ރައީސް އަބްދުﷲ ޔާމީންގެ އަބުރާ ބެހުނުކަމަށް ބުނެ އިދިކޮޅު އެމްޑީޕީ އާއި ރާއްޖެ ޓީވީއާ ދެކޮޅަށް ކުރާ އަބުރުގެ މައްސަލަ އަންނަ ބުދަ ދުވަހު ކޯޓަށް ހުށަހަޅާނެ ކަމަށް އެމަނިކުފާނުގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.
ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ދެވަނަ ދައުރަކަށް ކުރިމަތިލައްވާފައިވާ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އައްބާސް ޝަރީފް ވިދާޅުވީ، އަބުރުގެ ދައުވާ ކުރަން ކޯޓަށް ހުށަހެޅުމަށް ބޭނުންވާ ލިޔެކިޔުންތައް މިހާރު ތައްޔާރު ކުރަމުން އަންނަ ކަމަށެެވެ. އިދިކޮޅު އެމްޑީޕީގެ އިތުރުން އެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި ބޭފުޅުންނަށް ދައުވާ ކުރާނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
މި މަހުގެ ތިންވަނަ ދުވަހު އެމްޑީޕީގެ އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތީ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފާއި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.
އަބުރު ރައްކާތެރިކުރުމާއި ހިޔާލުު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން، ރާއްޖެ ޓީވީގެ މައްސަލަ މިހާރު ވަނީ ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އަށް ހުށަހަޅައިފަ އެވެ. މީގެ ކުރިން ވެސް ރައީސް ޔާމީންގެ އަބުރަށް އަރައިގެން ކަމަށް ބުނެ ރާއްޖެ ޓީވީ ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ.
އެންމެ ފަހުން ކުރި ދެ މިލިއަން ރުފިޔާގެ ޖޫރިމަނާ ފައިސާ އިއްޔެ ވަނީ ދައްކައިފަ އެވެ.
އެމްޑީޕީއާ ދެކޮޅަށް ދައުވާ ކުރައްވަން ރައީސް ޔާމީން ނިންމެވީ، ރާއްޖޭން ބޭރުގައި ގަވައިދާ ހިލާފަށް ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށް ބުނާ ދިވެހި ކުންފުންޏަކާ، އެމަނިކުފާނާ ގުޅުން އޮންނަ ކަމަށް ތުހުމަތުކޮށް އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކެވުމުންނެވެ. ރާއްޖެ ޓީވީއާ ދެކޮޅަށް ފިޔަވަޅު އަޅަނީ އެ ޕްރެސް ކޮންފަރެންސް ދެއްކުމާ ގުޅިގެންނެވެ.
އެ މައްސަލައިގައި ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމަށް ރައީސް ޔާމީން ގަބޫލުފުޅުކުރައްވާ ކަމަށާއި އެހެންވެ އެކަން ފުލުހުންނަށް ހުށަހަޅާފައިވާނެ ކަމަށް، ހައިކޯޓުގެ ކުރީގެ ފަނޑިޔާރުކަން ކުރެއްވި އައްބާސް މިއަދު ވިދާޅުވި އެވެ. އޭގެ އިތުރުން އެމަނިކުފާނުގެ އިންތިޚާބީ ހައްގަށް އަރައިގެންފައިވާތީ، އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް މިރޭ ހުށަހަޅުއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.