ގިނައިން ގްލޫޓެން އެކުލެވޭ ކާނާގެ ބާވަތްތަކުގެ ތެެރޭގައި ހިމެނޭ ޕާސްތާ ފަދަ ތަކެތި މާބަނޑު ދުވަސްވަރު \ ކާ ނަމަ ދަރިންނަށް ފުރާވަރުގައި ޓައިޕް 1 ޑައިބެޓީޒްގެ ބިރު އެބަ އޮތް ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

އެމެރިކާ އާއި ޑެންމާކް އަދި އައިސްލެންޑްގެ ތަޖުރިބާޖާކާރުންގެ ޓީމަކުން ހެދި ދިރާސާގައި ބުނި ގޮތުގައި މާބަނޑު ދުވަސްވަރު މައިމީހާ ގިނައިން ޕާސްތާ ކާ ނަމަ، ލިބޭ ދަރިފުޅުގެ އުމުރުން 16 ވަރަކަށް އަހަރު ވާއިރު ހަކުރު ބަލީގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އިތުރުވެ އެވެ.

މެއިލް އޮންލައިން ޝާއިއުކޮށްފައިވާ ދިރާސާ ހެދި ޓީމުން ބުނި ގޮތުގައި މާބަނޑު އިރު، ގްލޫޓެން އެކުލެވޭ ބާވަތްތައް ކެއުމާއި ދަރިންގެ ސިއްހަތާ ގުޅުން ހުރިކަމަށް ދައްކާތީ މިއީ އަދި އިތުރަށް ހޯދުންތަކެއް ހޯދަން ޖެހޭ ކަމެކެވެ. ގްލޫޓަންއަކީ ގޮދަނާއި ބާލީ ފަދަ ބާވަތްކުގައި ހިމެނޭ މާއްދާއެކެވެ.

ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުގައި ޓައިޕް 2 ޑައިބެޓީޒްއާ ހިލާފަށް، ޓައިޕް 1 އަކީ ކެއުމުގެ ވައްޓަފާޅި ބަހައްޓާ ގޮތަކުން ފޫނުބެއްދޭ ވަރުގެ ސިއްހީ މައްސަލަތަކެއް ދަރިފުޅަށް ކުރިމަތިވެދާނެ ކަމެކެވެ.

އެގޮތުން ދުވާލެއްގެ މައްޗަށް 20 ގްރާމްގެ ގްލޫޓެން އާއި ދުވާލެއްގެ މައްޗަށް 7 ގްރާމްގެ ގްލޫޓެން ބޭނުން ކުރާ މާބަނޑު މީހަކާ އަޅާ ކިޔާ ނަމަ 20 ގްރާމަށް ވުރެ އިތުރަށް ބޭނުންކުރާ މީހުންނަށް ލިބޭ ދަރިންނަށް ޓައިޕް 1 ޑައިބެޓީސްގެ ނުރައްކާ 10 ޕަސަންޓު ބޮޑަށް އޮންނަ ކަމަށް ދިރާސާގައި ބުންޏެވެ.

"އެހެންވެ މީގައި އެންމެ ރައްކާތެރި ގޮތަކީ މާބަނޑު ދުވަސްވަރު ގްލޫޓެން ފްރީ ޑައިޓެއް އިހުތިޔާރު ކުރުން،" ދިރާސާ ޓީމްގައި ހިމެނޭ ޑެންމާކްގެ ކޯޕެންހޭގަންގެ ސްޓެޓެންސް ސީރަމް އިންސްޓިޓިއުން ބުންޏެވެ.