ހައި ކޯޓަށާއި ކްރިމިނަލް ކޯޓަށް އަލަށް އައްޔަން ކުރެއްވި ފަނޑިޔާރުން މަގާމުގެ ހުވާ މިރޭ ކުރައްވައިފި އެވެ.
ސުޕްރީމް ކޯޓުގައި ބޭއްވި ހަފުލާއެއްގައި، ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވީ ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ކުރިން ހުންނެވި، މުހައްމަދު ނިޔާޒެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ އަލަށް ކުރެއްވީ ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމުގެ މަގާމުގައި ހުންނެވި ހުސެއިން ޝަހީދާއި ސ. ހިތަދޫ އޯޝަން ލީޑް އަހުމަދު ހައިލަމް އެވެ.
މި ބޭފުޅުންނަށް ފަނޑިޔާރު ކަމުގެ ހުވާލައިދެއްވީ، ސިވިލް ކޯޓްގެ އިސް ފަނޑިޔާރު އަބްދުﷲ އަލީ އެވެ. ފަތްކޮޅު އެރުވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ތިން ފަނޑިޔާރުން ހުވާ ކުރެއްވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރެއް ކަމަށްވާ އަބްދުﷲ އަރީފާއި ޖޭއެސްސީގެ ކުރީގެ ރައީސް އާދަމް މުހައްމަދުގެ ހާޒިރުގަ އެވެ. މި ރަސްމިއްޔާތުގައި ޖޭއެސްސީގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގަތެވެ.
ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ނިޔާޒް އައްޔަން ކުރެއްވީ، އެ ކޯޓުން މިހާރު ހުސްވެފައި އޮތް ހަތަރު މަގާމުގެ ތެރެއިން މަގާމަކަށެވެ. ބާކީ އޮތް ތިން މަގާމަށް ބޭފުޅުން އަދި އައްޔަނެއް ނުކުރެ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި ދެ ބޭފުޅުންނަކީ އެ ކޯޓަށް ހަތަރު ފަނޑިޔާރުން ހޯދަން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވި ބޭފުޅުންނެވެ.