ކޮންމެ އަހަރެއްގެ ވެސް ނޮވެމްބަރު 14 އަކީ ހަކުރު ބަލީގެ ދުވަހެވެ. މުޅި ދުނިޔޭގައި މި ދުވަސް ފާހަގަ ކުރަމުން ދާއިރު މި އަހަރުގެ ޝިއާރަކީ "އަންހެނުންނާއި ހަކުރު ބަލި– ދުޅަހެޔޮ ކުރިމަގު، އަހަރެމެންގެ ހައްގެއް" މި އެވެ.
މި ޝިއާރާ އެކު މި ދުވަސް ފާހަގަ ކުރުމުގެ ސަބަބަކީ މިހާރަކަށް އައިސް ވިހާ ކޮންމެ ހަތް އަންހެނެއްގެ ތެރެއިން އެކަކީ މާބަނޑު ދުވަސްވަރު ހަކުރު މަތިވާ މީހަކަށް ވުމެވެ. ރާއްޖޭގައި ވެސް މިހާރަކަށް އައިސް ތިރީހަކަށް އަހަރުގެ ޅަ އަންހެނުންނަކީ މާބަނޑުވުމާ ގުޅިގެން މާބަނޑު ދުވަސްވަރު ކޮންމެވެސް ހިސާބެއްގައި ހަކުރު މަތިވާ މައިންނެވެ.
މާބަނޑު ދުވަސްވަރު ހަކުރު މަތިވާން ކުރިމަތިވާ އެތައް ސަބަބެއް ހުރެ އެވެ. އޭގެތެރޭގައި، ބަދަލު ނުކުރެވޭނެ ސަބަބުތަކާއި ބަދަލުކޮށްލެވިދާނެ ސަބަބުތައް ވެސް ހިމެނެ އެވެ. ބަދަލު ނުކުރެވޭނެ ސަބަބުތަކުގެ ތެރޭގައި އޯވަރީގައި ސިސްޓު އުފެދުމާއި އާއިލާގައި (މަންމަ ނުވަތަ ބައްޕަ، ނުވަތަ މަންމަ އަދި ބައްޕަ، ނުވަތަ އެއްބަނޑު އެއްބަފާ މީހެއްގެ) ހަކުރު ބަލި ހުރުން ނުވަތަ މަންމަ ނުވަތަ އެއްބަނޑު އެއް ބަފާ އަންހެނަކު މާބަނޑު ދުވަސްވަރު ހަކުރު މަތިވުން ހިމެނެ އެވެ. މިފަދަ ކަމެއް އެނގިފައިވާ ނަމަ ރަނގަޅު ގޮތަކީ މާބަނޑު ވުމުގެ ކުރިން ދުރާލައި ތައްޔާރުވުމެވެ. އަދި ބަލިވެ އިނުމަށް ފަހު ވީހާ ވެސް ސިއްހީ ރަނގަޅު ކެއުމާއި ދުޅަހެޔޮ އާދަތަކަށް އަހުލުވެރި ވުމެވެ. އަދި ބަރާބަރަށް ޑޮކްޓަރަށް ދައްކައިގެން ޑޮކްޓަރުގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދިޔުމެވެ.
