ދަރުމަވަންތަ ސްކޫލުގެ ދަރިވަރެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލިތާ ހަފުތާއެއްވީއިރު ވެސް އެ މައްސަލާގައި މީހަކު ހައްޔަރެއް ނުކުރެ އެވެ.
ފަސް މީހުން ހިމެނޭ ގްރޫޕަކުން ދަރިވަރަށް ހަމަލާދިނީ، ސްކޫލް ނިންމާފައި ގެއަށް ދިޔަ މަގުމަތީގަ އެވެ. މި ހަމަލާއާ ގުޅިގެން އޭނާ އަށް ހޮސްޕިޓަލުގައި ފަރުވާ ދޭން ވެސް ޖެހުނެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވީ ނަމަވެސް ތަހުގީގު ކުރިއަށް އެބަދާ ކަމަށެވެ.
ސީއެޗްއެސްއީ ކައިރީގައި ހިންގި އެ މާރާމާރީގައި އެ ދަރިވަރުގެ އަރިކައްޓަށް ވަޅި ހަރާފައިވާއިރު އިނގިއްޔެއް ބިންދައިގެން ދިއުމުގެ އިތުރުން ބޮލަށް ވެސް ވަނީ ކުދި ކުދި ގެއްލުންތަކެއް ލިބިފަ އެވެ.
ދަރިވަރު ބުނެފައިވާ ގޮތުގައި އޭނާ އަށް ހަމަލާދިނީ މާލޭގެ ގޭންގަކަށް ނިސްބަތްވާ މީހެއް ކަމަށް ބުނެ އެވެ.