މާލޭގައި ބަހައްޓާފައި ހުރި ކަރަންޓު ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އަލިފާން ރޯކޮށްލި މައްސަލާގައި ހައްޔަރުކުރި ދެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކުރީގެ ބާ އިންޖީނުގެ ކައިރީގައި ސްޓެލްކޯ އިން ބަހައްޓާފައި ހުރި ޑިސްޓްރިބިއުޝަން ފޮށީގައި މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު ރޯކޮށްލި މައްސަލާގައި ހައްޔަރު ކުރި ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖަހައިދީފައިވާއިރު، އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އިތުރު ތަފްސީލެއް ހާމައެއް ނުކުރެ އެވެ.
ފާށަނާކިލެގެފާނު މަގުގައި ހުންނަ ސްޓެލްކޯގެ އިލެކްޓްރިކް ސަބް ސްޓޭޝަންގެ ޑިސްޓްރިބިއުޝަން ފޮށީގައި ރޯކޮށްލުމުން ހަތް އިމާރާތަކުން ކަރަންޓު ކެނޑުނު ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.
ޑިސްޓްރިބިއުޝަން ފޮށީގައި ރޯވި އަލިފާންގަނޑު 10 ވަރަކަށް މިނިޓުގެ ތެރޭގައި ސިފައިން ނިއްވާލިއިރު، އެ ފޮށި ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފަ އެވެ. ސްޓެލްކޯ އިން ފަހުން ވަނީ އޭގެ ބަދަލުގައި އާ ޑިސްޓްރިބިއުޝަން ފޮއްޓެއް ބަހައްޓައި ކަރަންޓުގެ ހިދުމަތް ދޭން ފަށައިފަ އެވެ.