ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލުމަށް ބޮޑު ކުންފުންޏަކުން 2.4 މިލިއަން ޑޮލަރުގެ މަންފާއެއް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ލިބިވަޑައިގެންފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ނޫސްވެރިންނާ ބައްދަލުކުރައްވައި މިއަދު ވިދާޅުވީ ރާއްޖޭގެ ކުންފުނިން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ނާޖައިޒު މަގްސަދެއް ހިމެނޭ ގޮތަށް ދިން ކަމެއް ތުހުމަތު ކުރެވޭ 2.4 މިލިއަން ޑޮލަރު ސީދާ ލިބިވަޑައިގެންނެވީ އުއްތަމަ ފަނޑިޔާރަށް ކަމަށެވެ.
އެ ފައިސާ ބޭނުން ކުރައްވައިގެން އުއްތަމަ ފަނޑިޔާރު ރާއްޖެ އާއި ރާއްޖެ އިން ބޭރުން އަގު ބޮޑު މުދާ ބައްލަވައިގަތުމަށް މަސައްކަތް ކުރެއްވި ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ.
"ރިޝްވަތުގެ ފައިސާ ބޭނުންކޮށްގެން (އުއްތަމަ ފަނޑިޔާރު) ރާއްޖެ އާއި ރާއްޖެއިން ބޭރުން އަގުބޮޑެތި ޕްރޮޕެޓީސް ގަތުމަށް އެތަންތަން ބަލަން ދަތުރުކޮށް، ޒިޔާރަތް ކުރި ކަމާއި ވިޔަފާރި ހިންގާ ކަމުގެ ކިތާބީ ހެކި ވަނީ ލިބިފައި،" ނޫސްވެރިންނަށް ސުވާލުކުރުމުގެ ފުރުސަތު ނުދީ ޝިފާން ވިދާޅުވި އެވެ.
މީގެއިތުރުން ދައުލަތް ހިންގުމަށް ހުރަސް އަޅައި ސުޕްރީމް ކޯޓުގެ އައިޓީ ވިއުގައި ހުއްޓުމަކަށް ގެނައުމުގެ މަސައްކަތް ކުރެއްވީ އުއްތަމަ ފަނޑިޔާރުގެ ސީދާ އަމުރުގެ ދަށުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފުލުހުން އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަދަލުކުރަން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމެވެ.
މިދިޔަ އާދިއްތަ ދުވަހު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝިފާން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އާއިލާ އަށް، ރާއްޖޭގައި ވިޔަފާރި ހިންގަމުން އަންނަ ބޮޑު އަދި ބިޔަ ކުންފުންޏަކުން 2.4 މިލިއަން ޔޫއެސް ޑޮލަރުގެ އެހީއެއް، ލޯނެއްގެ ގޮތުގައި ދީފައިވާކަމަށް ވިދާޅުވެފަ އެވެ.
އަލީ ހަމީދަށް ނިސްބަތްވާ ދަބަހަކުން 3.4 މިލިއަން ރުފިޔާ ފެނިފައިވާ ކަމަށް ވެސް ޝިފާން ވިދާޅުވި އެވެ. ޝިފާން ވިދާޅުވި ގޮތުގައި ދަބަހުން ފެނުނީ 215،000 ޔޫއެސް ޑޮލަރާއި 150،000ރ. އެވެ.
ރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައިގައި މިހާތަނަށް 13 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެތެރޭގައި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހިމެނިވަޑައިގަންނަވަ އެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރުން ކަމުގައިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހިމެނިވަޑައިގަންނަވަ އެވެ.