ބަދަލު ކޮށްލެވިދާނެ ކަންތައްތަކުގެ ތެރެއިން މައިގަނޑު ދެ ކަމަކީ، މާބަނޑުވުމުގެ ކުރިން ހަށިގަނޑުގެ ބަރުދަން އިސްކޮޅާ އެކަށީގެންވާ ވަރަށް ބަދަލުކޮށްލުމާއި މާބަނޑުވުމާ ގުޅިގެން ބަރުވާން ޖެހޭ ވަރަށް ވުރެ ބަރުދަން އިތުރު ނުކުރުމެވެ. ކުއްޖަކު ހޯދުމާ ދޭތެރޭ ވިސްނާ ނަމަ ނުވަތަ ފެމިލީ ޕްލޭންކުރާ ނަމަ މާބަނޑުވުމުގެ ކުރިން ދުޅަހެޔޮ ސިއްހަތަކަށް ވާސިލުވުން ހިމެނެ އެވެ. އެގޮތުން އޮބީސްކޮށް ހުންނަ މީހެއް ނަމަ މާބަނޑު ވުމުގެ 3–6 މަސް ކުރިން ފެށިގެން ބަރުދަން ލުއިކުރަން މަސައްކަތްކުރުން މުހިއްމެވެ. ހަ މަސް ދުވަހުގެ ތެރޭގައި ލުއިކުރުން އެކަށީގެން ވަނީ ފަށާ ބަރުދަނުގެ 10 ޕަސެންޓް ކަމަށް ވުމުން އެ 10 ޕަސެންޓް ލުއި ކުރާއިރު ނޯމަލް ބީ.އެމް.އައި އާ ހިސާބަށް ވާސިލު ނުވެވުނު ކަމުގައި ވިޔަސް ހަށިގަނޑުން އެ ލުއިކޮށްލެވޭ ބަރުދަނުގެ ސަބަބުން މާބަނޑު ދުވަސްވަރު ހަކުރު މަތިވުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.
ބަރުދަން ލުއިކޮށްލުމަށް ޓަކައި އަމިއްލަ އަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި މަދުވެގެން ތިން ވަގުތު ކޮންމެ ދުވަހަކު ވެސް ބަރާބަރަށް ކެއުން، ފޮނި ކާބޯތަކެތި އަދި ތްރީ އިން ވަން ކޮފީ ފަދަ ހަކުރު ގިނަ އެހެން ބާވަތްތައް މަދުކުރުން، ކެއުމުގައި ގޮވާމާއި، ފަލަމަޑި އާއި، މޭވާ އާއި ތަރުކާރީ، މަސް އަދި ކިރުގެ ބާވަތްތައް ހިމެނޭ ކަހަލަ ކެއުމެއް ކެއުން، ހަށިގަނޑަށް ހަކަތަ ބޭނުންވާ މިންވަރަށް ވުރެ އެއްފަހަރާ މާ ގިނަ ނުވަތަ މާ މަދުނުކޮށް ކެއުން، ތެލުލި ކާނާ މަދުކުރުން، އަދި ކަސްރަތުކުރުމާއި އާންމު ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުމަކީ ކޮށްލެވިދާނެ މުހިއްމު ކަންކަމެވެ.
މާބަނޑުވުމާ ގުޅިގެން ހަށިގަނޑުގެ ބަރުދަން ކޮންމެ ވެސް މިންވަރަކަށް އިތުރުވާން ޖެހެ އެވެ. ނަމަވެސް އެ އިތުރުވާން ޖެހޭ މިންވަރު ކަނޑައަޅަނީ މާބަނޑުވުމުގެ ކުރިން ހުރި ބަރުދަނަށް ބަލައި ޑޮކްޓަރު ބެއްލެވުމަށް ފަހު ކަނޑައަޅާ މިންވަރަކަށެވެ. ބަލިވެއިނުމާ ގުޅިގެން އަޅުގަނޑުމެން އެންމެންހެން ވެސް ގިނަ ބަޔަކު ދެ މީހުންނަށް ކާން ފެށެ އެވެ. ނަމަވެސް މާބަނޑުވެގެން ފުރަތަމަ ތިން މަސް ދުވަހަކީ ކެއުން އިތުރުކުރަން ޖެހޭ ދުވަސްކޮޅެއް ނޫނެވެ. ފުރަތަމަ ތިން މަސް ދުވަސް ސަމާލުކަން ދޭން ޖެހެނީ ލޭ އުފައްދާ ކާނާ ގިނަ ކުރާށެވެ. އޭގެތެރޭގައި ފެހިކުލަގަދަ ފަތް، މުގު، ސަނާމުގު، ބީންސް، މުރަނގަތޮޅި، މުރަނގަ ފަތް، ކޮޕީފަތް ފަދަ ތަކެތި ކެއުމުގައި ގިނަކުރުން މުހިއްމެވެ. ބަނޑަށް ތިންމަހާއި ހަތަރު މަހާއި ދޭތެރޭ ކުޑަތަންކޮޅެއް އިތުރުކޮށްލަން ޖެހެއެވެ.
