މާލޭގެ ވިޔަފާރި ބަނދަރުގައި މިއަދު މެންދުރު ހިނގި އެކްސިޑެންޓުގައި ފޯކްލިފްޓްގެ ދަށުވެ ފައި ޗިސްވި މީހާގެ ފައި ބުރިކޮށްލައިފި އެވެ.
އައިޖީއެމްއެޗްގެ އޮފިޝަލަކު ވިދާޅުވީ އެ އެކްސިޑެންޓުގައި ޒަހަމްވި އުމުރުން 44 އަހަރުގެ މީހާގެ ކަނާތު ފައިގެ ކަކުލު ހުޅުން ތިރިން ބުރިކޮށްފައިވާ ކަމަށެވެ. އަދި ދޮޅު ގަޑިއެއްހާއިރުގެ އޮޕަރޭޝަނަކަށް ފަހު އެ މީހާ މިރޭ 8:30 ގައި ވޯޑުގައި އެޑްމިޓް ކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ފައި އޮތީ ވަރަށް ބޮޑަށް ޗިސްވެފައި. އެހެންވެ އާއިލާގެ މީހުންނާ މަޝްވަރާ ކުރުމަށް ފަހު ޑޮކްޓަރުން ނިންމީ ފައި ބުރިކޮށްލަން،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ފޯކްލިފްޓްގެ ދަށުވެ އެ މީހާގެ ފައި ޗިސްވުމުން ވަރަށް ބޮޑަށް އިންފެކްޓް ވެފައި ވެ އެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މާލޭގެ ވިޔަފާރި ބަނދަރުގައި އޮތް ބޯޓަކަށް ކޮންޓެއިނަރެއް އަރުވަނިކޮށް، އެ އިން ޖެހި މީހެއްގެ ކަނާތު ފައި ވެސް ބުރިކޮށްލަން ޖެހުނެވެ.