ރާއްޖޭގެ ޝަރުއީ ނިޒާމު ހަރުދަނާކޮށް، އިސްލާހު ކުރުމަށްޓަކައި 20 ކަމެއް ހިމެނޭ މަގުޗާޓެއް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ މިރޭ އިފުތިތާހުކޮށް ދެއްވައިފި އެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ ހޯލުގައި ބޭއްވި ރަސްމިއްޔާތުގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޑރ. އަބްދުﷲ ނަޒީރު ވިދާޅުވީ، މި މަގުޗާޓަކީ މިދިޔަ ފެބުރުއަރީ މަހު ބޭއްވި ޖުޑިޝަރީއާ ގުޅޭ ފޯރަމްގައި ބައިވެރިންނާއި ޔޫއެންޑީޕީގެ މަޝްވަރާ އާއި ބޭރުގެ ޖަމިއްޔާތަކުން ރާއްޖޭގެ ޝަރުއީ ދާއިރާއާ ގުޅޭ ގޮތުން ހަދާފައިވާ ދިރާސާތަކާއި ރިޕޯޓްތަކަށް ބަލައިގެން އެކުލަވައިލި މަގުޗާޓެއް ކަމަށެވެ.
މަގުޗާޓްގައި ހިމެނޭ ބައެއް މުހިންމު ކަންކަމުގެ ތެރޭގައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އާއި ގާނޫނުތައް އިސްލާހު ކުރުމާއި ފަނޑިޔާރުން އައްޔަން ކުރުމާއި ވަކި ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ފަނޑިޔާރުން ޖަވާބުދާރީ ކުރެވޭނެ ނިޒާމެއް ގާއިމު ކުރުމާއި ރައްޔިތުންގެ ޝަކުވާތައް ފަސޭހަ އިން ހުށަހެޅޭނެ ނިޒާމެއް ގާއިމު ކުރުން ހިމެނެ އެވެ.
މީގެ އިތުރުން، ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމުގެ ނިޒާމެއް ގާއިމު ކުރުމާއި ހުކުމް ތަންފީޒު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމާއި ހުރިހާ ސިޓީތަކެއްގައި ސުޕީރިއާ ކޯޓުތައް ގާއިމު ކުރުމާއި ޖުޑިޝަލް އެޑްމިނިސްޓްރޭޝަން ނިޒާމު ހަރުދަނާ ކުރުން ފަދަ ކަންކަން ހިމެނެ އެވެ.
މަގުޗާޓުގައި ހިމެނޭ އެހެން ބައެއް ކަންކަން:
- ފަނޑިޔާރުގޭގެ މާލީ މިނިވަންކަން ކަށަވަރު ކުރުން.
- ފަނޑިޔާރުންގެ މަސައްކަތުގެ ފެންވަރު ހަރުދަނާކޮށް ތަންފީޒުކުރުން.
- ޖުޑީޝަލް ކޭސް މެނޭޖްމަންޓްގެ ނިޒާމު ހަރުދަނާ ކުރުން.
- އީ ފައިލިންގެ ނިޒާމު ގާއިމު ކުރުން.
- ޓެކްނޮލަޖީގެ ނިޒާމު ބޭނުންކުރާ ވަރު އިތުރު ކުރުން.
- ފަނޑިޔާރުންނަށް އިލްމީ އަދި ފަންނީ ފުރުސަތުތައް ހޯދައި ދިނުން.
ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާއި ބައެއް ވަޒީރުންނާއި ޝަރުއީ ކޯޓުތަކުގެ ގިނަ އަދަދެއްގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިއުލާން ކުރި މަގުޗާޓުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ ޖޭއެސްސީ އިސްލާހުކޮށް، ހަރުދަނާ ކުރުމެވެ.
އެގޮތުން ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހުކޮށްގެން، އެ ކޮމިޝަން އަލުން އެކުލަވާލައި މިނިވަންކަމާއި ނަޒާހަތްތެރިކަމާ އެކު ސިޔާސީ އަދި އެހެނިހެން ނޭދެވޭ ނުފޫޒެއް ނެތި ކޮމިޝަން މަސައްކަތް ކުރުމަކީ ހަރުދަނާ ފަނޑިޔާރުގެއެއް ބިނާކުރުމުގެ އެއް އަސާސް ކަމަށް މަގުޗާޓުގައި ބުނެފައިވެ އެވެ.
މީގެ އިތުރުން، މިހާރު އަމަލުކުރާ އެތައް ގާނޫނެއް، ހާލަތާ އެއްގޮތަށް ބަދަލުކޮށް، އަދުލު އިންސާފަށް ފަސޭހަ އިން ވާސިލް ވުމަށް ގާނޫނީ އޮނިގަނޑު އިސްލާހު ކުރުން ވަރަށް މުހިންމު ކަމަށް އޭގައިވެ އެވެ.
ފަނޑިޔާރުގެ ކޮރަޕްޝަންގެ ވަބާ އިން ސަލާމަތްވެފައިވާ ކަން ކަށަވަރުކޮށް، ފަނޑިޔާރުންނާއި ޝަރުއީ ދާއިރާގެ މުވައްޒަފުންގެ ސުލޫކީ މިންގަނޑުތައް ތަންފީޒު ކުރުމުގެ ނިޒާމު ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އިސްލާހު ކުރާނެ ކަމަށް ވެސް މަގުޗާޓުގައި ވެ އެވެ.
ފަނޑިޔާރުގެ އަކީ ރައްޔިތުންނަށް އަސާސީ ހިދުމަތެއް ފޯރުކޮށްދޭ، ރައްޔިތުންނާއި ދައުލަތުގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކޮށްދޭ ތަނަކަށްވާ އިރު، ފަނޑިޔާރުގެއާ މެދު ރައްޔިތުންގެ ޝަކުވާތައް ހުށަހަޅައި، އެ ޝަކުވާތަކަށް އަވަސް ފިޔަވަޅުތަކެއް އެޅޭނެ ނިޒާމެއް ގާއިމު ކުރުން މުހިންމު ކަމަށް ޗާޓުގައި ވެ އެވެ.
ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް ޝަރުއީ ދާއިރާ އަށް ދައުލަތުގެ ބަޖެޓުގެ ވަކި މިންވަރެއް ކަށަވަރުކޮށްދިނުމާއި ޝަރުއީ ދާއިރާގެ ބަޖެޓުން ހަރަދު ކުރުމުގެ ކަންކަން ޝަރުއީ ދާއިރާ އަށް ދޫކޮށްލުން ފަދަ އިސްލާހުތައް ގެންނަން ޖެހޭ ކަމަށް ވެސް މަގުޗާޓުގައި ވަނީ ބުނެފަ އެވެ.