ދުރުން ފެންނަ އިރު ހީވަނީ އެއީ ސްނޯހެންނެވެ. މީހުން އެތަންތަނުގައި ނަގާފައިވާ ފޮޓޯތަކުން ވެސް ފެންނަނީ އާންމުކޮށް ސްނޯތަކުގެ ތެރޭގައި މަޖާކޮށް ސަރަކާތް ޖަހާ އިރު ފެންނަ ކަހަލަ ހަރަކާތްތެކެވެ. އެގޮތުން އެއް ބަޔަކު އަނެއް ބަޔަކާ ދިމާ އަށް ސްނޯ އުކުމާއި ސްނޯމަތީގައި ސްކީކުރުން ކަހަލަ ކަންކެމެވެ.

އެކަމަކު މިސްރުގައި މި ދުވަސްކޮޅު ގިނަ ބައެއްގެ ސަމާލުކަން ހުއްޓިގެން އުޅެނީ އަސްލު ސްނޯއަކަށް ނޫނެވެ. މިއީ ލޮނު ފުނިތަކެވެ. ނޫނީ "ލޮނު ފަރުބަދަތެކެވެ." ހުދު ކުލައިގައި ހުންނާތީ ސްނޯހެން ހީވަނި އެވެ.

މި "ލޮނު "ފަރުބަތަކަކީ" ސުއެޒް ކެނަލް އުތުރުކޮޅުން ނިމޭ ހިސާބުގައި އޮންނަ ޕޯޓް ފުއާދުގައި ލޮނު ޕްރެސެސްކުރާ ސަރަހައްދެވެ. ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މި ސަރަހައްދުގައި ގިނަ އަދަދެއްގެ ލޮނު ފުނިތަކެއް މި ވަގުތު ހުރުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައި ވަނީ އެވެ. އެގޮތުން މިސްރުގެ އެކި ކަންކޮޅުތަކުން އެތަނަށް މީހުން ގޮސް މަޖާކޮށް، ފޮޓޯ ނަގަމުން ގެންދެ އެވެެ. އެއް ބަޔަކު ލޮނުތަކުގައި ސްކީ ވެސް ކުރެ އެވެ.

ޕޯޓް ފުއާދާ ހަމައަށް ދެވެނީީ ސުއެޒް ކެނަލްގެ ފެރީ ދަތުރުތަކުންނެވެ. ގިނަ ބައެއްގެ ސަމާލުކަން ޕޯޓް ފުއާދަށް ހުއްޓިފައިވާތީ އެތަނުގެ މަންޒަރުތައް މިހާރު ވަރަށް ގިނައިން ކެމެރާގެ ލެންސަށް ނަގާ އެކަކީ މިސްރުގެ ފޮޓޯގަރާފަރު މުހައްމަދު ވަރުދާނީ އެވެ.

ސީއެންއެން އަށް އޭނާ ކިޔައިދިން ގޮތުގައި ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ބަޔަކު ބަނދަރަށް ގޮސް ލޮނުތަކުގެ ތެރޭގައި މަޖާކުރާތީ މިހާރު ފޮޓޯ ނެގުމުގެ ފޯރި ވަރަށް ގަދަ އެވެ.

"މިއީ އަސްލު އިހުރާމްތަކަށް [ޕިރަމިޑް] މަޝްހޫރު މިސްރުން ފެންނަން ފެށި ވަރަށް ތަފާތު މަންޒަރެއް. އެހެންވީމަ މިކަން އަަސްލު އިންޓަނެޝަނަލް ޓޫރިސްޓުންގެ މެދުގައި ވެސް މަގުބޫލު ކަމަކަށް ހެދިދާނެ." އޭނާ ބުންޏެވެ.

މުހައްމަދު ބުނިގޮތުގައި އޭނާ މިހާތަނަށް ޕޯޓް ފުއާދަށް ގޮސް ލޮނުތަކުގެ ތެރޭގައި މަޖާކުރި އެތައް ބައެއްގެ ފޮޓޯ ވެސް ވެސް ނަގައި ދީފި އެވެ. އަދި އެންމެ ފާހަގަކުރެވުނު ކަމަކީ ހަމަ ސްނޯގެ ތެރޭގައި އުޅޭހެން މީހުން ލޮނުގެ ތެރޭގައި އުޅޭތީ އެވެ.

"ދެން ތަފާތަކީ [ސްނޯގައި ހުންނަ ކަހަލަ ފިނިކަމެއް] ފިނިކަމެއް ނެތުން. އެކަމަކު އަސްލު ލޮނުގެ ތެރޭގައި އުޅެލުމަކީ ހަމަ ވަރަށް ރިފްރެޝިންކަމެއް." އޭނާ ބުންޏެވެ.

ރޮއިޓާޒް އިން ބުނި ގޮތުގައި ޕޯޓް ފުއާދުގައި ޕްރޮސެސްކުރާ ލޮނަކީ މައިގަނޑު ގޮތެއްގައި ދުނިޔޭގެ ފިނި ގައުމަތަށް ބޭރުކުރާ އެއްޗިއްސެވެ.