ނިމިގެން ދިޔަ އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި ލިވަޕޫލުގައި މޮޅު ކުޅުމެއް ދައްކައި އެތައް ބަޔެއްގެ ލޯބި ހޯދި މިސްރުގެ ފުޓްބޯޅަ ތަރި މުހައްމަދު ސަލާހް އާ ސީޒަނުގެ ކުރިން ޗުއްޓީ ހޭދަކުރުމަށް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ދުބާއީ މަގުން އޭނާ އެމިރޭޓްސް އެއާލައިނުން ރާއްޖެ އައީ އާއިލާއާ އެއްކޮށެވެ. އެކަމަކު އެ މީހުން ތިބެނީ ކޮން ރިޒޯޓެއްގައި ކަމެއް އަދި ރާއްޖޭގައި ހޭދަކުރާނީ ކިހާ މުއްދަތެއް ކަމަށް އެނގިފައެއް ނުވެ އެވެ.

ސަލާހް ވަނީ އޭނާއާ އެއް ބޯޓަކުން ރާއްޖެ އައި ދިވެއްސަކަށް އޮޓޯގްރާފް ދީފަ އެވެ. އެގޮތުން އޭނާ ވަނީ، ސަލާހް ސޮއިކޮށްފައިވާ ބޯޑިން ޕާހެއް ސޯޝަލް މީޑިއާގައި އާއްމުކޮށްފަ އެވެ.

ސަލާހްގެ ނަން މުޅި ދުނިޔޭގައި މަޝްހޫރުވެގެން ދިޔައީ އިޓަލީގެ އޭއެސް ރޯމާ ދޫކޮށް މިދިޔަ ސީޒަނުގައި ލިވަޕޫލަށް ބަދަލުވެ ދައްކަން ފެށި މޮޅު ކުޅުމުންނެވެ. ޖުމްލަ 52 މެޗުން 44 ގޯލް ޖަހައި، އޭނާ ލިވަޕޫލަށް ރެކޯޑްތަކެއް ހަދައިދީ އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. އެ މެޗުގެ ކުރީކޮޅު އޭނާގެ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ވަކިވާން ޖެހުމަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ މެޗުން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވުމުގެ އެއް ސަބަބެވެ.

އެ އަނިޔާއާ ގުޅިގެން ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު ފިޓްވެ ވޯލްޑް ކަޕުގައި އޭނާ ކުޅުނެވެ. އެހެން ވިޔަސް އޭނާގެ މަސައްކަތުން މިސްރު 28 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ދިނުމުގެ ހަގީގީ އުފާވެރިކަން ނުލިބުނީ، ގްރޫޕް ސްޓޭޖުން މިސްރު ކެޓުމުންނެވެ.

ސްވިޒަލެންޑުގެ ބަސެލްގައި ވިދާލި ސަލާ އެންމެ ފުރަތަމަ ޕްރިމިއާ ލީގަށް އައީ ޗެލްސީގެ ޖާޒީގައި 2013 ގަ އެވެ. އެކަމަކު އެ ޓީމުގައި އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި ފަހުން ކުޅުނީ އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އާއި ރޯމާގަ އެވެ.

ސަލާހާ އެކު މިސްރުގެ ޓީމަށް ކުޅޭ އާސެނަލްގެ މިޑްފީލްޑަރު މުހައްމަދު އެލްނެނީ ވެސް ވަނީ ވޯލްޑް ކަޕަށް ފަހު ރާއްޖެ އައިސް ޗުއްޓީ ހޭދަކޮށްފަ އެވެ. އަދި ވޯލްޑް ކަޕުގައި ނުކުޅޭ ބައެއް ކުޅުންތެރިން ވަނީ ޔޫރަޕް ސީޒަން ނިމުމާ އެކު ރާއްޖެ އައިސްފަ އެވެ. އޭގެ ތެރޭގައި އިޓަލީގެ ފޯވާޑް ލޮރެންޒޯ އިންސީނޭ އާއި ސަލާހާ އެކު ލިވަޕޫލަށް ކުޅޭ ނެދަލެންޑްސް ޑިފެންޑަރު ވާޖިން ވެން ޑައިކް ހިމެނެ އެވެ. މީގެ އިތުރުން އިންގްލެންޑާއި މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ފޯވާޑް ވޭން ރޫނީ ވެސް ރާއްޖެ އައެވެ.

ދުނިޔޭގެ ނަން މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް އަދި ކުރީގެ ކުޅުންތެރިން ކޮންމެ އަހަރަކު ވެސް ޗުއްޓީއަށް ރާއްޖެ އާދެ އެވެ. އޭގެ ތެރޭގައި އާޖެންޓީނާގެ ޑިއެގޯ މަރަޑޯނާ އާއި އިންގްލެންޑުގެ ޑޭވިޑް ބެކަމް އާއި އިޓަލީގެ ޕައޮލޯ މަލްޑިނީ އަދި ޖަރުމަނުގެ ފްރެންޒް ބެކެމްބާ ފަދަ ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޑުން ވެސް ހިމެނެ އެވެ.