ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރު ކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުގައި މެންދުރު ފަހު ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ މަގާމަށް ހަބީބް އައްޔަންކުރައްވައި، މަގާމުގެ ފަތްކޮޅު އޭނާއަށް އަރުވައިފަ އެވެ.
ރައީސް އޮފީހުން ބުނީ އެ ރަސްމިއްޔާތުގައި ރައީސްގެ ކުރިފުޅުމަތީގައި ހަބީބް ވަނީ އެޗްއާރުސީއެމްގެ މެންބަރު ކަމުގެ ހުވާކުރައްވާފައި ކަމަށެވެ. ހަބީބަށް ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ރަޝީދު ހުސައިން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ހަބީބް ވަނީ 2021 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރަށް އީސީގެ ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އަދި އޭގެ ކުރިން ޖެހިޖެހިގެން ދެ ދައުރު އީސީގެ މެންބަރުކަން ވެސް ކުރެއްވި އެވެ.
ހަބީބް ވަނީ ވިލާ ކޮލެޖުން ބެޗްލާ އޮފް ޝަރީއާ އެންޑް ލޯ އަދި ގައުމީ ޔުނިވާސިޓީން މާސްޓަ އޮފް އާޓްސް (ދިވެހި ލޭންގުއޭޖް) ހާސިލްކުރައްވައިފަ އެވެ.