ސަރުކާރުގެ މުއައްސަސާތައް ރަނގަޅަށް މަސައްކަތްނުކުރާތީ އިންސާނީ ހައްގުތަކުގެ ހާލަތު ރަނގަޅުކުރުމަށް މަޑުޖެހުމެއް އަންނަ ކަމަށް އެޗްއާރުސީއެމްގެ ރައީސް އައިމިނަތު އީނާސް މިއަދު ވިދާޅުވެއްޖެ އެވެ.
ނޭޕާލުގައި ކުރިއަށްދާ، ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަން ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އީނާސް ވިދާޅުވީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް ރާއްޖޭގައި ގޮންޖެހުންތަކާ ކުރިމަތިވާ ކަމަށެވެ.
"ސަރުކާރުގެ މުއައްސާސަތައް ރަނގަޅަށް ފަންކްޝަން ނުކުރުމުގެ ސަބަބުން، ރާއްޖޭގައި އިންސާނީ ހައްގުގެ ހާލަތު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތަށް މަޑުޖެހުމެއް އާދޭ،" އީނާސް ވިދާޅުވި އެވެ.
ނެޝަނަލް ހިއުމަން ރައިޓްސް އިންސްޓިޓިއުޝަނެއްގެ މުހިއްމުކަން އިންތިހާއަށް ބޮޑުވެފައި މިވަނީ އެހެންވެ ކަމަށް ވެސް އީނާސް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކާ ހިލާފު އެތައް ކަމެއް ހިނގަމުން ދާއިރު އެޗްއާރުސީއެމުން ހިމޭނުން އޮންނަ ކަމަށް ބުނެ އެތައް ފާޑުކިޔުމެއް އެ ކޮމިޝަނަށް ވަނީ އަމާޒުވެފަ އެވެ. ހާއްސަކޮށް ސިޔާސީ އެކިއެކި ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ ހައްގުތައް ކަށަވަރުކޮށް ނުދޭ ކަމަށް ބުނެ ކިޔާ ފާޑުކިޔުންތައް ވަނީ އިތުރުވެފަ އެވެ.