އެންމެ އިސްވެރިން ދެންމެ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެހެން ގޮތަކަށް ބަދަލުކުރުމަށް ސިފައިންނާއި ފުލުހުން އެއްބާރުލުން ނުދިނުމަށް އެދި އެކި ފަރާތްތަކުން ގޮވައިލަމުން ދާތީ އެ ކަމާ ގުޅިގެން، އެމްއެންޑީއެފްގެ ޗީފް އޮފް ޑިފޯސް މޭޖަ ޖެނެރަލް އަހުމަދު ޝިޔާމް "މިހާރު" އަށް ވިދާޅުވީ ރައްޔިތުން ނިންމި ގޮތް ވަރަށް ސާފު ކަމަށާއި "ދެން ނިންމަން ޖެހެނީ ކޮން ގޮތެއް؟" ކަމަށެވެ.

"ރައީސް ވެސް ވަރަށް ސާފުކޮށް [އިންތިޚާބުގެ ނަތީޖާ ގަބޫލު ކުރައްވާކަން] ވިދާޅުވެއްޖެ. ދެން ސިފައިންނަށް އޮންނާނީ ކޮން ގޮތެއްތޯ؟ މިއީ ދެން ވަރަށް ސާފު ކަމެއް ނޫންތޯ؟ ރައްޔިތުން އޮތީ ގޮތް ނިންމާފައި،" ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ދޮޅު އަހަރުގެ ސަރުކާރުން ފެށިގެން ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ފުރުއްވަމުން ގެންދަވާ ޝިޔާމް ވިދާޅުވި އެވެ.

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒް މީޑިއާ އަށް ފޮނުއްވި އެސްއެމްއެސްއެއްގައި ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ދިވެހި ރައްޔިތުން ނިންމި ގޮތް، ދިވެހި ފުލުހުން ދަމަހައްޓައި އެ ނިންމުމަށް އިހުތިރާމް ކުރާނެ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން ބޮޑުތަނުން ބަލިކޮށް، އިދިކޮޅު ކެންޑިޑޭޓު އިބޫ ކާމިޔާބު ކުރައްވާފައިވާއިރު، އެ އިންތިޚާބާ ގުޅޭ ގޮތުން ސަލާމަތީ ބާރުތަކުގެ ބަސް މި އައީ އިންތިޚާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރުން ފަސްކޮށްދިނުމަށް އެދި ޕީޕީއެމުން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ކަމުގެ އަޑުތައް ފެތުރިފައި ވަނިކޮށެވެ. އަދި އިންތިޚާބު ބާތިލް ކޮށްދިނުމަށް އެދި ހައި ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ޕީޕީއެމުން ތައްޔާރުވާ ކަމުގެ ވާހަކަތައް ވެސް ގަދަވެފައި ވަނިކޮށެވެ.

އިންތިޚާބީ ރައީސް އިބޫއާ، ނަވާޒް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ
އިންތިޚާބީ ރައީސް އިބޫއާ، ނަވާޒް އިއްޔެ ބައްދަލުކުރައްވަނީ.---ފޮޓޯ: އެމްޑީޕީ

އެކްޓިން ޕޮލިސް ކޮމިޝަނަރު ނަވާޒް ވަނީ އިންތިޚާބީ ރައީސް އިބޫއާ އިއްޔެ ބައްދަލުކުރައްވައިފަ އެވެ. އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވަނީ އެއީ އިބޫގެ އަރިހަށް ނަވާޒް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއް ކަމަށެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރުގެ މަގާމުގައި ހުންނެވި އިބޫ، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވީ 58 ޕަސެންޓު ވޯޓާ އެކު ބޮޑު ތަފާތަކުންނެވެ. އިބޫ އަށް 134،616 (58.4 ޕަސެންޓް) ވޯޓު ލިބުނު އިރު، ރައީސް ޔާމީނަށް ލިބިވަޑައިގަތީ 96،132 (41.6 ޕަސެންޓް) ވޯޓެވެ. މިއީ މިހާ ބޮޑު ތަފާތަކުން ރާއްޖޭގައި ރައީސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.