ނަމަވެސް މާބަނޑުވުމާ ގުޅިގެން ގޮހޮރަށް އަންނަ ބަދަލުތަކެއްގެ ސަބަބުން ކާތަކެތި ހަޖަމު ކުރުމަށްފަހު ލޭގެތެރެއަށް ނަގާ މިންވަރު ވެސް އިތުރުވެ އެވެ. އެހެންކަމުން އިތުރުކުރަން ޖެހޭ ބައި ވެސް ދެ މީހުންނަށް ވާވަރަށް އިތުރު ކުރާކަށް ނުޖެހެއެވެ. އިތުރު ކުރަންވީ ދުވާލަކަށް ބޭނުންކުރައްވާ ދެތަށި ކިރުގެ އިތުރަށް އަދި އެއް ތަށި ކިރު، އިރު އެއް މޭވާ، މައިގަނޑު ކާ ގަޑިތަކުގައި ކޮންމެ ގަޑިއެއްގައި އެއް ސާވިންގް ގެ މިންވަރެވެ. އެއީ ހެނދުނު އިތުރަށް އެއް ރޮށި ނުވަތަ އެއް ފޮތި ޕާން، މެންދުރަށް ވެސް ހަމަ އެވަރަށް، ބަތް ކާ ނަމަ ބަތް އަޅާ ސަމްސަލުގެ ½ ސަމްސާ ހުންނަހާ ބަތް، ރޭގަނޑަށް ވެސް އެ މިންވަރަށް، އަދި ކާ ކޮންމެ ގަޑިއަކަށް ކުޑަމަސްފޮއްޗެއް އިތުރަށެވެ.
ބަނޑަށް ހަ މަސް ފުރި ހަތްމަހަށް އެޅުމުން ކެއުމުގައި ނަޓްސް، ސީޑްސް ފަދަ ބާވަތްތައް، އަދި ލިބެން ހުންނަ ނަމަ އެވޮކާޑޯ، އަދި ތާޒާ ކަނޑުމަހާއި ފަރުމަސް އިތުރުކޮށްލުން ރަނގަޅު ވާނެ އެވެ. މި ލިޔުމުގައި މިންގަނޑުތައް މިވަރަށް ބަޔާންކޮށްފައި ވީނަމަވެސް އެ މީހެއްގެ ފަރިއްކުޅުވަން ޖެހޭ މިންގަނޑު ކަނޑައެޅޭނީ މާބަނޑުވުމުގެ ކުރިން ހުރި ބަރުދަނާއި ބީ.އެމް.އައި އަށް ބިނާކޮށެވެ. ކެއުމެކޭ އެއްގޮތަށް އާއްމު ދިރިއުޅުމުގައި ހަރަކާތްތެރިވެ އުޅުމާއި، އިތުރަށް ކުރެވިދާނެ ކަސްރަތާ ބެހޭގޮތުން ކަމުގެ މާހިރެއްގެ ލަފައާ އެއްގޮތަށް ކުރިއަށް ގެންދިޔުން ވެސް ވަރަށް މުހިއްމެވެ.
މާބަނޑު އިރު ހަކުރު މަތިވާން ފަށައިފި ނަމަ، ނުވަތަ ބަލިވެ އިނުމުގެ ކުރިން ވެސް، ހަކުރު މައްޗަށް ދަނިކޮށް ބަލިވެ އިނދެއްޖެ ނަމަ އެންމެ ރަނގަޅު ގޮތަކީ ޑޮކްޓަރެއްގެ މަޝްވަރާއާ އެކު ކުރިއަށް ދިއުމެވެ. އެއީ ހަކުރު ކޮންޓްރޯލް ކުރާނީ ހަމައެކަނި ކެއުމުންތޯ، ކެއުމާ އެކު ބޭހުން ނުވަތަ އިންސުލިންއިންތޯ ކަނޑައެޅުމުގެ ގާބިލްކަން ލިބިފައި ވަނީ ޑޮކްޓަރުންނަށް ކަމަށް ވާތީ އެވެ.