ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން އުޅުނު މައްސަލައިގައި ހައްޔަރު ކޮށްފައިވާ ބޭފުޅުން ތަހުގީގަށް އެއްބާރުލުން ނުދޭ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ހައްޔަރު ކޮށްފައިވާ ބައެއް ބޭފުޅުން ހެކި ދިނުމަށް އިންކާރު ކުރަމުންދާ ކަމަށެވެ. އެހެންވެ، އެ ބޭފުޅުން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމަށް ބަލައި، އެކަން ތަހުގީގު ކުރުމަށް ފަހު، މި ހަފުތާގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވުމުގެ މަސައްކަތް ކުރާ ކަމަށް ޝިފާން ވިދާޅުވި އެވެ.
ނަމަވެސް، ތަހުގީގަށް އެއްބާރުލުން ނުދެނީ ކޮން ބޭފުޅުންތަކެއް ކަމެއް ޝިފާން ވިދާޅެއް ނުވެ އެވެ. އެކަމަކު، ގާނޫނާ ޚިލާފަށް ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ 13 މީހަކު ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝިފާން ވިދާޅުވީ ތަހުގީގަށް ހައްޔަރުކޮށްފައިވާ އެންމެންނަށް ވެސް ވަކީލުންނާ ބައްދަލުކުރުމުގެ ފުރުސަތު ފުލުހުން ދެމުން އަންނަ ކަމަށެވެ.
އޭނާ ވަނީ، މި މައްސަލާގައި ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފަ އެވެ.
ފުލުހުން މައުމޫނަށް ކުރާ ތުހުމަތުގެ ތެރޭގައި މެމްބަރުންނަށް ރިޝްވަތު ދީ ގާނޫނަށް ހިލާފަށް ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމާއި ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދިނުން ހިމެނެ އެވެ. މީގެ އިތުރުން ސަލާމަތީ ބާރުތަކާ މެދު ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ނިކުތުމަށް ހިތްވަރުދީ، އެކަން ރޭވުމުގެ ތުހުމަތު ކުރާ ކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރުގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރު، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބަދަލުކުރަން މަސައްކަތް ކުރުމާއި ދައުލަތް ހިންގުމަށް ހުރަސް އެޅުމާއި ޖިނާއީ އަދުލުގެ ނިޒާމު ހިންގުމަށް ގަސްދުގައި ހުރަސް އެޅުމެވެ.
ވެރިކަން ބަދަލުކުރުމަށް ރިޝްވަތު ދިނުމާއި ހިފުމުގެ ތުހުމަތު ކުރެވޭ ބޭފުޅުން:
1- ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
2- އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު
3- ފަނޑިޔާރު އަލީ ހަމީދު
4- ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު
5- އިބްރާހިމް ސިޔާދު ގާސިމް
6- ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން
7- މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން
8- ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު
9- ފާތިމަތު ނާސިރާ (ފަނޑިޔާރު އަލީ ހަމީދުގެ އަނބިކަނބަލުން)
10- ނަޖުމާ އިބްރާހިމް (މައުމޫން އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެއް)
11- މުހައްމަދު އަޒްމީ (މައުމޫންގެ ޕްރައިވެޓް ސެކިއުރިޓީއެއް)
12- މުހައްމަދު ނަދީމް (ޔުމްނާ މައުމޫންގެ ފިރިކަލުން)
13- ޕޮންނިއާ ސުދާގަރު (އެންދެރިގަސްގެ ޑްރައިވަރު)
ޝިފާން ވިދާޅުވީ ނަޖުމާގެ ގެ އިން ފެނުނު ކަޅު ފޮށިން ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އެގޮތުން، އެ ފޮށިން ފެނުނު ޑޮކިއުމަންޓެއްގައި ފާރިސް މައުމޫން މެދުވެރިކޮށް، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންނާ ބައްދަލުކޮށް، އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރިކަން އެނގިފައިވާ ކަމަށް ވިދާޅުވި އެވެ.
ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި މަޖިލީހުގެ ބައެއް މެމްބަރުންނާއި ބައެއް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ރިޝްވަތު ހިފި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފެންމަތިކޮށް، ފުލުހުން ތަހުގީގު ފެށީ ސިޔާސީ އިދިކޮޅު ނުވަ ބޭފުޅަކު މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ އެއްވަނަ ދުވަހުގެ ރޭ ނެރުނު އަމުރަށް ފަހު، މި މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ސަރުކާރުން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއެކު އެވެ.
އެކަމަކު އެ މައްސަލައިގެ ތުހުމަތަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކޮށްފައިވާއިރު، ސުޕްރީމް ކޯޓުގައި ދެން ތިއްބެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކުރީގެ އަމުރު ބާތިލްކޮށްފަ އެވެ.